މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއް ކުރިއަށް ދަނީ: ޖިނާއީ ތަހުގީގުތަކަށް ޕީޖީގެ އިރުޝާދާއި ލަފާ ފުލުހުންނަށް ލިބުމަކީ މައްސަލަތައް ސާބިތުކުރަން އޮތް މަގެއް

ޕީޖީ

ޕްރޮސިކިއުޓަ ޖެނެރަލާއި ފުލުހުންގެ ގުޅުން – ތަހުގީގު މަރުހަލާ

ޕީޖީ ހުސެއިން ޝަމީމް ލިއުއްވި ގޮތުގައި ފުލުހުންގެ މަސައްކަތް ކާމިޔާބުވުން އޮތީ ޕީޖީގެ މަސައްކަތް ކާމިޔާބުވެގެން. އަދި ޕީޖީގެ މަސައްކަތް ކާމިޔާބުވާނީ ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެން
29 ނޮވެމްބަރު 2023
2

ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމަން އަމާންކަން ގާއިމުކޮށްދީ މީހުންގެ އަސާސީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އޮންނަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށެވެ. ޖިނާއީ މައްސަލަ ތަހުގީގުކުރުމުގެ ބާރު އޮތީ ތަހުގީގީ އިދާރާތަކަށެވެ. މައިގަނޑު ގޮތެއްގައި ފުލުހުންނަށެވެ. ޖިނާއީ އަދުލުގެ ނިޒާމު ތަރުތީބު ކުރެވިފައި އޮތް ގޮތުން ފުލުހުން ތަހުގީގުކުރާ މައްސަލަތަކުގެ ހެކި ވަޒަންކޮށް ދައުވާކުރުމުގެ އެންމެހައި ކަމެއް އޮތީ ޕްރޮސިކިއުޓަ ޖެނެރަލަށެވެ. ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ތަފާތު ގުޅުމެކެވެ. ޚިޔާލުތަފާތުވުމުގެ ތެރެއިން ވެސް ނަތީޖާ ހޯދައިދޭ، ނިކަން ތަހުޒީބު ގުޅުމެކެވެ. 

ކުރިން އަމަލުކުރި 1998ގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާ (އެންމެ މަތީ ވެރިޔާ)ގައި އޮތީ ފުލުހުންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ފުލުހުންނާ ގުޅޭ އެ ނޫން ވާހަކައެއް އެ ގާނޫނުއަސާސީއަކު ނެތެވެ. ފުލުހުންނާ ބެހޭ ގާނޫނެއް ވެސް 2008ގެ ކުރިއަކުން ނެތެވެ. މިހާރު އަމަލުކުރާ 2008ގެ ގާނޫނުއަސާސީގައި އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ތެރެއިން ވެސް ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ކަންކަން ހަރުދަނާކުރުމެވެ. އެއީ ގާނޫނުއަސާސީ އެކުލަވާލުމުގައި އޮތް ތާރީޚީ ހަގީގަތްތަކާ ވެސް ގުޅުން އޮތް ކަމެކެވެ. އާ ގާނޫނުއަސާސީއާ އެކު ޖިނާއީ އަދުލުގެ ނިޒާމަށް އައި އިންގިލާބީ ބަދަލުގައި ފުލުހުންގެ މަސައްކަތަކީ 'ސަލާމަތީ ޚިދުމަތެއް' ކަމަށް ކަނޑައެޅި އެވެ. 'ސަލާމަތީ ބާރެއް' ނޫނެވެ. ހިދުމަތެކެވެ. މި ލަފުޒު ގާނޫނުއަސާސީގައި ގެނެސްފައި އޮތީ އޮޅިގެންކަމަށް ބަލައިގެނެއް ނުވާނެ އެވެ. ޤާނޫނުއަސާސީގެ 236 ވަނަ މާއްދާ (ސަލާމަތީ ހިދުމަތްތައް ގާއިމްކުރުން)ގައި އޮތީ "ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާ އެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމްކޮށްފައި އޮންނަންވާނެ" ކަމަށެވެ.

ފުލުހުންގެ ތަހުގީގުތަކަށް ހާއްސަ އިމާރާތް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހުޅުވުމުގެ ރަސްމިއްޔާތު: ފުލުހުންނާއި ޕީޖީއާ އޮންނަ ގުޅުން އަބަދުވެސް ރަނގަޅުވާން ޖެހޭ --- ފޮޓޯ/ ޕޮލިސް

ފުލުހުންނާ ބެހޭ ދެ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެއީ 5 އޮގަސްޓު 2008ގައި އަމަލުކުރަން ފެށި ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) އާއި 27 މާޗު 2021ގައި އަމަލުކުރަން ފެށި ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު) އެވެ. ދެވަނަ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ހަމަ އެ ދުވަހު ފުރަތަމަ ގާނޫނުގެ ބާރު ކެނޑިއްޖެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލަކީ ވެސް ގާނޫނުއަސާސީން އުފެއްދި މަގާމެކެވެ. ޕްރޮސިކިއުޓަ ޖެނެރަލަކީ ދިވެހިރާއްޖޭގައި ޖިނާއީ ދައުވާތަކާ ބެހޭ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސް މީހާގެ ގޮތުގައި ދުސްތޫރީ ބާރުތަކަކާ އެކު އުފެއްދި މަގާމެކެވެ. ގާނޫނުއަސާސީގެ 223 ވަނަ މާއްދާ (ޕްރޮސިކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުތައް)ގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ ބާރާއި ހުށަހަޅާފައި އޮތް ދައުވާއެއް އެއްވެސް ސަބަބަކާ ހުރެ އަނބުރާ ގެނައުމުގެ ބާރު ލިބެ އެވެ. މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ހިންގާ ތަހުގީގުތައް ހިންގަނީ ރަނގަޅަށްތޯ ބެލުމަކީ ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ ދުސްތޫރީ ޒިންމާއެކެވެ. މި ބާރުތަކުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ފެނިއްޖެ ނަމަ އެ ތަހުގީގެއް ހިންގުމަށް އަމުރުކުރުމުގެ ބާރު ވެސް ހިމެނެ އެވެ.

ފުލުހުންގެ ގާނޫނު 2008ގައި ފާސްކުރީ ގާނޫނުއަސާސީއަށް އަމަލްކުރުމުގެ އެއް ދުވަސް ކުރިންނެވެ. ވީމާ ގާނޫނުއަސާސީއާ އެކު ފުލުހުންގެ މަސައްކަތަށް އަމަލީ ގޮތުން އަންނާނެ ބަދަލުތަކަށް ވިސްނާލެވިފައި އޮތް ކަމަކަށް ނުފެނެއެވެ. މިސާލަކަށް ގާނޫނުއަސާސީގައި ތަހުގީގުތައް ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އޮތް ޕްރޮސިކިއުޓަ ޖެނެރަލް އާއި ފުލުހުންނާ ދެމެދު އޮންނާނެ ގުޅުމާ ބެހޭ އެއްވެސް ވާހަކައެއް ފުލުހުންގެ ގާނޫނަކު ނެތެވެ. ވީމާ ފުލުހުންނާއި ޕީޖީ އޮފީހާ ދެމެދު އޮތް ގުޅުމަކީ އެދުވަސްވަރަކު މަގާމުތަކުގައި ތިބި ބަޔަކު ބޭއްވި ގޮތަކަށް އޮތް ގުޅުމެކެވެ. އަޅުގަނޑުގެ އަމާޒަކަށް ވީ މިކަން ބަދަލުކޮށް ފުލުހުންނާއި ޕީޖީ އޮފީހާ ދެމެދު އޮންނަ ގުޅުމަކީ ހަރުދަނާ، ދެ ފުށް ފެންނަ، ޕްރޮފެޝަނަލް ގުޅުމަކަށް ހެދުމެވެ. މީހުންގެ މައްޗަށް ބަރޯސާނުވެ، ނިޒާމަކަށް ބަރޯސާވާ ގުޅުމަކަށް ހެދުމެވެ.

ޕްރޮސިކިއުޓަރުންނަކީ ތަހުގީގުކުރުމުގެ ހުނަރު ހުންނަ ބައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މަގާމާ ހަވާލުވިއިރު ކޮންމެވެސް ވަރަކަށް ތަހުގީގު ހިންގުމަށް ފަހު ޕްރޮސިކިއުޓަރުންނާ މަޝްވަރާކުރުމަށް ފުލުހުން ގެންނަވާ މަރުހަލާގައި ތަހުގީގު ގެންދަންވީ ގޮތާ ބެހޭ ގޮތުން ޕްރޮސިކިއުޓަރުންގެ ދައުރު ވަރަށް ބޮޑެވެ. ތަހުގީގުގައި ޕްރޮސިކިއުޓަރުންގެ ދައުރު ބޮޑުވާތީ ފުލުހުން ވެސް މަސައްކަތަށް ފަރުވާކުޑަވުމުގެ ފުރުސަތު އޮތެވެ. މި ދެ ކަމަކީ ވެސް ދެމެހެއްޓެނިވި ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނުނެވެ. ތަހުގީގުގެ ޒިންމާ އުފުލަންވާނީ ފުލުހުންނެވެ. ދައުވާކުރުމުގެ ޒިންމާ ޕްރޮސިކިއުޓަރަށެވެ. 

އަޅުގަނޑުމެން މަޑުމަޑުން އެ ނިޒާމު މިހާރު ބަދަލުކޮށްފީމެވެ. ޖިނާއީ މައްސަލައެއްގެ ތަހުގީގުގައި ޕްރޮސިކިއުޓަރުންގެ ދައުރަކީ ފުލުހުންނަށް ބޭނުންވާ ލަފާ ދިނުމެވެ. ކާމިޔާބުކަމާ އެކު މައްސަލައެއް ސާބިތުކުރުމަށް ބޭނުންވާނެ ހެކިތަކާއި ގަރީނާތަކާއި އެ ހެކިތައް ހޯދާނެ ގޮތާއި އެ ހެކިތަކަކީ ކޯޓަށް ބަލައިގަނެވޭނެ ހެކިތަކެއްކަން ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނީ ލަފަ އާއި އިރުޝާދު ދިނުމެވެ. ތަހުގީގުގައި ބާގަނޑެއް އޮތް ނަމަ އެ ބާގަނޑެއް ބައްދައިގެން ކުރިއަށްދާނެ ގޮތަކާ ބެހޭ ގާނޫނީ ލަފާ ދިނުމެވެ. ފުލުހުންނަށް ތަހުގީގުގައި ދަތިވާ ކަންކަން ހައްލުކޮށްދިނުމެވެ. މިކަން ކުރުމަށްޓަކައި ދެ ފަރާތުން ކުރާ މަޝްވަރާ ލިޔެފައި ފެންނަން ހުންނާނެ އެވެ. ތަހުގީގު މަރްހަލާގައި ފުލުހުންނަށް ކުރެވޭނެ ސުވާލުތަކާއި ޕްރޮސިކިއުޓަރުންނަށް އެ ސުވާލުތަކަށް ޖަވާބުދެވޭނެ ދާއިރާތައް ވެސް ކަނޑައަޅައި ލިޔެފައިވާނެ އެވެ. 

ޕީޖީ ހުސެއިން ޝަމީމް، ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވާ ގޮތުގައި ފުލުހުންނާއި ޕީޖީއާ ދެމެދު ވަރަށް ހަރުދަނާ ގުޅުމެއް އަބަދުވެސް އޮންނަން ޖެހޭ --ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަމަލީ ގޮތުން މި ބަދަލުތައް ގެނައުމުގެ އިތުރަށް ގާނޫނަށް ވެސް މިހާރު އެބަދަލު ވަނީ އިތުރުކޮށްފަ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 13 ވަނަ ބާބު ހާއްސަކޮށްފައި އޮތީ ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ ގުޅުމަށެވެ. އެ ބާބުގެ 71 ވަނަ މާއްދާ (ތަހުގީގުތައް ހިންގުމުގައި ޕްރޮސިކިއުޓަ ޖެނެރަލްގެ ދައުރު) ގައި އޮތީ ފުލުހުން ހިންގާފައިވާ ތަހުގީގަކާ ގުޅިގެން ދައުވާ އުފުލުމަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތު ބަޔާންކޮށްދިނުމަށް ފުލުހުންނަށް އެންގުމުގެ ބާރު ޕްރޮސިކިއުޓަ ޖެނެރަލަށް އޮތް ކަމަށެވެ. އެ ގާނޫނުގެ 72 ވަނަ މާއްދާ (ޕްރޮސިކިއުޓަ ޖެނެރަލްގެ އިރުޝާދަށް އެދުން)ގައި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އިރުޝާދަށް އެދޭ ނަމަ އެދެންވާނީ ލިޔުމަކުން ކަމަށާއި ޕްރޮސިކިއުޓަ ޖެނެރަލް އިރުޝާދު ދޭންވާނީ ވެސް ލިޔުމުންކަމަށް އެބަ އޮތެވެ. ޕްރޮސިކިއުޓަ ޖެނެރަލް ލިޔުމުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަކީ ފުލުހުންނަށް ލިބޭ އިހުތިޔާރެއް ނޫނެވެ. ފުލުހުންގެ މައްޗަށް ގާނޫނުން ލާޒިމު ކަމެކެވެ.

ފުލުހުންގެ މަސައްކަތް ކާމިޔާބުވާން އޮތީ ޕްރޮސިކިއުޓަރުގެ މަސައްކަތް ކާމިޔާބުވެގެންނެވެ. ޕްރޮސިކިއުޓަރުގެ މަސައްކަތް ވެސް ކާމިޔާބުވާން އޮތީ ފުލުހުންގެ މަސައްކަތް ކާމިޔާބުވެގެންނެވެ. ފުލުސް އޮފީހާއި ޕީޖީ އޮފީހުގެ ގުޅުމަކީ ވަކިވެވެން ނެތް އާއިލީ ނުވަތަ ލޭގެ ގުޅުމެއް ފަދަ ގުޅުމެކެވެ. ދެބަސްވާ، ޚިޔާލު ތަފާތުވާ ކަންކަމާ އެކު ވެސް، އެކުގައި މަސައްކަތްކޮށް ނަތީޖާ ނެރެދޭން ޖެހޭ ގުޅުމެކެވެ. މިހާތަނަށް ކަންތައް ވެފައި އޮތީ ވެސް އެހެންނެވެ. ޕްރޮސިކިއުޓަރަށް މައްސަލައެއް ކާމިޔާބުވެފައި އޮތް ނަމަ އޮތީ އެ މައްސަލައެއްގައި ފުލުހުންގެ މަސައްކަތް ވެސް ރަނގަޅަށް ކުރެވިފައި އޮތީތީ އެވެ. ވީމާ ފުލުހުންގެ މަސައްކަތް ހަރުދަނާވުމުގެ ހާއްސަ މަސްލަހަތެއް ޕްރޮސިކިއުޓަރުގެ އޮންނާނެ އެވެ.

އެޑިޓަރުގެ ނޯޓު

ހުސެއިން ޝަމީމަކީ ރާއްޖޭގެ ޕްރޮސިކިއުޓަ ޖެނެރަލް އެވެ. އޭނާ ގެންދަވަނީ ބައެއް މައްސަލަތަކުގައި އަމިއްލަ ގޮތުން އޭނާގެ ހިޔާލު ފާޅުކުރައްވަމުންނެވެ. އަމިއްލަ ބްލޮގްގެ އިތުރުން ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވެސް އޭނާގެ ލިއުއްތަން ޖަހަ އެވެ. ޝަމީމަކީ އަބަދުވެސް ލިއުންތެރިކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް (2)

ފުލުސްމީހާ

29 ނޮވެމްބަރު 2023
ފުލުހުން އެއްބާރުލުން ދޭތަ، ދިނަސް ފަސްއަހަރު ތެރޭ ޝަރިއަތް ނުނިމި، ތަހުގީގުނު ނުނިމި ދަަންޏާ އެއޮތީ ހަތަރެސްކަްނ ހަމަވެފައި. ހުރިހާ ކަމެއް ވާނީ ދެން ބަދަލު
0 0

އިބްރޭ

29 ނޮވެމްބަރު 2023
ރަގަޅު ލިއުމެއް. ޝަމީމްގެ ހިޔާލު ބަރާބަރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް