ފިތުރު އީދުގެ މުނާސަބަތުގައި 2 މޭ 2022 ވަނަ ދުވަހުގެ ހަވީރު މާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސުމުން އާއިލާތައް މަގުމަތީގައި ވަގުތު ހޭދަ ކުރަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ލިވިން

އާންމުންގެ ބޭނުންތަކާ ސަރުކާރު ބީރައްޓެހި

ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިކަން ނޭނގި ރައްޔިތުންގެ ދިރިއުޅުމަށް މައުނަވީ ބަދަލެއް ނުގެނެވޭނެ
31 ޑިސެމްބަރު 2023

އިހަށް ދުވަހު ރައްޔިތުން ވޯޓުލައިގެން ހޮވި ސަރުކާރުން ކުރީގެ ސަރުކާރުތަކަށް ވުރެ ރަނގަޅަށް ކަންކަން ކުރާ ތަނެއް އަދި ނުފެނެ އެވެ. ސަރުކާރުގެ މަތި ބަރުކަމުން ދައުލަތުގެ ހަރަދު ބޮޑުވާ އިރު، ރައްޔިތުންގެ އާމްދަނީ އަށާއި ދިރިއުޅުމަށް މައުނަވީ ބަދަލެއް މި ދާ ގޮތުން މި ދައުރުގައި ވެސް ފެނިދާނެބާވައޭ އެއީ ހިތާ ހިތުން ކުރެވޭ ސުވާލެކެވެ.

މިދިޔަ ހަފްތާގައި ފޭސްބުކް ހުޅުވާލި އިރު ފެނުނީ، މީހަކު އޭނާގެ މައިންބަފައިން އުމްރާއަށް ފުރުވަން ގޮސް އެއާޕޯޓުގައި ހުއްޓާ، ބައްޕަގެ ޕާސްޕޯޓް މުއްދަތު ހަމަވެފައިކަން އިނގުމުން އިމިގްރޭޝަންގެ މަތީ ފަންތީގެ ވެރިޔަކަށް އޭނާ ގުޅައިގެން ޕާސްޕޯޓް 45 މިނެޓު ތެރޭ ހެއްދި ވާހަކަ އެވެ. އަދި ފުރުން ހަމަޖެހުނު ވާހަކަ އެ މީހާ ކިޔައިދިނީ އެކަން އޭނާއަށް ކުރެވުމުން، ޝުކުރު އަދާކޮށް ސަނާ ކިޔުމަށެވެ. "ދިވެހިރާއްޖޭގެ ތަފާތުކަން އިހްސާސްވުމުން"ނެވެ.

ނަމަވެސް، އެއް ބަޔަކު އެ ފޭސްބުކް ޕޯސްޓަށް އެހެން ވާހަކައެއް ކޮމެންޓްތަކުގައި އޮއްސާލި އެވެ. އެ މީހުން ބުނެފައިވަނީ ކޮންޓެކްޓެއް ހުރެއްޖެއްޔާ ސަރުކާރުގެ އިދާރާތަކުން ކޮންމެ ކަމެއް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމުގަ އެވެ. ނަމަވެސް 'އާދައިގެ މީހެއް' ކަމެއްގައި ގޮސްގެން ހަލުވިކޮށް ބާރަށް ކަންކަން ކުރެވޭ ގޮތެއް ނުވެ އެވެ. ރުޅިއައިސް، އަތުގައި އޮންނަ ފޯނު ބިތުގައި ޖަހާ ހިސާބަށް ދާއިރު ކުޑަމިނުން ފޯނު ވެސް ސަރުކާރުގެ އިދާރާއަކުން ނުނަގާނެ އެވެ.

ކޮރަޕްޝަންގެ ވަކިތައް ގައުމުގައި އޮތް މިންވަރު މިކަމުން ބުނެދެ އެވެ. އަހަރެމެން ރައްޔިތުން ވެސް މިއަށް ވުރެ ބޮޑަށް ލޯ ހުޅުވެން ވެއްޖެ އެވެ. ކޮންޓެކްޓެއް ހުރީތީ ގުޅުވައިގެން ކަންކަން ކުރުމަކީ ސަރުކާރުގެ މުވައްޒަފުން އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ނަޒާހާތްތެރިކޮށް އަދާ ކުރުމަށް އެޅޭ ހުރަހެއްކަން ދަންނަންވެއްޖެ އެވެ.

އެހެން މީހަކު ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރަން އަހަރެމެން ނުރުހޭ އިރު، އަހަރެމެން ވެސް އެ ގޮތަށް ކަންކަން ކުރަން ނޫޅުން ބުއްދިވެރި އެވެ. ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ކުރަންވީ، އުސޫލުން ބޭރުން އެެއްވެސް މީހަކަށް އިދާރާއަކުން ހިދުމަތް ނުދެވޭ ގޮތް ހެދުމަށެވެ.

އަނެއްކާވެސް އެހެން ކަމެކެވެ. މާލޭގެ މާވެޔޮމަގަކީ ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ހިނގާބިނގާވާ މަގެކެވެ. ސްޓެލްކޯ އިން އެ މަގުގައި މާވެޔޮ މިސްކިތާ ދިމާވާ ގޮތަށް ކަންމައްޗަކަށް ޓްރާންސްފޯމަރެއް ބެހެއްޓެމުން އެތައް އަހަރެއް ވަންދެން މަގުގެ ޖާގަ ދަތިވެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑަށް ބުރޫއެރި އެވެ. މިސްކިތުގެ ބޭރުގައި ނަމާދު ކުރާ މީހުންނަށް ވެސް ދައްޗެވެ. ޖާގަ ތަނަވަހެއް ނޫނެވެ.

މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިން އެ ޓްރާންސްފޯމަރު  އެތާ ބެހެއްޓުމުން އެތައް ބަޔަކު އައީ ޝަކުވާ ކުރަމުންނެވެ. އަހަރެން ރަސްމީކޮށް ޝަކުވާ ނުކުރިޔަސް މިއީ ކޮންމެ ދުވަހަކުހެން ދުއްވާ މަގެކެވެ. ރަތްދަކަ އަވީގައި ޓްރެފިކްގައި ޖެހިފައި ތިބޭ މީހުންގެ ހިތުގައި މި ޝަކުވާ ބޮޑެވެ. 

މާވެޔޮ މިސްކިތް ކައިރީ ހުންނަ ޓްރާންސްފޯމަރު އެތަނުން ނެގުމުގެ މަސައްކަތް ފެށުމަށް، އެ ސަރަހައްދު ބައްލަވާލައްވަން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެ ސަރައްދުގައި (ފޮޓޯ/ސްޓެލްކޯ)

މިކަން ބަދަލުކޮށް ސްޓެލްކޯ އިން މިހާރު ވަނީ ޓްރާންސްފޯމަރު ނަގާފަ އެވެ. އާނއެކެވެ. އެތައް ބަޔަކަށް ލުއިފަސޭހަވެއްޖެ އެވެ. މަގު ފުޅާ ވެސް ވެއްޖެ އެވެ. ވެމްކޯއަށް ކުނި ނަގަން ވެސް ފަސޭހަވެއްޖެ އެވެ. މިކަމާ އެއް ބަޔަކު ހެވިދިލި ސަރުކާރަށް ކިޔަން ފެށި ސަނާ އިން ހައިރާންވި އެވެ. މިއީ ސަރުކާރަށް ސަނާ ކިޔައި އަތްޖަހަންވީ ވަރު ކަމެއް ބާވަ އެވެ؟ މިއީ ހަމަ އެންމެ ބޭސިކް ނޫން ހެއްޔެވެ؟ އަހަރެމެންނަށް އަދިވެސް ނުވިސްނެނީ އެވެ.

މިހެން ކަންކަން ދާ ނަމަ މާލޭގެ މަގުމައްޗަށް ގިނަވެފައި އޮންނަ ބުޅާތަކުގެ ތެރެއިން ބުޅަލެއް ގޭދޮށު ކަންމައްޗަށް ބޮޑުކަމުނުގޮސް އޮވެއްޖެއްޔާ ވެސް ސަރުކާރަށް އެ ދުވަހަކު ސަނާ ކިޔަންވީ އެވެ.

ދެން އޮތީ އާ އަހަރުގެ ވާހަކަ އެވެ. މިއީ ސްކޫލްތަކުގެ ޓާމް ނިމި ރިޕޯޓު ފޯމު ދިނުމާ އެކު ރަށްރަށުން ވެސް އެތައް ބަޔަކު މާލެ ޒިޔާރަތް ކުރާ  ދުވަސްވަރެކެވެ. މާލޭގެ މަގުތަކާއި ފިހާރަތަކާއި ހޮސްޕިޓާތަކަށް ބަލާލީމަ އެކަން އިނގޭނެ އެވެ.

އާ އަަހަރު ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން ބާއްވަން އުޅޭ ހާއްސަ ޝޯއަކާއި ފެސްޓިވަލެއްގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީން ފެނުނެވެ. ގިނަ ބަޔަކު އިންތިޒާރު ވެސް ކުރާނެ އެވެ. މޫސުން ގޯސްކަމުން އެކަން ވަނީ ފަސްކޮށްފަ އެވެ.

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު: އެ މިނިސްޓްރީން އާ އަހަރާ ދިމާކޮށް ބާއްވަން އުޅުނު 'ދިވެހިންގެ ރާއްޖެ ފެސްޓިވަލް' ވަނީ ފަސްކޮށްފައި (ފޮޓޯ/ޔޫތު މިނިސްޓްރީ)

ނަމަވެސް، އެއް ބަޔަކު ދައްކަނީ ފަލަސްތީނުގެ އަހުންނާއި އުހުތުންގެ ލޭ ކޯރުތައް ގާޒާގެ މަގުމަތީގައި ހެދިފައިވާ އިރު، އަބަދުވެސް ފަލަސްތީނާ އެކު ތިބޭ ކަމަށް ދައުވާ ކުރާ މީހުން ކޮންމެހެން އާ އަހަރު ފަށަން ޝޯ ބާއްވައި ހަވާ އަރުވަން ނުޖެހޭނެ ވާހަކަ އެވެ. މިކަމާ އެއްބަހެވެ.

އެކަމަކު ބަންދުގައި ޗުުއްޓީގައި އެންމެންނަށް ބޭރަށް ފުރަފުރައިގެން ވެސް ނުދެވޭ އިރު، އާއިލާއާ އެކު އުފާކޮށްލަން އާއިލީ ހަވީރެއް ކަަހަލަ ކަމެއް ނެތުމުން ފަޅެވެ. ދާނެ ތަނެއް، ކުރާނެ ކަމެއް އޮތް ސިޓީއެއް ނޫނެވެ. ކުޑަމިނުން ފަތާ ޓްރެކް ވެސް އެ އޮތީ ނަޖިހުން ތަގައްޔަަރުވެފަ އެވެ. މިކަމަށް ވެސް އެދެވޭ ހައްލެއް އަދިވެސް ނެތެވެ.

އަހަރެން މި ހުރިހާ ކަމަކާ ވިސްނައި ފިކުރު ހިންގާލީމެވެ. އަހަރެންގެ އޮތީ ގަލަމެކެވެ. އެ ގަލަން އަދި މިނިވަންކަމާ އެކު އެބަ ހިނގަ އެވެ. ބްލޮކެއް ނެތެވެ.

މިފަދަ ކަންކަމުން ދޭހަވަނީ އެއް ކަމެކެވެ. ސަރުކާރު އާންމުންގެ ބޭނުންތަކާ ބީރައްޓެހިވެފައިވާ މިންވަރެވެ. ފެންނަނީ ސްކޫލް ދަރިވަރަކު ވެސް އާދައިގެ ކުޑަކުޑަ ކަމެއް ކޮށްލާފައި ބެޖެއް ހޯދަން އުޅޭ އުސޫލަށް މަސައްކަތް ކުރާ ވެރިންތަކެކެވެ. ރައްޔިތުން ބޭނުންވާ ކަންކަން ނޭނގޭ ނަމަ ރައްޔިތުންގެ ދިރިއުޅުމަށް މައުނަވީ ބަދަލެއް ނުގެނެވޭނެ އެވެ.

ހިތަށް އައީ ޑރ. މާޓިން ލޫތާ ކިންގުގެ ބަސްކޮޅެކެވެ. "ރައްޔިތުން ބޭނުންވަނީ ފައިސާއަށް ބޫތުކައިފައި ތިބި ވެރިންނެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ، އިންސާފަށް ލޯބި ކުރާ ވެރިންނެވެ. ރައްޔިތުން ބޭނުންވަނީ ތިމާ މީހާގެ މަގުބޫލުކަމާއި މަޝްހޫރުކަމަށް އުޅޭ ވެރިންނެއް ވެސް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އިންސާނިއްޔަތުކަމުން ފުރިފައިވާ ވެރިންނެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް