
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮވި، ޕީޖީ ގްރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި، މިހާރު ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އާއި ނަޝީދު (ފޮޓޯ/ މިހާރު)
ޑިމޮކްރަސީއަކީ ރުޅިއެރުވުން ކަމަށް ވަންޏާ އެމްޑީޕީ މިހާރު އެ އޮތީ ރުޅިއައިސްފައި
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މާލޭ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) މީގެ ތިން ދުވަސް ކުރިން ފޭސްބުކްގައި ލިއުއްވި އެވެ؛
"އަހަންނަކަށް ނުވިސްނުނު މިވަނީ ކިހިނެ[އް] ކަމެއް.
މަޖިލިހުގެ ރައީސާ[އި] ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދާނެ ގޮތެއް މަޖިލިހުގެ ޤަވައިދުގައި ނެތީތަ؟ ގައިމު ކުރީގައި އޮވޭ.
އޮތިއްޔާ ދެން އަޑު ނުލައި، އެގޮތަކަށް ކޮށްލަނިކޮށް ނިމުނީނުން؟ ވޯޓެއް ނެގީމަ ކޮންމެވެސް އެއްގޮތަކަށް ނިމޭނެނުން؟"
މައްސަލައަކީ އެގޮތަށް ނިންމާނެ ފުރުސަތު ރިޔާސަތުން ނުދިނުމެވެ. މުޅި ރާއްޖޭގެ ކުރިމަތީގައި ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފަ، އަގުލަބިއްޔަތުގެ ނިންމުން ގަބޫލުކުރުން، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރިޔާސަތުން، ގެއްލުވާލާފައިވުމެވެ. ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު ދެއްކެވި ހުދުމުހުތާރު ގޮތްގަނޑު، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެންނެވުމުގެ އިސް ދައުރެއް އަދާކުރެއްވުމުގެ ނަން އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވެސް މިދަނީ ފެންނަމުންނެވެ.

މަސީހު ހެއްދެވި ހެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލިހަށް ނުވެންނެވޭ ގޮތަށް ސިފައިންނާއި ފުލުހުން ލައްވާ އެތަން އަދި ހިސޯރުކުރުވަން ނަޝީދު އަމުރެއް ނުނެރުއްވަ އެވެ. އެކަމަކު 44 މެމްބަރުން ސޮއިކުރައްވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާ އެކު މި ފެންނަނީ، އެކަމުން ރެކިވަޑައިގަންނަވަން ހުދުމުހުތާރުކަން އިސްކުރައްވާތަނެވެ. 'ތިމަންނައާ ކުޅެން ނޫޅޭށޭ' ވިދާޅުވާ ކަހަލަ އެވެ.
ޑިމޮކްރަސީގެ ތެރޭގައި ރުޅުވެރިކަން އުފެއްދުމަކީ 'މަޖަލެއް' ނަމަ، ނަޝީދު އިސްކޮށް ހުންނަވައިގެން ކުރިއަށް މިހާރު އެ ގެންދަނީ އެކަމެވެ. ނަމަވެސް ހިތާމައަކީ މި 'މަޖާގަނޑު' ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ކުޅުއްވަމުން ގެންދެވުމެވެ. ދައުލަތުގެ އެންމެ ބޮޑު އެއް ބާރު ކުޅޭކުޅޭ ތަނަކަށް ހެއްދެވުމެވެ.
ޒުވާން ނޫސްވެރިޔަކު އިއްޔެ އަޅުގަނޑު ކައިރީގައި ބުނީ 'އެއް އާއިލާއެއްގެ މީހުން ރިޔާސަތުގައި ތިބީމާ ވާނީ މިހެން' ކަމަށެވެ. އޭނާ އެ ބުނީ މަޖިލިހުގެ ރައީސަކަށް ނަޝީދު އަދި ނައިބު ރައީސަކަށް އެމަނިކުފާނުގެ ކޮއްކޮ އީވާ އަބްދުﷲ ހުންނެވި ވާހަކަ އެވެ. އެހެންކަމުން ބޭބޭފުޅަށް ދެރަގޮތެއް ނުވަތަ ކޮއްކޯފުޅަށް ދެރަގޮތެއް ވާ ނަމަ ކުރެއްވޭ އިހުސާސް ތަފާތުވާނެ ކަން، ނޫސްވެރިޔާ ގަބޫލުކުރި އެވެ. އެއީ ވެދާނެ ގޮތެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހަކީ އާއިލާގެ ގެއެއް ނޫނެވެ. އެހެންކަމުން އަމިއްލަ އިހުސާސްތަކުން ދުރުވެ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލްކުރުން ލާޒިމްވެ އެވެ. ހުވާގައި އޮންނަނީ ގާނޫނުއަސާސީ ނެގެހެއްޓުމެވެ. އާއިލީ ނުވަތަ ރަހުމަތްތެރިކަން ހިމާޔަތްކުރުމުގެ ވާހަކައެއް، މާތްﷲ ގަންދީ ކުރައްވާ ހުވާގައި، ހިމަނާފައެއް ނެތެވެ.

އެމްޑީޕީގެ މެމްބަރުން ރުޅި ގަދަވެ، ކޮށްގެން ނުވާނެ ކަންކަން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ފެނުމުގެ ސަބަބަކީ ނަޝީދާއި އީވާ އެވެ. ބައެއް މެމްބަރުންގެ އަމަލްތައް ވަރަށް ހުތުރެވެ. ރައްޔިތުންގެ މަޖިލިހުގެ މުވައްޒަފުންނާ ދިމާކުރެއްވުމެވެ. އިދާރީ މޭޒުގައި ތިބޭ މުވައްޒަފުންނަކީ ސިޔާސީ ބައެއް ނޫނެވެ. އެ މުވައްޒަފުން އަދާކުރަމުން އެ އަންނަނީ މުޅިން އެހެން ޒިންމާތަކެކެވެ. އެހެންކަމުން އެ މުވައްޒަފުންނަށް ރުޅިވެރިކަން ބާލައިގެން، ހައްލެއް ނެތެވެ.
މަޖިލިހުގެ ރިޔާސަތުގެ އެންމެ ބޮޑު ޒިންމާއަކީ ވަކި ކޮޅަކަށް ނުޖެހި ޖަލްސާތައް ކުރިއަށް ގެންދިއުމެވެ. އެކަން ކުރަން ޖެހެނީ އަމިއްލަ މަސްލަހަތުން ދުރުވެ ތިބެ އެވެ.
މިހާރު ކުރިމަތިވެފައި އޮތް މައްސަލާގައި ހައްލަކީ ރިޔާސަތުން މަޖިލިހުގެ އަގުލަބިއްޔަތަށް ތަބާއަވުމެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ފުރުސަތު ނައިބު ރައީސްގެ ހައިސިއްޔަތުން ދެއްވެން އޮތީ އީވާއަށެވެ. ވޯޓާ ހަމައަށް ދިއުމުގެ ކުރިން ރީތި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވާ ނަމަ ނަޝީދު ކުރައްވަންވީ އެކަމެވެ.
ރިޔާސަތު ދޫނުކުރައްވަން މަސީހު އުޅުއްވި ގޮތް ހަނދާނުން އަދި ފިލައިގެންނެއް ނުދެ އެވެ. އޭރު މަޖިލިހުގެ ތަޅުމުގަ އާއި ތަޅުމުން ބޭރުގައި ވެސް މަސީހުއަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް އީވާ އެވެ. އޭރު އެ އުޅުއްވީ ޑިމޮކްރަސީ ނަގަހައްޓަވާށޭ، އަޅުގަނޑު ކަހަލަ ލިއުންތެރިންނަށް ގަބޫލުކުރެވުނެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލިހެއްގެ ރިޔާސަތުގައި އިންނަންވާނީ އެ އަގުލަބިއްޔަތުން ބޭނުންވާ ބޭފުޅެކެވެ. އެ އަގުލަބިއްޔަތު ނަޝީދުއާ ދެކޮޅަށް ތެދުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވުމުގެ ސަބަބަކީ ދަ ޑިމޮކްރެޓްސް ކަމަށް ވެ، އޭގެ ބަދަލުހިފަން ކަމަށް ވިޔަސް ކުރާނެ ކަމެއް ނެތެވެ. ވޯޓު ލައިގެން ކުރާ ކަންކަން ނިންމާނީ ވޯޓު ލައިގެންނެވެ. އެހެންކަމުން މަޖިލިހުގެ ރިޔާސަތުން މާދަމާ ވެސް ކޮށްދޭން ޖެހޭނެ ކަމަކީ އެ ވޯޓު ނެގޭނެ އިންތިޒާމް ހަމަޖެއްސުމެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ބަލަން ތިބޭކަށް ވެސް ނުޖެހެ އެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތަށް 'ވޯޓެއް ނެގީމާ ކޮންމެވެސް އެއްގޮތަކަށް ނިމޭނެ ނޫން" ހެއްޔެވެ؟ އެގޮތަށް ނިންމާލުމުގެ ބަދަލުގައި އެއްބަޔަކު އަނެއް ބަޔަކު ރުޅިއަރުވައި، ހުތުރު ބަސްތަކުން މުއާމަލާތްކޮށް، އަތް އިސްކުރުން ފަދަ ދަށު ދަރަޖައިގެ އަމަލްތަކުން ރައްޔިތުންގެ މަޖިލިސް ކިލަނބުކުރުމަކީ، އެ މަޖިލިހުގެ ހައިބަތު ގެއްލުވާލުމެވެ. އެއީ ޑިމޮކްރަސީގެ ރީތި ހަމައެއް ވެސް ނޫނެވެ. އެއީ ޑިމޮކްރަސީގެ ނަމުގައި ހަމައެކަނި ރުޅިވެރިކަން އުފެއްދުމެވެ. އަގުލަބިއްޔަތު ނެތް ބަޔަކު މަޖިލިސް 'މަޖާގަނޑަކަށް' ހަދާލުމެވެ.