ކޮރަޕްޝަން

ބިލަށް ފައިސާ ލިބިދާނެ އެކަމަކު %10ގެ ކަޓެއް ދޭން ޖެހޭނެ

މިއީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް ހަރުލާފައިވާ ތަފާތު ވައްތަރެއްގެ ހިޔާނާތެއް. މިކަމަކާ ހެދި ވިޔަފާރިތަކަށް ވަނީ ހުރަސް އެޅިފައި
6 ޑިސެމްބަރު 2023
6

މިދިއަ ސަރުކާރުގެ ދުވަސްވަރު ސަރުކާރު ކުންފުންޏަކުން ގާތްގަނޑަކަށް 2 މިިލިއަން ރުފިޔާ ލިބެން އޮތް ވިޔަފާރިވެރިޔަކާ އަޅުގަނޑަށް ބައްދަލުވެވުނެވެ. އޭނާ ބުނި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރުގެ ބިލްތައް ލަސްވުމެވެ. ފައިސާ ލިބެން ނަގާ މުއްދަތު އިތުރުވެ، މަސައްކަތުގެ އަގު އަސްލު އަގު ނެތި ދިއުމެވެ. 

"ދެން އޮތީ އަދި މާ ބޮޑު ވާހަކައެއް،" އޭނާ ބުންޏެވެ.

"ފައިސާ މި ލިބެނީ އެ ދޫކުރާ ބަޔަކަށް ކަޓެއް ދީގެން. އަހަރެންގެ ދެ މިލިއަން ރުފިޔާ ނުލިބި ގިނަ ދުވަސް ވާތީ ގުޅީމާ ބުނަނީ އަދި ނުނިމެއޭ، ދެން ވަކިން ގުޅާފައި މި ބުނަނީ ދެ ލައްކަ ރުފިޔާ ދޭށޭ، އޭރުން ވަގުތުން ދޫކޮށްލާނަމޭ."

މިއީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައި އޮތް މައްސަލައެއް ނޫނެވެ. ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބެން ހުރި ކުންފުނިތަކަށް ވެސް މި މައްސަލަ ކުރިމަތިވެފައި އޮތްކަން، މައުލޫމާތު އެނގި ތިބި އެކި މީހުން ބުންޏެވެ. މި ދައްކަނީ 50 މިލިއަނުން، 100 މިލިއަނުން އަދި 200 މިލިއަން ރުފިޔާ އާއި އެއަށް ވުރެ ބޮޑެތި އަދަދުތަކުގެ ފައިސާގެ ވާހަކަ އެވެ. 

ރަށެއްގައި ސަރުކާރުގެ މަޝްރޫއުއެއް ކުރިއަށް ދަނީ: ތަފާތު މަޝްރޫއުތަކުގެ ތެރެއިން ކަޓަށް ފޭދޭ ފައިސާ ގިނަކަމުގެ ތުހުމަތު އޮވޭ

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ އޮފިޝަލުން، އެކި މަޝްރޫއުތަކުން ކަޓު ނެގުމަކީ ކުރިންސުރެ ރާއްޖޭގައި އޮތް ކުށެކެވެ. ސަރުކާރުގެ ތެރެއިން ބައެއް ކަންކަން ހަމަޖައްސައިދީގެން އޭގެ ނާޖާއިޒު ފައިދާ ނެގުން ވެސް އޮވެ އެވެ. ނަމަވެސް ސަރުކާރާއި  ސަރުކާރުގެ ކުންފުނިތަކުން ބިލްތަކަށް ފައިސާ ދައްކަން، އެއިން ވަކި ޕަސެންޓެއްގެ ރިޝްވަތު ނެގުމަކީ، މި ފަހުގެ 'ފެޝަނެކެ'ވެ. ނުވަތަ އެކަން ތިލަވެގެން މި އުޅެނީ މި ފަހުންނެވެ. ތިލަވަނީ ގިނަ ފަހަރަށް އެކަން އާންމު ކަމަކަށް ވުމުންނެވެ.

ބޮޑު އަދަދެއްގެ ބިލެއް ނަމަ، ނުވަތަ ސަރުކާރުން ވަކި ކުންފުނިތަކަކަށް ދައްކަން ޖެހޭ އެތައް ބިލެއް ނުދެއްކި ދަރަނި ބޮޑުވަމުން ގޮސް އެތައް ސަތޭކަ މިލިއަން ރުފިޔާއަކަށް އެރުމަކީ، އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ ވަކި ވެރިންތަކެއް މުއްސަނދިވުމުގެ އުކުޅަކަށް މިހާރު މި އޮތީ ހަދައިފަ އެވެ. މިސާލަކަށް 50 މިލިއަން ރުފިޔާގެ %10 އަކީ 5 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން އަމިއްލަ ބަޔަކަށް 200 މިލިއަން ރުފިޔާ ދައްކަން ޖެހި، ކަޓަށް އޭގެ %10 ނަގާ ނަމަ، އެއީ 20 މިލިއަން ރުފިޔާ އެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބޮޑެތި އަދަދުތަކުން ލިބެން ހުރި ފައިސާ ހޯދަން ބައެއް ކުންފުނިތަކުން އެ 'ހުށައެޅުން' ގަބޫލެއްނުކުރެ އެވެ. އެކަމަކު ލިބެން ޖެހޭ ބޮޑެތި އާމްދަނީތައް ހިފެހެއްޓި، ދިގު މުއްދަތަކަށް އެ ދަތިކަން ތަހައްމަލްކުރުމަށް ވުރެ %10 ދީފައި ފައިސާކޮޅު ހޯދަން ބައެއް ކުންފުނިތަކުން ބޭނުންވާނެ އެވެ.

މި ނުބައި ކޮރަޕްޝަން ދައުލަތުގެ ތެރެއަށް ވަނުމުގެ އެހެން ނުރައްކަލެއް ވެސް އެބަ އޮތެވެ. އަމިއްލަ ކުންފުނިތަކުން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާ އެކު ހިންގާ އެކި މުއާމަލާތްތަކުގެ އަގު، އެ %10އަށް ބިނާކޮށް، ބޮޑުކުރުމެވެ. އެއީ އަނެއްކާވެސް ރައްޔިތުންގެ ފައިސާއިން ވަކި ބަޔަކު މުއްސަނދިވެ، ނާޖާއިޒު ފައިދާ ނެގުމެވެ. ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ލޭ ބުއިމެވެ.

ރާއްޖޭގެ ރަށެއްގެ މަގުމަތި: ސަރުކާރުތަކުގައި އޮތް ހިޔާނާތް ބޮޑުވުމުގެ މާނައަކީ ރައްޔިތުންގެ ފައިސާއިން ނުހައްގު މުއްސަނދިކަން ހޯދުން

މައްސަލައަކީ މި ވާހަކަ ދައްކައިގެން ހައްލެއް ނެތުމެވެ. ރާއްޖޭގައި މިނިވަން މުއައްސަސާތައް ހުރީ ނަމަކަށެވެ. ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލް އާއި ޝަރުއީ ކޯޓުތައް ވެސް، މިފަދަ ހިޔާނާތާ ދެކޮޅަށް ތެދުވެރި މަސައްކަތެއް ކުރެވޭ ވަރަށް 'މިނިވަނެއް' ނޫނެވެ. އޭރަކު އޮންނަ ސަރުކާރެއްގެ ނުފޫޒުގައި އުޅެން ޖެހުމުން، ސަރުކާރުގެ ބާރުގަދަ މީހުންގެ ރޭވުންތަކާ ދެކޮޅަށް ސީދާ ތެދުވެވޭކަށް ނޯވެ އެވެ. އެހެންކަމުން އާ ވައްތަރުގެ ހިޔާނާތްތައް އުފެދި، ދައުލަތުގެ މުއްސަނދިކަމުގައި ކަތުރުފަނި އަޅައި، ކައި ހަލާކުކުރަނީ އެވެ.

އެތައް މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ނުލިބި، ސަރުކާރުގެ ނުވަތަ ސަރުކާރު ކުންފުނިތަކުގެ 'ހެޔޮ ވެރިން'ގެ އަމަލްތަކާ ހެދި އަމިއްލަ އެތައް ކުންފުންޏަކަށް އޮތީ ތާށިކަމެވެ. ހިތާމަކުރަން ޖެހެނީ ރައްޔިތުންނާއި ރައްޔިތުންގެ ވިޔަފާރި ހިމާޔަތްކުރުމުގެ މައިގަނޑު ޒިންމާ އުފުލަން ޖެހޭ ރައްޔިތުންގެ ސަރުކާރުން ކުރިމަތިކުރުވާ މިފަދަ ދުއްތުރާތަކަށް ހައްލެއް ލިބުން ދުރުކަމުންނެވެ. ހަމައެކަނި އޮތް ހައްލަކީ އާ ސަރުކާރުގެ ވެރިން އެ %10އާ ދުރުވުމެވެ. ކުންފުނިތަކާ އަލަށް ހަވާލުވާ ވެރިން އެފަދަ ނާޖާއިޒު ފައިދާއިން ހަރާބުނުވުމެވެ.

އެކަމަކު ރާއްޖޭގެ ސިޔާސީ ދާއިރާގައި ހިޔާނާތް އޮތް މިންވަރަށް ބަލާއިރު މިއީ ވުމަށް ވުރެ ނުވުން ކައިރި ކަންކަމެވެ. ވެރިކަމަށް ކޮންމެ ބަޔަކު ވެސް އަންނަނީ ލިބެން ހުރި ކަޓުތަކުގެ ހިސާބު ޖަހައިގެންކަން، އެންމެންނަށް ވެސް އެނގެ އެވެ. ބިލްގެ %10 ކަޓު ވެސް ނައްތާނުލެވި ކުރިއަށް ގެންގޮސްފައި އެވަނީ ވެސް ހިޔާނާތަށް 'ޒީރޯ ޓޮލެރެންސް' އިއުލާންކުރި ސަރުކާރެއްގެ ނުފޫޒު ގަދަ ބައެކެވެ. އާ ސަރުކާރުގައި ވެސް އެފަދަ ނުފޫޒު ގަދަ ވެރިން ތިބޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ކޮމެންޓް (6)

ސޭކުސްތާން

25 ޑިސެމްބަރު 2023
މިކަމުގަ ޝަހޯބުގެ ބަހެއްބޭނުން.🤣
0 0

ހަރާބް

7 ޑިސެމްބަރު 2023
ހެސް ކިޔާފައި ނަރަކައިގެ އަލިފާން ކަނީއެވެ. އަދި އަނބިދަރިންނަށްވެސް އެ އަލިފާން ކާންދެނީއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ.
14 0

ބިންބި

7 ޑިސެމްބަރު 2023
މިއީ ހަމައެކަނި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ސަބަބުން މެދުވެރިވާ ކަމެއްނޫން. ބިޑް ކުރާ ކުންފުނިތަކުގެ އިހުމާލާއި ނާޖާއިޒު ފައިދާ ނެގުމަށް ހިންގާކަންކަން ހިމެނޭ. އެފަރާތް ތަކުން އަމިއްލަ އިސްނެގުމަށް “ހަދިޔާ” ދޭންފެށުމުން މިފަދަ ޑިމާންޑް ކުރުމަށް މަގުފަހިވެގެން ދޭ. މިހާރު ދެން ހައްދު ފަހަނައަޅާފަ މިއޮތީ.
7 0

ކޮމަންޓޭޓަރު

7 ޑިސެމްބަރު 2023
މޫސަ ކަލޭމެން މިދިޔަ 5 އަހަރު ތިވާހަކަތައް ނުދައްކާ ތިބީ އެފަދަ މީހަކާ ދިމާނުވާތީތަ؟ ނޫނީ މިހާރު ހާލަތު އޮތްގޮތުން މި ދައުރުގައި ކުރިއަށް ދެވޭނެ މަގެއް ނެތީތަ؟ ހެޔޮނުވާނެ، ނަޒާހަތްތެރިކަމާއެކު މިނިވަން ނޫސްވެރިކަމެއް ކޮށްދީބަލަ.
9 0

އަހަންމަދާ

6 ޑިސެމްބަރު 2023
މިއީ އަސްލު ފިނޭންސް މިނިސްޓްރީ ހިނގާ ގިތެވެ. އަދި ހިންގަން ތިބި މީހުން ހިންގަންވެސް ބޭނުންވާ ގޮތެވެ. އެހެންވީމަ އެ %10 ހިމަނައިގެން ބިޑްކުރާ މީހުންވެސް މަދެއްނޫނެވެ. ގާނޫނަކުން މިކަން ހުއްދަކުރުން މާ ރަނގަޅެވެ. އެމީހުންގެ އެލަވަންސެއްގޮތަށެވެ. އޭރުން މިކަން ނިމުނީއެވެ.
7 0

ތެފައާސާ.

6 ޑިސެމްބަރު 2023
މި ނޫން ކަމެއް އެބައޮތްތަ؟ އެންމެ ގިނަވެގެންވެސް 2 ނުވަތަ 3 މިލިއަން ރުފިޔާއަށް ލިބޭ ކާރުގެ 23 ކާރު އެ ގެންނަނީ ވަޒީރުންގެ ބޭނުމަށޭ ކިޔާފައި ކާރެއް 7 މިލިއަން ރުފިޔާގެ ރޭޓުން. އަޑުއިވޭގޮތުން ވެއްޖެއްޔާ ރައީސް އޮފީހުގައި އުޅުއްވާ ބޭކަލަކަށް ކާރަކަށް 2 މިލިއަން ރުފިޔާގެ ރޭޓުން "ސައިފޮދު" އަރުވާގޮތަށް އެއްބަސްވެގެން ކަމަށްވަނީ..
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް