ކުރީގެ ރައީސް ޔާމީން (ކ) އަދި އިންތިހާބީ ރައީސް މުއިއްޒު.

މުއިއްޒަށް ފުރުސަތު ދޭން ޖެހެ އެވެ.

ޖަވާބުދާރީ ނުކުރެވޭ ބަޔަކު ކެބިނެޓަށް، އެ ނޫން މަގާމަކަށް ލައްވައިގެން ކުރެވޭނެ ކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެ ހަގީގަތް ޔާމީން ވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އަޅުގަނޑު ގަބޫލު ކުރަމެވެ. ކުރީގެ ރައީސް  އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްހާސް އެތައް ދުވަހަކު ޖަލުގައި ހޭދަ ކުރެއްވީ ކޮންމެހެން އެ ނޫން ގޮތެއް ނެތިގެންނެއް ނޫނެވެ. އެ މަނިކުފާނު ބޭނުންފުޅު ނަމަ، ރާއްޖެއިން ބޭރުގައި ބޭސްފަރުވާގެ ނަމުގައި ދުވަސްތައް ހޭދަ ކުރެއްވުނީހެވެ. ނަމަވެސް، އެ މަގު އިހުތިޔާރު ނުކުރައްވައި ޖަލުގައި ޔާމީން އެހާ ދުވަސްތައް ހޭދަ ކުރެއްވީ، ޕީޕީއެމްއަށް ނޫނީ އެ މަނިކުފާނަށް ވެރިކަން ހޯއްދެވުމުގެ ބޭނުމުގަ އެވެ.

އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ. ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓަކަށް ވެރިކަން ލިބުނީ ޔާމީން އެ ދުވަހު ނިންމެވި ނިންމެވުމުގެ ސަބަބުންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ކުރީ ސަފަށް އެ މަނިކުފާނު ނެރުއްވި އެވެ. ތަފާތު ފިއްތުންތައް ކުރިމަތި ކުރި އިރު ވެސް އެ ކަމަށް ފަސް އަނބުރާ ބެއްލެވުމެއް ނެތި އެވެ. އެ ކަމުގައި އެ ވަރަށް އެ މަނިކުފާނު ހިތްޕެވީ، ފަހަރުގައި އިންޑިއާގެ ގޮތްގަނޑު އެ މަނިކުފާނަށް ތަޖުރިބާ ކުރެއްވިފައި އޮތް ވަރު ބޮޑުކަމުން ކަމަށް ވެދާނެ އެވެ. ނޫނީ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް 'ވިއްދުމަށް' އެއަށް ވުރެ ރަނގަޅު އެ ނޫން 'ކާޑެއް' ނެތީ ކަމަށް ވެސް ވެދާނެ އެވެ. އެކަންކަން ކޮންމެ ގޮތަކަށް އޮތަސް އެނގުނު ކަމަކީ އެއީ ރަނގަޅު 'ކާޑެއް' ކަމެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ ރާއްޖެއަށް މާއްދީ ގޮތުން ތަރައްގީ އާއި ތަމުއްދުން ގެނެސް ދިން ފަސް އަހަރެވެ. ހާއްސަކޮށް އިގްތިސާދީ ބޮޑެތި އިންފްރާސްޓަރްކަޗާ މަޝްރޫއުތައް ވަނީ ގާއިމުކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓް މަޝްރޫއު އާއި ހުޅުމާލޭ ބުރިޖު މަޝްރޫއު ފާހަގަކުރެވެ އެވެ. އެ މަޝްރޫއުތަކަކީ އިގްތިސާދީ ފުދުންތެރިކަމަށް މަގުފަހިވުމުގެ އިތުރަށް، ފަރުދުންގެ އަތްމަތި ތަނަވަސް ވުމަށް މަގުފަހިކޮށްދިން، ކޮށްދޭނެ މަޝްރޫއުތަކެކެވެ. އަދި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިގްތިސާދަށް އިސްކަން ދެއްވައިގެން ވެރިކަން ކުރެއްވި ބޭފުޅަކީ ވެސް ޔާމީން ކަމަށް ގަބޫލު ކުރަމެވެ. 

ޔާމީން އަދި މުއިއްޒު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

މިދިޔަ މަހު ބޭއްވި އިންތިހާބުގައި ޔާމީނަށް ކުރިމަތި ނުލެއްވުމަކީ ޕީޕީއެމް–ޕީއެންސީގެ ލީޑަޝިޕް އަދި މެންބަރުންގެ މައްސަލައެއް ނޫނެވެ. ޕީޕީއެމްގެ މެންބަރުން ތިބީ އެ މަނިކުފާނުގެ ފަހަތްޕުޅުގައި ޔާމީނަށް ޓިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ފޫގަޅައިގެންނެވެ. އެ މަނިކުފާނަށް އިންތިހާބަށް ކުރިމަތި ނުލެއްވުނީ ކޯޓުން އެ ކަމަށް އޮތް ހުރަހެއްގެ ސަބަބުންނެވެ. ފަހަރެއްގައި ވެސް ޕީޕީއެމްގެ މެންބަރުން އެ ކަމަށް އެހީތެރި ނުވުމަކުންނެއް ނޫނެވެ. ހުދު އިންތިހާބީ ރައީސް ޑރ. މުހަންމަދު މުއިއްޒަށް ވެސް، ޔާމީން ރޭހުގައި ހުންނެވި ނަމަ، އެ ކަމާ ދެކޮޅަށް ތެދުވުމުގެ ހިތްވަރެއް ނުލިބުނީހެވެ. ތެދެކެވެ؛ މުއިއްޒު ހުންނެވީ ހާލަތަށް ތައްޔާރުވެގެން ގްރައުންޑް ސެޓް ކުރައްވައިގެންނެވެ. ޔާމީން ނޫން މީހަކަށް ޓިކެޓް ލިބޭ ނަމަ، އެ މީހަކީ މުއިއްޒުކަން ކަށަވަރު ކުރައްވައިގެންނެވެ. 

އެއީ ޕީޕީއެމް-ޕީއެންސީ އެވެ. އެ ހާލަތު މިހާރު ވެރިކަން ކުރާ އެމްޑީޕީއަށް ނަގުލު ކުރާ އިރު ވެސް އޮތީ އެކަހަލަ ގޮތަކަށެވެ. ފަސް އަހަރެއް ދުއްވާލީ ލީޑަޝިޕްގެ އެންމެ އިސް ދެ ބޭފުޅުންގެ ތަޅާފޮޅުމާ އެކު އެވެ. އާދޭހެވެ؛ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ތަޅާފޮޅުމާ އެކު އެވެ. ތެދެކެވެ؛ އެއް ފަރާތުން އަނެއް ފަރާތަށް އިނގިލި ދިއްކުރާ ނަމަ، ބައިވަރު ކަންކަން ދެއްކި ދާނެ އެވެ. އެހެން ނަމަވެސް، އެއް ފަރާތުން އަނެއް ފަރާތަށް ދޫނުދިނުމުގެ ނަތީޖާއަކީ އެމްޑީޕީއަށް ފަސް އަހަރަށް ފަހު ވެރިކަން ގެއްލުމެވެ. މަގުމަތިވުމެވެ. އެ ދެ ބޭފުޅުން އެކައްޗެއް ކިއުއްވި ނަމަ، މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުމުގެ ފުރުސަތު އެއީ ނެތް އެއްޗެއް ކަމަކަށް ވޯޓުގެ ނަތީޖާއަކުން ފެންނާކަށް ނެތެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ސޯލިހާއި ނަޝީދު އެކުގައި ފުރަތަމަ ފަހަރަށް ބައްދަލުވެ ސަލާމް ކުރައްވަނީ. (ފޮޓޯ/ރައީސް އޮފިސް)

ސުވާލަކީ އެމްޑީޕީ އަށް ވެރިކަން ގެއްލުމުގެ ނަތީޖާއަކީ ކޮބާތޯ އެވެ؟ އަޅުގަނޑުގެ ނަޒަރުގައި އެއީ އެމްޑީޕީގެ އާންމު މެންބަރުންނާއި ތަންކޮޅެއް ދަށުގެ ސިޔާސީ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެ ބޭފުޅުން މަގުމަތިވީ އެވެ. އެކަމުގެ ޒިންމާ އެ ފަރާތްތަކުން އަޅުވާނީ ނަޝީދުގެ އިސްތަށިފުޅުގައިތޯ ނޫނީ ސޯލިހުގެ އިސްތަށިފުޅުގައިތޯ އެއީ އަދި ޔަގީނެއް ނޫނެވެ. އެހެންނަމަވެސް ބޮޑަށް ބުރަވެވެނީ އެ ޒިންމާ އޭގެ ތެރެއިން ގިނަ ބަޔަކު އަޅުވާނީ ނަޝީދުގެ އިސްތަށިފުޅުގައި ކަމަށެވެ.

ޕީޕީއެމް- ޕީއެންސީ އެ މަގުން ދަތުރު ކުރާކަށް، ހަމަ ޔަގީނުން ވެސް އެ ދެ ޕާޓީގެ އާންމު މެންބަރުން ބޭނުމެއް ނުވާނެ އެވެ. އެ ދެ ޕާޓީ އަލުން ވެރިކަމަށް އެއީ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރަށް ގްރާސްރޫޓްގެ ވަރަށް ގިނަ ބައެއްގެ މިންނެތް ބުރަ މަސައްކަތުންނެވެ. އެހެން ކަމާ އެކު އެ ދެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުންގެ މެދުގައި ތަޅާފޮޅުމެއް ފެށިއްޖެ ނަމަ، ހަމަ ޔަގީނުން ވެސް އެ ކަމުގެ ނޭދެވޭ އަސަރު އަންނަ އަހަރު އޮންނަ އާންމު އިންތިހާބަށް ނުކޮށެއް ނުދާނެ އެވެ. އެހެން ވެއްޖެ ނަމަ އެ ވާނީ އެ ދެ ޕާޓީން ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ހިންގުމަށް، ހީނު ކުރާ ފަދަ ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމީ ކަށަވަރު ކަމެކެވެ. ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ދެކޮޅުވެރިކަން ކުރިއަށް ނުނެރެ، ހިކުމަތް އިސް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވެ އެވެ.

ރައީސް ޔާމީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 'ފޮޅާލައި' ފެއަށް ޖެހިވަޑައިގަތީ މައުމޫން ހުރިހާ ކަމަށް ބަސްފުޅު ވިދާޅުވާތީ އެވެ. މައުމޫން ނުރުހޭ ގޮތަކަށް މަގާމުތަކަށް ބޭފުޅުން ވެސް އައްޔަން ނުކުރެއްވީތީ ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ. އެހެން ކަމާ އެކު، އެ ފުރުސަތު މުއިއްޒަށް ވެސް އޮންނަން ޖެހޭނެ ނޫންތޯ އެވެ. ޖަވާބުދާރީ ނުކުރެވޭ ބަޔަކު ކެބިނެޓަށް، އެ ނޫން މަގާމަކަށް ލައްވައިގެން ކުރެވޭނެ ކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެ ހަގީގަތް ޔާމީން ވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މުއިއްޒަށް ފުރުސަތު ދޭން ޖެހެ އެވެ. ވޯޓު ދިން ރައްޔިތުންގެ މަސްލަހަތު ގުޅިފައި އޮތީ އެ ގޮތުގަ އެވެ. އަދި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ވެސް ބޭނުންވަނީ ގައުމަށް ހަމަޖެހުން އައުމަށެވެ. ތަޅާފޮޅުމެއް ނޫނެވެ.

ކޮމެންޓް (3)

ޝަލީމް

9 އޮކްޓޯބަރު 2023
ވަރަށް ފުރިހަމަ ލިޔުމެއް.....ޑރ. މުއިއްޒު އަކީ ވ. ވަރަށް ވިސްނުން ތޫނު...ލީޑަރެއް
2 0

ސަލީމް

8 އޮކްޓޯބަރު 2023
މި ހިރިގާ އާއި މޫސަ ހާދަ ޗާޖްވެގެންނޭ މިއުޅެނީ. މި މީހުންނަށް ޒަމާނީ ނޫސްވެރިކަން ކިޔައިދޭންވެއްޖެއެއް ނުން އަޒާނުމެން.
2 3

މުނައްވަރު

8 އޮކްޓޯބަރު 2023
ސަޅި ހިޔާލެއް ޔާމީން އަނެއްކާ ޖަލަށް ލާންވީ އަސްލު
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް