
މިއީ ދަރަނިވެރި ދިރިއުޅުން، އެންމެން މިތިބީ ދަރާފައި
'މީހަކަށް ނުދަރާށެވެ.' މިއީ ޒަމާނީ ބަދަލުތަކުގެ ކުރިން އަހަރެމެންގެ މުސްކުޅިން، ނަސޭހަތެއްގެ ގޮތުގައި، ބުނެއުޅުނު ވާހަކަ އެވެ. ދަރަންޏެއް ބޮލުގައި އަޅައިގެން އުޅުމަށް ވުރެ ހުތުރު ކަމެއް އޭރަކު ނޯވެ އެވެ. އެކަމަކު މިހާރު ބުނަން ޖެހޭނީ 'މީހަކަށް، ތަނަކަށް ނުދަރާ ނުހުންނާށޭ'، އެވެ. އެހާ ވެސް ދަރަނި ބޮޑުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ދައްކަނީ ގައުމު ދަރައިގެން އުޅޭ ވާހަކަ އެވެ. އެއް ސަރުކާރަކުން އަނެއް ސަރުކާރަށް ބޮޑެތި ދަރަނިތައް ވާރުތަކުރާ ވާހަކަ އެވެ. މިހާރު މި ގައުމުގެ ދަރަނި ހުރި ނިސްބަތުން ކޮންމެ ދިވެއްސެއްގެ ބޮލަށް 200،000ރ އަށް ވުރެ ބޮޑު އަދަދެއް ޖެހޭނެ އެވެ. އެކަމަކު މި ދަރަނި ނުދައްކައިގެން އާންމު ފަރުދުން ކޯޓަކަށް ނުދަމާނެކަން ޔަގީނެވެ.
ސިވިލް ކޯޓުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެތައް ހުކުމެއް އެ އިއްވަނީ، އާންމު ފަރުދުން ނަގާފައި ހުރި ލޯނާއި ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެންނެވެ. ސިވިލް ކޯޓުގެ ހުކުމްތަކަށް ނަޒަރެއް ހިންގާލާ އިރު ހިތަށްއަރަނީ ގައުމީ ބޭންކް، ބީއެމްއެލްއަށް ހާއްސަކޮށްފައި ގާޒީއެއް ނުވަތަ ގާޒީންތަކެއް އެ ކޯޓުގައި ތިއްބަވާ ހެންނެވެ. ދުވާލެއްގެ މައްޗަށް އިއްވާ ދަރަނީގެ ހުކުމްތައް އެހާ ވެސް ގިނަ އެވެ.

ސިވިލް ކޯޓުގެ ސައިޓަށް ކުރީ ދުވަހަކު ވަދެ ބަލައިލީ، ބީއެމްއެލްއަށް ފައިސާ ނުދައްކާ މީހުންގެ އަދަދު ހޯދާކަށެއް ނޫނެވެ؛ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްއާ ދެކޮޅަށް އަމިއްލަ ކުންފުންޏަކުން ކުރި ދައުވާއެއްގެ ހުކުމް އަތުޖެހޭތޯ އެވެ. އެކަމަކު ބީއެމްއެލްއިން ހުށައަޅާފައި ހުރި މައްސަލަތަކުގެ ހުކުމްތައް ގިނަކަމުން ކުޑަކޮށް ހާވާލީ އެވެ.
މި މަހުގެ ފުރަތަމަ 15 ދުވަހު 38 މައްސަލައެއްގައި އޮތީ ހުކުމް އިއްވައިފަ އެވެ. ގިނައީ 25،000 ،30،000 ،60،0000ގެ ލުއި ލޯނެވެ. ދެން ގިނައީ ކްރެޑިޓް ކާޑާ ގުޅުން ހުރި ދަރަނިތަކެވެ. އެންމެ މައްސަލައެއް ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައި ހުކުމް އިއްވާފައި ހުރީ، ގައިރު ހާޒިރުގަ އެވެ. ލޯނު ނުދައްކައި ގަސްދުގައި ފިލައިގެން އުޅެނީ އެވެ. ނުވަތަ ދިމާވި ބަދުނަސީބު ހާލަތުގެ ގޮތުން އެކަމާ ކުރިމަތިލާން ލަދުވެތިވެގެން ކޯޓަށް ހާޒިރުނުވަނީ އެވެ.
ބައެއް ލޯނުތައް އެއްގޮތަކަށް ވެސް ނުދައްކަ އެވެ. އަނެއް ބައި ލޯނުން ބައެއް ނުވަތަ ބޮޑު ބައެއް ދައްކާފައި ހުއްޓި މާ ގިނަ ދުވަސް ވެފަ އެވެ.
ގާތްގަނޑަކަށް ހުރިހާ މައްސަލައެއްގައިހެން ބީއެމްއެލްއިން އެދިފައި ހުންނަނީ އެއްފަހަރާ ފައިސާ ހޯދާށެވެ. އެކަމަކު ހުކުމުތަކުގައި ގާޒީން، އެއިން ކޮންމެ ފަރުދަކަށް ވެސް، އެއް އަހަރުގެ މުއްދަތެއް ދެ އެވެ. އެއްވެސް މައްސަލައެއްގައި ބީއެމްއެލްއަށް ކާމިޔާބުނުވަނީ ވަކީލުންގެ ހަރަދު ހޯދަން ބުނެފައި އޮންނަ 5،000ރ. އެވެ. އެ ފައިސާ ނަގައިދޭނެ ތަނެއް ނެތް ކަމަށް، 'ދައުރު'ން ބެލި ހުރިހާ ހުކުމެއްގައި އޮތެވެ.

މިއީ ފަސޭހައިން ލޯނު ލިބޭ ޒަމާނެވެ. ފަހުން ފައިސާ ދައްކާ ގޮތަށް ނުވަތަ ލޭންދޭނަށް އެއްޗެހި ލިބޭ ޒަމާނެވެ. އެންމެ 10،000ރ.ގެ ލޯނެއް ނަގަން ވެސް، ގެދޮރު މޯގޭޖްކުރި ދުވަސް ފާއިތުވެއްޖެ އެވެ. މިހާރު ބޭންކްތަކުން އާންމުންނަށް އެކި ނަންނަމުގައި ހުޅުވާލައި ބައެއް ލޯނުތަކަށް ދޭން ޖެހޭ ޔަގީންކަމަކީ ބޭންކް އެކައުންޓަށް މުސާރަ ޖަމާވުމާއި، ނަގާ ލޯނަކަށް އެކަށީގެންވާ ވަރުގެ އާމްދަނީއެއް ލިބުމެވެ. ބޭންކަށް ނުގޮސް އޮންލައިންކޮށް ހުރިހާ ކަމެއް ކޮށްލެވި، ދެތިން ދުވަހުގެ ތެރޭގައި އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްދެ އެވެ.
ތިބާގެ ބޮލުގައި ދަރަނި އެޅެނީ އެހާ ހިސާބުންނެވެ. ލޯނު ނެގީ ޗުއްޓީއެއް ހޭދަކޮށްލަން ބޭރަށް ދަތުރެއް ކުރަން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ މޮބައިލް ފޯނެއް، ޓީވީއެއް، ސައިކަލެއް، ކަހަލަ އެއްޗެއް ގަންނަން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެތައް ބަޔަކަށް އެވަގުތު ލިބުނު އުފާ ފަހުން މި ބަދަލުވަނީ ދައްކަން އުނދަގޫ ދަރަންޏަކަށެވެ.
ފަސޭހައިން ލޯނު ފަދަ މާލީ އެހީތެރިކަން ހޯދޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުރުމުގެ ފައިދާ ގިނަ މީހުންނަށް ލިބެ އެވެ. އެއީ ދިރިއުޅުމުގެ ކޮންމެވެސް ކަމެއް ހަމަޔަކަށް އަޅުވާލަން ވެސް އޮތް ފުރުސަތެކެވެ. އެ ލޯނުތައް ގިނަ މީހުން ބަރާބަރަށް ދައްކާކަމާ މެދު ވެސް ޝައްކެއް ނެތެވެ. އެކަމަކު ބޭންކްތަކާ ގުޅިފައި އޮތް އާންމުންގެ ބޮޑު ޝަކުވާއަކީ އިންޓަރެސްޓް މާ ބޮޑުވުމެވެ. މިސާލަކަށް ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އެ އުޅެނީ %10 އާއި %15އާ ދެމެދުގަ އެވެ.
ދަރަނީގެ ދައުވާއެއް އުފުލި، ތިބާގެ މައްޗަށް ހުކުމެއް އައުމަކީ އޭގެ ޒާތުގައި ހުތުރު ކަމެކެވެ. ނަމަވެސް ސިވިލް ކޯޓުގެ ބައެއް ގާޒީން ކޮންމެ ދުވަހަކު ދަރަނީގެ އެތައް ހުކުމެއް އެ އިއްވަނީ، ކޯޓަށް ހުށައަޅާ މައްސަލަތައް ގިނަކަމުންނެވެ. މި މަހު ތިން ވަނަ ދުވަހު އެކަނި ވެސް ދަރަނީގެ ނުވަ ހުކުމް އިއްވި އެވެ.
ދިރިއުޅުމުގެ ކޮންމެ ފަސޭހައަކާ އެކު އުނދަގޫތަކެއް ވެސް ކުރިމަތިވާނެ އެވެ. ދަރަންޏަކީ އޭގެ އުނދަގުލެކެވެ. ގައުމު ދަރަން ދޫކޮށްލާށެވެ. އަހަރެމެން އެންމެން މި ތިބީ ހިލޭ ދެންޏާ އެ ގަބޫލުކުރާ ގޮތަށެވެ. ސަރުކާރުގެ ހިދުމަތެއް ހިލޭ ނުލިބެންޏާ ރުޅިއައިސްފަ އެވެ. ގައުމުގެ ދަރަނި ބޮޑުވަނީ ކިހާ ވަރަކަށްތޯ ބަލާކަށް ބޭނުމެއް ނުވެ އެވެ. ސަރުކާރާ ހަވާލުވާ ބަޔަކު އެ ދަރަންޏާ ވެސް ހަވާލު އެވަނީ، ނިމޭ ސަރުކާރަށް ފާޑުކިޔަމުން، ޝަކުވާ އިއްވަމުން ދިޔަސް، ތިމަންނަމެންނަށް ވާނޭކަމުގެ ޔަގީންކަން އޮވެގެންނެވެ. އެކަމަކު އަމިއްލަ ދަރަނި ދައްކަން އެގޮތަށް ހަވާލުވާނެ މީހުން، އާއިލާގެ ތެރެއިން ވެސް މިހާރު ލިބޭނީ މަދު ބަޔަކަށެވެ. ޒަމާނީ ދިރިއުޅުމާ އެކު އާއިލީ ގުޅުން އޮންނަ ގޮތް ވެސް، އަހަރެމެންނަށް ރަނގަޅަށް އެނގޭނެ އެވެ.
ބުއްދިވެރީ މުސްކުޅިންގެ ބަހުން ނަމަ 'މީހަކަށް ނުދަރާ' އުޅުމެވެ. އެކަމަކު ލޭންދޭނަށް ފައިސާ އާއި މުދާ ނެގުމަކީ ދިރިއުޅުމުގެ ބަޔަކަށް ވުމުން ސިވިލް ކޯޓު ފަދަ ކޯޓުތަކުން އިއްވާ ދަރަނީގެ ހުކުމްތައް ވަކި މަދެއް ވެސް ނުވާނެތާ އެވެ.
ކޮމެންޓް (2)
ދަތިހާލުގައި އުޅޭ ބައްޕަ
ރައްޔިތު މީހާ