
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާލޭގައި ޕާޓީތަކުގެ ކުލަތަކުން ދިދަފަތި ދަމާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ކެމްޕޭނުގެ ބައެއް ކަންކަމަށް ލިބެނީ ތަރުހީބެއް ނޫން، ނުރުހުން
ހާސްކަން ބޮޑު މި މާލޭގައި ދިރިއުޅެން ފަސޭހައެއް ނޫނެވެ. ގިނަ ބަޔަކަށް މާލޭގައި އުޅެން ޖެހިފައިވަނީ ދަތި ހާލުގަ އެވެ. ގޭތެރޭގައި ވެސް އެތައް ބަޔަކާ އެކު އެވެ. ކުދިކުދި 'އަލިފާން ފޮށިތަކެއް' ކަހަލަ ގޮޅިތަކެއްގަ އެވެ. ގޭތެރޭގައި އަޑުގަދަ އެވެ. އެކުގައި އުޅޭ މީހުންނާ ދެބަސްވުން ގިނަ އެވެ. ހިޔާލުތައް ތަފާތެވެ. ގޭގައި ޓީވީ ޖައްސާފައި ހުރެއްޖެއްޔާ އެއިން ސިޔާސީ ހަޅޭކެވެ. ފިތުނަވެރި ވާހަކަތަކެވެ. ރުޅިވެރިކަމެވެ.
ހިތްހަމަޖައްސާލަން މަގުމައްޗަށް ނުކުންނަ އިރު ހިނގާބިނގާވެ އުޅޭކަށް ފަސޭހައެއް ނޫނެވެ. ހާއްސަކޮށް ކުޑަކުއްޖެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ގޮވައިގެން ދާ ނަމަ އެވެ. ދުވާރު މަތީގައި ކޮތަޅު ކޮތަޅުގައި ކުންޏެވެ. ކުނި ނެތިއްޔާ ޕާކްކޮށްފައި ހުންނަ ސައިކަލުތަކުން މީހާ ބައްދާލަ އެވެ. ދުވާރަށް އަރައިފިއްޔާ ފޭބޭނެ ގޮތެއް ނެތެވެ. ދުވެލި ބާރު އުޅަނދުތަކާއި މޫދުގައި ފަތާފައިދާ މަހެއްހެން ބަނޑިލައްވަމުން ދުއްވާ އެއްޗެހި އެހާ ގިނަ އެވެ.
މި ހުރިހާ ކަމެއްގެ ތެރެއަށް މި ދުވަސްވަރު އިތުރުވެފައި އޮތީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ އުނދަގޫތަކެވެ.
ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރުމަށް ކެމްޕޭން ކުރާ އިރު ކަންކަން ހުރީ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކަށް ވާ ގޮތަށެވެ. ސިޔާސީ ކަންކަން ރޭވި ނިމިގެން އަންނަ އިރު ރައްޔިތުންގެ ބޭނުންތަކާ ބީރައްޓެހިވެފައި ހުންނަ މިންވަރުގެ ރަމްޒެކެވެ. ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރެވެ. ރައްޔިތުންނަށް އެކަންކަމުން އުފަލެއް ނެތް ކަމެވެ.
ރައްޔިތުންގެ ފައިސާއިން އިހަށް ދުވަހު ހެދި މަޖީދީމަގުގައި ހިނގާ މީހުންނަށް އޮތް ޕޭވްމަންޓް މުގުރާ ފޫއަޅުވާލާފައި އެ ފެނުނީ ވަގުތީ ގޮތުން ހޮޅިދަނޑިތަކެއް ކެޕްމޭން ބެނާ ހަރުކުރުމަށް ޖެހިތަނެވެ. އެކަން އާއްމުންނަށް ބަލައިގަންނަން ދަތިވެ ފާޑުކިޔުންތައް އަޑުހަރުކޮށް އިވުނެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުން އިރުއޮއްސޭ މަންޒަރު ބަލަން، އަމީނީ މަގުން ނުކުންނަ އިރު މޫނުގައި ޖެހެނީ މާސިންގާ ބިލްބޯޑެކެވެ. ސިޔާސީ ލީޑަރެއްގެ ފޮޓޯގަނޑެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ނަމެއް ވޯޓު ކަރުދާހުގައި ނޯންނާނެ އެވެ. އެކަމަކު މާލޭގެ އެތައް ބަޔަކު ހިތްހަމަޖައްސާލަން، ދުވަހުގެ ނިމުން ފާހަގަކޮށްލައި އާ ދުވަހެއް އާ އުއްމީދުތަކަކާ އެކު ފަށަން، ބަލަން ދާ މި މަންޒަރު ބަންދުކޮށްލާފައި ވަނީ އެމަނިކުފާނުގެ ފޮޓޯގަނޑަކުންނެވެ. އެ ފޮޓޯގަނޑަށް އާއްްމުންގެ ފަރާތުން ލިބޭނީ ތަރުހީބު ހެއްޔެވެ؟
Todays sunset endorsed by Yameen. Thank you Yameen. https://t.co/nP1keUrP8M pic.twitter.com/QXpqnoosrt
— MRYM (@AnaNasym) August 27, 2023

މާލޭގެ އިރުމަތީފަރާތުން ރާޅުގަނޑު ސަރަހައްދުން ވެސް ފެންނަނީ ހަމަ އެފަދަ މަންޒަރެކެވެ. ހުޅަނގު ފަރާތުގައި ހުރި ބިލްބޯޑަށް ވުރެ މާ ބޮޑު އެ ބިލްބޯޑުން ރާޅުގަނޑު ސަރަހައްދުގެ އުދަރެސް އެއްކޮށް ފޮރުވިފަ އެވެ.
އިހްސާސް ކުރެވެނީ އިތުރު ހާސްކަމާއި ތާށިކަމެވެ. ފިތި ބާރުވެފައިވާ މިންވަރެވެ. ފެންނަނީ ރައްޔިތުންގެ ބޭނުންތަކަށް ބީރުކަންފަތްދީ އަމިއްލަ ހައިބަތު ދައްކަން އުޅޭ މަންޒަރެވެ.
ކުދި ކަންކަން މިހެން ހުންނަ އިރު ބޮޑެތި ކަންކަން ދާނީ ކިހިނެއް ހެއްޔެވެ؟
މާލޭގެ މަގުތަކުގައި މިހާރު ދަމާފައިވާ ދިދަފަތިތަކަކީ ސިޔާސީ ގޮތުން އެއް ޕާޓީ އަނެއް ޕާޓީއާ ކުރާ ވާދައެއް ކަމުގައި ވެދާނެ އެވެ. އެއް ޒުވާނަކު ބުނިގޮތުގައި އޭނާގެ ގޭ ދޮށުގައި ދިދަ ދެމުވީ ޒުވާނުންނަށް ސިނގިރޭޓު ފޮށި ދީގެންނެވެ. އަދި މި ދިދަތަކަކީ އަލިފާންނިއްވާ ލޮރީ ފަދަ އުޅަނދުތަކަށް އެޅޭ އިތުރު ހުރަހެކެވެ.

މާލޭގެ ގޭގެ އަކީ ކައިރިކައިރީގައި ޖެހިފައި ހުރި ގެތަކެކެވެ. އެއް ގޭގައި މަސް ތެލުލިޔަސް ޖެހިގެން ހުންނަ ގެއަށް އެނގެ އެވެ. އެއް ގޭގައި އަލިފާން ރޯވެއްޖެ ނަމަ ޖެހިގެން ހުންނަ ގޭގެ މީހުން ތިބެން ޖެހޭނީ މަރުން ސަލާމަތްވާން ތެޅިގަންނަން ތައްޔާރަށެވެ. އެކަކު މި ޝުއޫރު އެކްސްގައި ފާޅުކުރި އެވެ.
"މާލޭގެ ހިމަ ގޯޅިތަކަކީ އަލިފާން ނިއްވާ ފަރާތްތައް އަދި އިމަޖެންސީ ހާލަތުގައި ފުރަތަމަ އެހީ ދޭ ފަރާތްތަކަށް ބޮޑު ގޮންޖެހުމެއް. ގޯޅިތަކުގައި ހުރަހަށް ދިދަފަތި ދެމުމަކީ އިތުރަށް މި ހިދުމަތް ދިނުމަށް ހުރަސްއެޅޭ އަދި ލަސްވާން މެދުވެރިވާނެ ކަމެއް،" ކާޝިފް ނަސީރު ލިޔެފައިވެ އެވެ.
Male City is already an extremely challenging operational landscape for the Fire & Rescue Service and other first responders. The culture of cross banners across the narrow streets of the city would hamper and delay the response of Major FRS assets. https://t.co/YWeNiCayxK pic.twitter.com/dzsRSrWC5l
— Kashif Naseer 🇲🇻 (@Kashif_Nasyr) August 26, 2023
ރައްޓެއްސަކު ސޯޝަލް މީޑިއާގައި ލިޔުނެވެ: މި ދިދަތަކުން މަގުތައް ޖަރީވެފައިވިޔަސް މިކަމުން ލިބޭ ގެއްލުމާ މެދު ވިސްނާލުުމުން ދިދަތަކާ މެދު ހިތްހަމަޖެހުމެއް ނެތެވެ. ދިދަފަތިތަކުގެ ހިޔަނި މަގުމައްޗަށް އެޅިފައިވާ ފޮޓޯއެއް ޝާއިއުކޮށް އޭނާ ބުނީ "ކުލަ ތަފާތަސް ހިޔަނި އެއްގޮތް" ކަމަށެވެ.
ތެދެކެވެ. ސިޔާސީ މީހުން ބޭރުފުށުން ފެންނަ ކުލަ ތަފާތަސް އެމީހުންގެ ވިސްނުމުގައި އިސްކުރަނީ އެއް ކަމެކެވެ. އަމިއްލަ މަސްލަހަތެވެ. އާއްމު ރައްޔިތުންގެ ރައްކާތެރިކަމާއި ހިތްހަމަޖެހުމަށް ހުރަސް އެޅޭ ގޮތަށް ދަމާ ދިދަފަތިތަކާއި ޖަހާ ބިލްބޯޑުތަކުން އެކަނި ވެސް އެކަން އެނގެ އެވެ.

ރޭގަނޑުގެ ލަސް ވަގުތެކެވެ. ފޯނު ކޯލެއް އަ އެވެ. ގޮވާލީ ފުރިހަމަ ނަމުންނެވެ. ވާހަކައިގައި ރަށު ރާގެއް ހުރުމުން މިއީ އާއިލީ މީހެކޭ ހީވި އެވެ. އެކަމަކު ހީކުރި ގޮތާ ހިލާފެވެ. ސިޔާސީ ޕާޓީއެއްގެ ކޯލެކެވެ. ކެންޑިޑޭޓަށް ތާއީދު އޮތްތޯ ބަލަން ގުޅާލީ އެވެ. މި ކޯލު އަންނާނީ އަހަންނަށް އެކަންޏެއް ނޫނެވެ.
އެކަކު ސޯޝަލް މީޑިއާގައި ސުވާލު ކުރި އެވެ. މީގެ ކުރިން މި ޕާޓީ ކޮބައި ހެއްޔެވެ؟ ހާލު ބަލާލި ހެއްޔެވެ؟ މިއޮއްހާ ދުވަސްވީ އިރު ފޯނު ކޯލެއް ކޮށްލާނެ ފައިސާ ނެތިއެއް ނުހުންނާނެކަން ޔަގީނެވެ.
Vote aai jehuneema geyga registry balaafa eveni meeheh miveni meeheh ge vote hoadhan magey vote hoadhan bunan gulhaakah nujehey, mioh haa dhuvahuves ma ulhunin Party ofees gandakun gulhaaves nulaa Kalo kihineh hey ahaalan ves. Maves miulhenee 40 matheega, vaanuvaa feney engey.
— Thollam Gonzalles (@thollam) August 27, 2023
ދުވާލުދާ ހަތަރުދަމު މަސައްކަތުގައި ހާސްކަން ބޮޑު މި ދިރިއުޅުމުގައި އުޅެފައި ގެއަށް އައިސް ވަދެ، ހަށިފުރާ ނޭވާލާ، ހަމަޖެހިލާ ވަގުތު އަނެއްކާވެސް ކޮންމެވެސް އެހެން ސިޔާސީ ޕާޓީއެއްގެ ކޯލެކެވެ. އެފަދަ ކޯލްތަކަށް ވަގުތު ދޭން ބޭނުންނުވާ މީހުން ތިބޭނެކަން ހަމަ ނޭނގޭނީ ބާވަ އެވެ؟ ވޯޓުލާން ރަޖިސްޓްރީ ކުރަން ހަނދާން ކޮށްދޭން ބޭނުން ނަމަ މެސެޖެއް ކޮށްލެވިދާނެ އެވެ.
އެއް ރައްޓެއްސަކު ބުންޏެވެ. އޭނާ މާ ކުރިން ހުރީ ވޯޓުލާނެ ކެންޑިޑޭޓް ނިންމައިގެންނެވެ. އެކަމަކު، ދިރިއުޅުމުގެ ހާލަތަށް އައި ބަދަލަކާ އެކު މައިންބަފައިންގެ ގެއަށް އޭނާ ކުއްލި ގޮތަކަށް ބަދަލުވާން ޖެހުނެވެ. އެއަށް ފަހު "24 ގަޑި އިރު އެ (އޭނާ ތާއީދުކުރަމުން އައި ކެންޑިޑޭޓުގެ ކެމްޕޭން) ނޫން އެއްޗެެއް އެ ގޭ ތެރެއިން ނީވެ" އެވެ. އެއާ އެކު، ވޯޓުލާން ނިންމައިގެން ހުރި މީހާ ދެ ހަފްތާ ތެެރޭ ބަދަލުވީ އޭނާ އެންމެ ފޫހިވާ މީހާ އަށެވެ.

ވެރިކަމަށް އަންނަނީ ރައްޔިތުންގެ ކިބައިން އާނ ބަސް ހޯދައިގެންނެވެ. އެހިސާބަށް ނުދެވެނީސް ރައްޔިތުން އެއްކޮށް ފޫހިކޮށްލާ އިތުރު ތަކުލީފުތައް ޖައްސާ ނަމަ އާނ ބަސް ބުނަން އުނދަގުލެވެ. ކެމްޕޭން ކުރަން ޖެހެނީ އެކަން ވެސް ދަނެގެންނެވެ. އެކަމަކު ރައްޔިތުންގެ ލާބަ އާއި ރައްޔިތުންގެ މަންފާއަށްޓަކައި ވެރިކަން ކުރަން ކަމަށް ބުނެ އަންނަ މީހުންގެ އަމަލުތައް މި ފެންނަނީ އެއާ ހިލާފަށެވެ.
ކޮމެންޓް (1)
ތެފައާސާ.