އަލީ އަޝްފާގު، ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މުބާރާތުގެ ޕްރެކްޓިހުގައި(ފޮޓޯ/އެފްއޭއެމް

އަލީ އަޝްފާގު

އަޝްފާގަށް އޮތީ ޒާތީކަމެއް ނެތް ލޯބި، އެ ކިލަނބުކޮށްގެން ނުވާނެ

ބޮއްސުންލާފައިވާ އެފްއޭއެމްގެ ބޮޑު 'ސަކަރާތްގަނޑު'ގެ ތެރެއަށް ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ވައްދައި، އެ ނަން ހަރާބުކުރުމުގެ ބޭނުމެއް ނެތް
16 އޮކްޓޯބަރު 2023
8

ފުރަތަމަ ވެސް، ވަރަށް އިހުތިރާމާ އެކު އަލީ އަޝްފާގަށް ބުނެލަން އޮތީ، އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ހޯދަން ނޫޅޭށޭ އެވެ. ފަހަތުގައި ތިބެގެން ކޮންމެ ބަޔަކު ވިސްނައިދެމުން ދިޔަ ނަމަވެސް، އަވަހަށް އެ ހިޔާލު ދޫކޮށް، އަޝްފާގު، އަހަރެމެން އެންމެންގެ 'ދަގަނޑޭ'ގެ ގޮތުގައި ހުރެދޭށޭ އެވެ.

މިދިއަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި އަޝްފާގަށް ބޮޑު ކެމްޕޭނެއް ބަޔަކު ފެށި އެވެ. މިހާރު ބޮއްސުންލާފައި އޮތް އަދި ދާ މިސްރާބެއް ވެސް އެނގުމެއް ނެތް، އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ގެންނާށެވެ. އެއީ އަޝްފާގުގެ ބަހެއް އޮވެގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ހަމަ ޔަގީނުން ވެސް އެކަހަލަ އިޝާރާތެއް، އާންމުންނަށް މިހާތަނަށް އޭނާ ދީފައެއް ނުވެ އެވެ.

ރާއްޖޭގެ ކުޅިވަރުގެ މައި އިދާރާގެ ހާލަތު ގޯހުން ގޯހަށް ދިޔަތާ ކިތައްމެ ދުވަހެކެވެ. އެ އަނދިރިކަމުގެ ތެރެއަށް އެފްއޭއެމް ވަދެފައި ވަނީ ރާއްޖޭގެ އެންމެ މަތީ ޑިވިޒަންގެ ކްލަބްތަކުގެ ސަޕޯޓް، މިހާރުގެ މެނޭޖްމަންޓަށް ދީގެންނެވެ. އެ މެނޭޖްމެންޓް ވެއްޓުނަ ނުދޭންވެގެން ކޮނޑުއަޅައިގެން ތިބެގެންނެވެ.

އަޝްފާގު ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މުބާރާތުގެ ޕްރެކްޓިހުގައި: ވިހި އަހަރުގެ ކުޅުމުގައި އޭނާއަކީ ރާއްޖެ ނުދެކޭ ފަދަ ކުޅުންތެރިއެއް

މިހާރު މި ފެންނަނީ އެ ހަލާކުގެ ޒިންމާ ވެސް ކޮންމެވެސް ހައިސިއްޔަތަކުން ނަގަން ޖެހޭ ކްލަބްތައް ވެސް، އަޝްފާގުގެ ބޮލަށް ވަދެގަންނަން މަސައްކަތްކުރާ ތަނެވެ. އެކަމަކު ކްލަބްތަކުން އޭނާއަށް ދީފާނެ ޔަގީންކަން، އޭގެ ޒާތުގައި ވަރަށް ނުރައްކަލެވެ. އެ ނުރައްކަލުގެ ވާހަކަ ލިއުމުގެ ކުރިން، އަޝްފާގު ހިމާޔަތްކުރުން މުހިންމުވާ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

ފުރަތަމަ ކަމަކީ އޭނާއަކީ ދިވެހިން އެންމެ ލޯބިވާ އެއް ޝަހުސިއްޔަތަށް ވުމެވެ. ރީތި ކުލަތަކުން ފުރިފައި އޮތް 20 އަހަރުގެ ފުޓްބޯޅަ ހަޔާތުގައި އޭނާ ކޮށްދިން ކަމަކީ ދިވެހިން އުފާކޮށްދިނުމެވެ. ސިޔާސީ ގޮތުން ބައިބައިވުން އެންމެ ބޮޑު ދުވަސްވަރު ވެސް، އޭނާ ދަނޑު މަތީގައި ދެއްކި ރީތި، މޮޅު ކުޅުން ފެނިފައި،  ގައުމަށްޓަކައި ދިވެހިން އެކަތިގަނޑަކަށް ހަދައިދިނެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި 2008ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތައް އެހެރީ، ވީޑިއޯތަކާއި ފޮޓޯތަކުން، ސޯޝަލް މީޑިއާގައި ފެންނާށެވެ. އެ ތާރީހީ ފައިނަލް މެޗުގައި އިންޑިއާގެ ހަތަރު ކުޅުންތެރިން ކަޓުވާފައި ދަނިކޮށް، ދިފާއީ ކުޅުންތެރިޔަކު ގޮސް މޫނުމަތީގައި ޖެހިޖެހީނުން ފަޅާލި އެވެ. މުޅި އަނގަމަތި ލެއިން ފޯވި އެވެ. އެކަމަކު ހިތްވަރަށް ކުޑަ ވެސް ބަދަލެއް ނުގެނެސް، މެޗުގައި އޭނާ ހުރީ މުޅި އިންޑިއާ ޓީމުގެ ލޯ ހުއްޓުވާލަން ޖެހޭ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖެ މި ސަރަހައްދުގެ ޗެމްޕިއަނުންނަށް ހަދައިދިނެވެ.

ރާއްޖޭގައި 2021ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗަކަށް ފަހު ކުޅުންތެރިން އަލީ އަޝްފާގު (ދަގަނޑޭ) އުފުއްލާލައިގެން. މިއީ ގައުމުގައި އަޝްފާގާ މެދު އޮތް ލޯބި (ފޮޓޯ/އަދަދު)

އަޝްފާގުގެ ކެރިއަރުގެ އެންމެ ފަހު ބޮޑު މުބާރާތް އޮތީ މީގެ އެންމެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގަ އެވެ. ކޮވިޑް-19ގެ އަސަރުތަކުން އޭރު އަދި މި ގައުމު ވެސް ސަލާމަތެއް ނުވެ އެވެ. އެކަމަކު ގަލޮޅު ދަނޑުގައި އެތައް ހާސް ދިވެހިން އުފާކޮށްދީ، ފޯރިއަރުވާލުމުގެ އެއް ސަބަބަކީ، އެ އަޝްފާގެވެ.

ދެ ވަނަ ކަމަކީ މިއީ އެއްވެސް ބައެއްގެ ޒާތީ ރުޅިވެރިކަން އަމާޒުވެފައިވާ ޝަހުސިއްޔަތަކަށް ނުވުމެވެ. އޭނާއަށް އޮތީ ހަމައެކަނި ލޯތްބެވެ. އޭނާއަށް އޮތީ ހަމައެކަނި އިހުތިރާމެވެ. މި ހުންނަނީ އަމިއްލަ ނަފުސަށް ލިބޭނެ ބޮޑެތި އުފާތަކެވެ. 

އެކަމަކު އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައި، އެ ގޮނޑި ލިބިއްޖެ ނަމަ އަޝްފާގަށް ދެން ދިމާވެދާނެ އެތައް އުނދަގުލެއް ހުންނާނެ އެވެ. ކްލަބްތަކުން މިހާރު އެ ދޭ ޔަގީންކަން ނުރައްކަލަކަށް ބަދަލުވާނީ އެހާ ހިސާބުންނެވެ. އެ ކްލަބްތަކަށް އޭނާގެ އޮފް ކެނޑި، ކަމުނުދާ މީހަކަށް އެންމެ ދުވަހަކުން ވެސް ވެދާނެ އެވެ. 

ހުރިހާ ކްލަބެއްހެން އެފްއޭއެމްގެ މާލީ އެހީތެރިކަމަށް ތިބެނީ ލޯ އަޅައަޅަ އެވެ. މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިމާޔަތްކުރަން އެ ކްލަބްތަކުން އުޅެނީ ވެސް، އެ މާލީ އެހީތެރިކަން މުހިންމުވެގެންނެވެ. އެ ނުލިބެން ފެށުމާ އެކު، ބައްސާމް އެ އޮތީ ގޯސްވެފަ އެވެ. އެފްއޭއެމް ހިންގުމުގެ އެހެން ކަންކަން ހަނދާން ނައްތާލާފައި ވެސް، ކްލަބްތަކަށް އެއްޗެއް ލިބުނީމާ، އެ ރައީސަކު އެހުރީ ހިމާޔަތްވެފަ އެވެ.

މި ވިސްނުމުގައި ހަރަކާތްތެރިވާ ކްލަބްތަކެއްގެ ބާރު އޮތް އިދާރާއެއްގެ ވެރިޔަކަށް ރާއްޖޭގެ އެންމެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތު އަތުވެއްޖެ ނަމަ، ބައްސާމަށް ދިމާވި ގޮތް ދިމާވުމާ އެކު، ވަޅުލެވިގެން އެދަނީ އާދައިގެ ނަމެއް ނޫނެވެ. އިންސާފާއި ބޭއިންސާފު ވެސް ހިމެނިގެން އެތައް ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އެހާ ހިސާބުން ކުޅިވަރުގައި ދިވެހިންގެ އެންމެ އަގުހުރި ތަރިކައިގެ ވިދުން އެ ނިމުނީ އެވެ.

ދެން އޮތް ކަމަކީ އެފްއޭއެމްގެ ރައީސްގެ މަގާމަށް އަޝްފާގު ގެންނަން އަލަށް އުފެދޭ ސަރުކާރުގެ ބޮޑުން އެއްބަސްވެފައި އޮތުމެވެ. އެކަމަކު އެއީ ވެސް، އަޝްފާގުގެ މުޅި އުމުރުގައި އުފެއްދި އެ މަތީ ނަން ގުރުބާންކޮށްލަން ޖެހޭވަރުގެ އިތުބާރަކަށް ހަދައިގެން ނުވާނެ އެވެ. އެފްއޭއެމްގެ ކުރީގެ ރައީސްގެ މަގާމަށް، އަޝްފާގާ އެކު ގައުމީ ޓީމުގެ ފޯވަޑަކަށް ކުޅުނު އަހުމަދު ތޯރިގު (ޓޮމް) ވެސް އަ އެވެ. އެކަމަކު އޭނާއަށް އެ މަގާމު ގެއްލުނު ގޮތާއި ދިމާވި މައްސަލަތަކުގައި ފެންނަން އޮތް ރޭވުމަށް ވުރެ އާންމުންނަށް ނުފެންނަ ރޭވުން މާ ނުބަ އެވެ. އޭގައި ސިޔާސީ ނުފޫޒު ވެސް އޮތީ އެހާމެ ބޮޑަށް ވަދެފަ އެވެ.

ސިޔާސީ މީހުންނަށް އިތުބާރުކޮށް އަމިއްލަ ހަޔާތާއި ނަން ގުރުބާންކުރުމަށް ވުރެ މޮޔަ ކަމެއް ރާއްޖޭގައި ނެތެވެ.

އެހެންކަމުން އަޝްފާގު އެވެ. އެފްއޭއެމް ހިންގުމަކީ އެހެން މީހުންގެ ކަމަކަށް ހަދާށެވެ.

އަޝްފާގު އެންމެ ފަހުން ކުޅުނު ބޮޑު މުބާރާތް، 2021ގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބަލަން ގަލޮޅު ދަނޑަށް ވަން އާންމުން

އަޝްފާގު ހުންނަންވީ އެންމެންގެ ލޯބި ލިބުނު 'ދަގަނޑޭ'ގެ ގޮތުގަ އެވެ. އަޝްފާގު އުޅޭނީ އަހަރެމެންނާ އެކު، އާންމުންގެ ތެރޭގަ އެވެ. އަޝްފާގާ ސަލާންކުރާނީ ފާޑުކިޔުމެއް ނެތި، އިހުތިރާމާ އެކުގަ އެވެ. އަޝްފާގާ އެކު އަހަރެމެން ހަނދާންކުރާނީ އެ ދެއްކި ކުޅުމެވެ. އެ ހޯދައިދިން ކާމިޔާބީތަކެވެ. 

ރާއްޖޭގެ ކޮންމެ ތަނަކަށް ދިޔަސް، އަޝްފާގަށް ފެންނާނީ އޭގައި އެއްވެސް ކަހަލަ ކިލަނބުކަމެއް ނެތް ލޯތްބަކާ އެކު އޭނާއާ ބައްދަލުކުރާ މީހުންނެވެ. ޝަކުވާއަކަށް އޮންނާނީ އެންމެ ކަމެކެވެ؛ ދަނޑުމަތިން މިހާރު ނުފެނުމެވެ.

އުމުރާ އެކު އެ ދުވަސް އެ އޮތީ މާޒީވެފަ އެވެ. އެކަމަކު 20 އަހަރުގެ ތެރޭގައި އުފެއްދި ނަން "މާޒީއެއް ނުވާނެ" އެވެ. އެ ނަން މިހާރު ވެސް، މި ހިތުގައި ވެސް، މި އޮތީ ދިރިދިރި އެވެ. މިއީ އަދި އެންމެ ދިވެއްސެކެވެ. އެހެންކަމުން....

ދެން ވެސް، ވަރަށް އިހުތިރާމާ އެކު އަޝްފާގަށް ބުނެލަން އޮތީ، އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ހޯދަން ނޫޅޭށޭ އެވެ. އެ ހިޔާލު އޮތް ނަމަ އަވަހަށް ދޫކޮށްލާށެވެ. އެހެން ބަޔަކު އޭގެ ތެރެއަށް ތިބާ ވައްދަން މަސައްކަތްކުރާ ނަމަ، ނޫނެކޭ ބުނާށެވެ. 'އަހަރެން މި ގޮތުގައި ހުރިޔަ ދޭށޭ' ބުނާށެވެ.

ކޮމެންޓް (8)

މޮޑަފްް

16 އޮކްޓޯބަރު 2023
މޮޅަށް ކުޅެ މަޝްހޫރު މީހަކަށްވުމީ އަދި ބޮޑު އިދާރާއެއް މޭނޭޖްކުރެވޭ ވަރުގެ ލަޔާގަތާ ގާބިލްކަން އެމީހަކަށް ލިބިގެންވާ ކަމެއްނޫން. ތިކަހަލަ ކަމަކަށް ބޭނުންވޭ އިލްމްވެސް. މީސް މީހުންނާ ގުޅި އަދި މީޑިޔާއާ ވެސް ގުޅޭ މީހަކަށް ވާންވާނެ. އަޝްފާގަށް ލިބުނު ފުރުސަތުތައްވެސް ގެއްލުނީ މިކަންކަމުގެ ސަބަބުން.
5 0

ހަމަ ޚިޔާލެއް

16 އޮކްޓޯބަރު 2023
މޫސަގެ މި ޚިޔާލަށް ތާއިދު ނުކުރަން. އެހެނީ އެފް.އޭ.އެމް މި އޮތް ވަޅުގަނޑުން ސަލާމަތްކޮށްދެވޭނީ އެކަން ކުރެވޭވަރުގެ ރަނގަޅު މީހަކު އެކަމަށް ކުރިމަތިލުމުން. ދިވެހި ފުޓްބޯޅަ ދެކެވާ ލޯބި މަދު ލާރިކޮޅަކަށް ކޮމްޕްރަމައިޒް ނުވާނެ މީހެއް. ރަނގަޅު މީހުން އެފް.އޭ.އެމް އަށް ނާންނަން ތިހެން ކިޔަންޏާ ރަނގަޅު އެކަކުވެސް އަންނާނެ ކަމެއް ނެތް. ދެން ގޯސް މީހުން އައިސްގެން ގޯސް ހެދީމަ ސޭވް އެފް އޭއެމް އޭ ކިޔާނެ ކަމެއް ނެތް.
2 6

ގަޓަރު

16 އޮކްޓޯބަރު 2023
ރަނގަޅު ނަސޭހަތެއް... އެފްއޭ އެމްގެ ރައީސް ކަމުގެ މަގާމަކީ ހިންގުން ތެރި ތަޖުރިބާ ކާރަކަށް ނޫނީ އަދާކުރެވޭނެ މަގާމެއް ނޫން ... އެކަމަށް މީހަކު ކުރިމަތި ލާނަމަ ފުރަތަމަ އެ ޝަރުޠު ހަމަވޭތޯ ތިމާ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ބުއްދިވެރި... އެހެންނޫނީ އަނެއްކާ އެމީހަކުވެސްހަމަ ބައްސާމަކަށްވެ ނިމިގެން ހިނގައިދާނެ!
2 0

ހަނދޭގިރި ހުސައިން

16 އޮކްޓޯބަރު 2023
ރާއްޖެ ދުއް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޑަ މޫސާ، މުޙައްމަދު ކަލީމު މެން ފަދަ މީހުންވެސް ތިޔަ ކަމަކާ ނޫޅުނީ ކަމެއްވެގެންތާއެވެ.ކަލީމު ކޮންވެސް ސިފައެއްގައި ތިޔަ މަޅީގައި ޖެހުނެވެ.ދެންތިބި މޮޅެތި ކުޅުންތެރިން ހަމަ އަދިވެސް އެތިބީއެވެ.މިތަން ތިޔަ ލިޔުމަށް އިތުރުކޮށްލީމަ ފުރިހަމަވާނެއެވެ.
5 0

މަޕް

16 އޮކްޓޯބަރު 2023
އަޝްފާގަކީ އިގިރޭސި ބަސް ނުދަންނަ ބޭފުޅެއް. ކިހިނެއް ދެން ހިންގާލަނީ
1 4

އަލި

16 އޮކްޓޯބަރު 2023
މޫސަ މިޔަށްވުރެ ހެޔޮވާހަކަ އެއް މީންދުވަހަކު ނުލިޔޭ...
4 1

މުސަގެ ދަރި

16 އޮކްޓޯބަރު 2023
މީ ވަރަށް ވެސް އަގުހުރި ނަސޭހަތެއް! އަހަރެން ވެސް ހަމަ ބުނާނީ މޫސަ ބުނިހެން! ހެޔޮނުވާނޭ އެކަމާ ކައިރިވެސް ނުވައްޗޭ!
5 0

އަޝްފާޤް ގެ ސަޕޯޓަރ

16 އޮކްޓޯބަރު 2023
އާތިކަލް ވަރަށް ރަގަޅު. ޢެގޮތުގައު ދެމިހުރުން ބުއްދި ވެރި ވެގެން ވޭ
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް