މާލެއަށް މި މަހު އެރި އުދައިގައި ރާޅެއް ނަގައި ހޮޅިލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މޫސުމީ ބަދަލުގެ ވާހަކަ ދައްކާލާނެ އެންމެ ކެންޑިޑޭޓެއް ވެސް ނެތް؟
މާލެއަށާއި ހުޅުމާލެ ބްރިޖުގެ ހައިވޭއަށް މި މަހު އުދައެރުން ބައެއް މީހުން ސިފަކުރީ ސުނާމީއެއްގެ ރާޅުތަކެއް ގޮތަށެވެ. މޫސުން ރީތި ދުވަހެއްގެ ހަވީރު އެރި އެ އުދައިގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެ، މުދަލަށް ގެއްލުން ލިބުނެވެ. ރާޅުތަކާ އެކު އެރި ވެއްޔާއި ގަލާއި ކުނިބުނީގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރާ، ބަހުގެ ހިދުމަތް މެދުކަނޑާލަން ޖެހުނެވެ. ހެންވޭރު ދަނޑާ ހަމައަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނެވެ. ވެލި ބަސްތާ ޖަހައިގެން ވެސް ރާޅުތައް މަތައެއް ނުކުރެވުނެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި އެ ދުވަހު ދެކުނާއި މެދު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރީ ބޮޑު ދިޔަވަރުގައި ރާއްޖޭގެ އޮޔާއި ވަޔާ އެކު ރާޅުބާނީގެ އުސްމިން 6 ފޫޓާއި 8 ފޫޓާ ދެމެދަށް އުފުލުމުންނެވެ. ބާނިތައް މިހާ ބޮޑުވާން ދިމާވި ވަކި ސަބަބެއް ސީދާ ބުނަން ނޭނގޭ ކަމަށް އެ އިދާރާގެ އޮފިޝަލެއް 'ދައުރު'އަށް ވިދާޅުވި ނަމަވެސް، މިއީ މޫސުމީ ބަދަލުތަކުގެ އަސަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި 1880 އިން ފެށިގެން މިއަދާ ހަމައަށް ކަނޑުގެ ލޮނުގަނޑު ވަނީ އެވަރެޖްކޮށް 9 އިންޗި އުފުލިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ރަނގަޅު ދިރާސާއެއް ހަދައި ބަހެއް ބުނެލާނެ އިދާރާއެއް ރާއްޖެއަކު ނެތެވެ. ވެރިންނާއި ޒިންމާތައް އެޅިފައިވާ މިނިސްޓްރީތަކަށް ކަންބޮޑުވުން ފާޅުކުރެވެނީ ބޭރުގެ ޕޯޑިއަމެއްގައި ފައިސާއަށް ސަލާންޖަހަން ވުމުން އެކަންޏެވެ.
ރިޔާސީ އިންތިހާބަށް މަހަކަށް ވުރެ ކުޑަތަންވެފައި ވާ އިރު، ކުރިމަތިލާފައިވާ އަށް ކެންޑިޑޭޓުންގެ ތެރޭގައި، މިކަމަށް ސަމާލުކަމެއް ދީގެން މޫސުމީ ބަދަލުގެ ވާހަކަ ދައްކާލި އެންމެ ކެންޑިޑޭޓަކު ވެސް ނެތެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުން ނޫން ކަމެއް ނުވޭ؟
ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ތިރި ޖަޒީރާ ގައުމެވެ. ދުނިޔެ ހޫނުވުމާ އެކު ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރިގެން ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރަކަށް ނުރައްކާ ބޮޑުވާނީ އަހަރެމެންގެ ގޮނޑުދޮށްތަކަށެވެ. އެކަމުގެ އަސަރު ފެންނަމުންދާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް، މިހާރު އެ އަސަރުތައް ދަނީ މުޅި ދިރިއުޅުން ހަލާކުވާ މިންވަރަށް ބޮޑުވަމުންނެވެ.
އެއް މިސާލަކީ އއ. ހިމަންދޫ އެވެ. އެ ރަށުގެ ބަނދަރު ހެދުމާ އެކު ހަލުވިކަމާ އެކު ރަށްގިރަން ފަށާ، މީހުން ދިރިއުޅޭ ގޭގޭގެ ބުޑަށް ރާޅު ބިންދާ ހިސާބަށް ވެލިގަނޑު ދަމައިގެންފި އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ގޯތި ދޫކުރަން އޮތް ސަރަހައްދުތަކާއި ހިތްހަމަޖެހުން ހޯދާލަން ނުކުމެލަން އޮތް ތުނޑިތައް ގިރައިގެން ދިޔުމަކީ މިހާރު އާންމުވެފައިވާ މަންޒަރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއް ހޯއްދެވުމަށްޓަކައި ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުތަކުގައި ކޮންމެ ރަށަކަށް ވަޑައިގެން، އެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކޮށްދިނުމުގެ ވައުދުވެވަޑައިގަންނަވަ އެވެ.
ސުވާލަކީ، އެއީ ކިހާ ބުރަދަނެއް ހުރި ވައުދެއް ހެއްޔެވެ؟ އެއީ މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ވާން އެންމެ ރަނގަޅު ވައުދު ހެއްޔެވެ؟ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާ ރަށްރަށުން ރަށްގިރުމަށާއި އުދައެރުމަށް ހައްލު ލިބިފައިވޭ ހެއްޔެވެ؟
މިހާތަނަށް ގޮނޑުދޮށް ހިމާޔަތްކޮށް ނުވަތަ ތޮށި ލާފައިވާ ރަށްރަށުން އިވެނީ އަދިވެސް ގިރާ ކަމުގެ ޝަކުވާ އެވެ. މާލެ އަކީ މުޅި ރާއްޖޭގައި ވެސް އެންމެ ރަނގަޅަށް ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާ އެއް ރަށޭ ބުނެވިދާނެ އެވެ. ވަށައިގެން ތޮށިލާ، ބަޖިޔާގާ ޖަހައިފާވީ ނަމަވެސް، މިހާރު މާލެއަށް އަރަމުންދާ ރާޅުތައް މަތައެއް ނުކުރެވެ އެވެ. ހުޅުމާލެއަކީ ދުރު ރާސްތާއަށް ޕްލޭން ކޮށްގެން ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް، ފެނުން މައްޗަށް 2 މީޓަރުގެ އުސްމިން ހުންނަ ގޮތަށް ހިއްކާފައިވާ ރަށެކެވެ. އެކަމަކު މިފަހަރު އެރި ބޮޑު އުދައިން ހުޅުމާލެ ވެސް ސަލާމަތެއް ނުވި އެވެ.
ދިމާ ސީދަލަށް ފެންނަން ހުރި މަންޒަރުތަކަށް ވެސް ބެލުމެއް ނެތެވެ. ބޮޑެތި ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކުން ނުކުންނަ ނަތީޖާއަކަށް ވެސް ބެލުމެއް ނެތެވެ. ސައިންސްވެރިންނާއި މާހިރުން ދެމުންދާ އިންޒާރުތަކަށް ވެސް ބެލުމެއް ނެތެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ މަޝްރޫއުތަކަކީ އެކަމުން އެދެވޭ ނަތީޖާއެއް ނެރެން ބޭނުންވާ ނަމަ އެތައް އަހަރެއްގެ ދިރާސާ ހެދުމަށް ފަހު ކޮންމެ ރަށަކަށް ހާއްސަކޮށް ފަރުމާކޮށްގެން ހިންގަން ޖެހޭ ފަދަ މަޝްރޫއުތަކެވެ. އެއަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ އީޖާދީ ހައްލެއް ހޯދަން ވެސް މާހިރުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ އެވެ. ނަމަވެސް، ސަރުކާރުން އެއްވެސް ކަހަލަ ދުރު ރާސްތާ ޕްލޭނެއް ނެތި އެފަދަ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ބޭކާރު ވަނީ ވަސީލަތްތަކާއި ވަގުތާއި ފައިސާ އެވެ.
ސަރުކާރުގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ އައިލްސް ވެބްސައިޓުން ދައްކާ ގޮތުގައި:
-
މިހާތަނަށް ރާއްޖޭގެ 87 ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިންގަން އިއުލާނުކޮށްފައިވޭ
-
މިއިން ކޮންމެ މަޝްރޫއުއެއްގެ އަގު އުޅެނީ އެވަރެޖްކޮށް 3 މިލިއަން ރުފިއާއަށް ވުރެ މަތީގައި
-
އެހެންކަމަށްވާ ނަމަ، ފޫނެތް ފަޔަށް ފެން ފުރާ އުސޫލުން ހިންގާ މި ޕްރޮޖެކްޓުތަކަށް ބޭކާރު ގޮތުގައި މަދުވެގެން 261 މިލިއަން ރުފިޔާ ހަރަދު ކުރާނެ
މިވަގުތަށް ރައްޔިތުންގެ ހާސްކަން ލުއި ކޮށްދީގެން ފަސޭހައިން ވޯޓުކޮޅެއް ހޯދާލެވޭނެ ކަމަށް ބަލާފައި، ކޮންމެ ރަށެއްގައި "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ގޮނޑުދޮށް ހިމާޔަތް ކޮށްދޭން ވައުދުވާންވީ އެވެ. މިއީ ރަށްގިރުމަށް އޮތް އެންމެ އެކަށީގެންވާ ހައްލުކަން ވިސްނައިދީ، ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާ އިތުރަށް ވާވައްދަންވީ އެވެ. އާހިރުގައި ނުކުންނާނެ ނަތީޖާއަކާ މެދު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތެވެ.
-
އިތުރަށް ކިޔާލަން: ރަށްތައް ގިރާލައިގެން ދާއިރު ބަލަހައްޓައިގެން ތިބެންވީތަ؟
އަދިވެސް ހަދަންވީ ނުވާ ކަމަކަށް؟
މި އަހަރުގެ ތެރޭގައި އެކަނި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ އާދަޔާހިލާފު މޫސުމީ އެތައް ކަމެއް ފެނިގެން ހިނގައްޖެ އެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
-
ޗައިނާގެ ފިނިހޫނުމިން 52 ޑިގްރީ ސެލްސިއަސްއަށް އަރައިގެން ދިޔަ؛ މިއީ ރެކޯޑް މިންވަރެއް
-
އަފްގާނިސްތާނުގެ ފިނިހޫނުމިން 28- ޑިގްރީ ސެލްސިއަސްއަށް ވެއްޓި، 78 މީހުން މަރުވި
-
މެލޭޝިއާއަށް މީގެ ކުރިން ނުކުރާހާ ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ސަބަބުން 40،000 މީހުންގެ ގެދޮރު ގެއްލުނު
-
ކެނެޑާގެ ޖަންގަލިތަކުގައި އަލިފާން ރޯވެ 32 މިލިއަން އޭކަރު އަނދައިގެން ދިޔަ؛ މިއީ އެހެން އަހަރުތަކުގައި މިފަދަ އަލިފާންތަކުން ލިބޭ ގެއްލުންތަކާ އަޅާބަލާއިރު ހަތް ގުނަ ބޮޑު މިންވަރެއް
-
އެމެރިކާގެ ބައެއް ހިސާބުތަކުގައި ތާރީހުގައި ނާންނަ ފަދަ ބޮޑު ހީޓް ވޭވްއެއް އައި؛ އެރިޒޯނާގެ ފީނިކްސްގައި ޖެހިޖެހިގެން 31 ދުވަސް ވަންދެން ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސް އިން މަތީގައި
-
ހޫނުމިން މަތިވުމުގެ ސަބަބުންނާއި މޫސުމީ ކާރިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދަނީ މަރުވަމުން
-
ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން ވަނީ މީގެ ކުރިން ދުވަހަކު ނުއުފުލޭހާ މައްޗަށް ގޮސްފައި؛ އެވަރެޖް ހޫނުމިން 20.96 ޑިގްރީ ސެލްސިއަސް އަށް އެރި
މިހާތަނަށް ދުނިޔެ ދެކެފައިނުވާ މިފަދަ ކަންކަން ހަލުވިމިނުގައި އާންމުވަމުން ދާއިރު، ރާއްޖެއަށް ވެސް މިފަދަ ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ.
އަހަރަކަށް ވުރެ އަހަރެއް އުދައެރުމުގެ ހާދިސާތައް ދަނީ ގިނަވަމުންނެވެ. ނުގިރާ ރަށެއް ނެތެވެ. މިއަހަރުގެ ތެރޭގައި ރާއްޖޭގައި އިހުސާސް ކުރެވޭ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރައިގެން ހިނގައްޖެ އެވެ. އެލް ނީނޯގެ އަސަރާ އެކު ފަރުތަކުން ގާހުދުވެ، މުރަކަތައް މަރުވާ ނިސްބަތް އިތުރުވަނީ އެވެ. ހުރިހާ ކޮޅަކުން އިންޒާރެވެ.
އެކަމަކު، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މިހާތަނަށް ކޮށްފައިވާ އަސަރުތަކާއި ކުރިއަށް އޮތް ތަނުގައި ކުރާނެ އަސަރުތަކުގެ އަންދާޒާއެއް ކޮށްލެވޭ މިންވަރަށް ވެސް ރާއްޖޭގައި އެކަމާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށް، ދިރާސާ ހަދައިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ކަމާބެހޭ އިދާރާއަކާ ސުވާލުކޮށްލާ ކޮންމެ ފަހަރަކު ލިބެނީ އެއް ޖަވާބެކެވެ. މައުލޫމާތު ނެތީ އެވެ. ދިރާސާ ނުކުރެވެނީ އެވެ. "ވަކި އެހެން ދަންނަވާކަށް ނޭނގެ" އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ބޮޑު 'ކްލައިމެޓް ކްރައިސިސް'ގެ ތެރޭގައި ރާއްޖެ އަދިވެސް މިއޮތީ ވާނުވާ ނޭނގޭ ހާލަތުގަ އެވެ. އަސަރެއް ކުރާ ކަން ނުވަތަ ނުކުރާ ކަން ވެސް "ޔަގީން ނުވެފަ" އެވެ.
ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން ހީވާގޮތުގައި، މިއީ ނުވާ ކަމަށް ހަދާ އަތް އަޅާ އޮއްބާލައިފި ނަމަ މޫސުމީ ބަދަލުތަކުގެ އަސަރުން ރާއްޖެ ސަލާމަތްވާނެ އެވެ. އެކަމުން ނުކުންނާނެ ހިތި ނަތީޖާ ވަޒަންކޮށްލަން ބޭނުންވާ މީހަކު ވެސް ނެތީ އެވެ.
ވައުދު ވަނީ އަދިވެސް އިތުރަށް ގެއްލުން ދޭން
މި ރަށަށް އެއާޕޯޓެއް، އެ ރަށަށް ކޯޒްވޭއެއް، ދެން އޮތް ރަށަށް ބަނދަރެކެވެ. ތަނެއްގައި ފަޅެއް އޮތިއްޔާ ހިއްކަންވީ އެވެ. ފަރުތަކާއި ކުޅިތަކާއި ޗަސްބިމާއި، ދެން ވެސް ރައްކާތެރިކަން ފޯރުކޮށްދޭން އޮތް ކޮންމެ ގުދުރަތީ ނިޒާމެއް ފުނޑާލާފައި ގެންނަންވީ "ތަރައްގީ" އެވެ.
ވަރުވަރުން ބިން ހިއްކާފައި، ގޯތި ނުދެވި އެތައް ޒަމާނެއް ވެގެން ހިއްކި ވެލިގަނޑު ގިރާލައިގެން ދާއިރު ވެސް ހަމަ "ތަރައްގީ" އެވެ. ކުޅިތައް ހިއްކައިގެން އެއާޕޯޓު އަޅާ، އެތަނުގައި ޖައްސާނެ ފްލައިޓެއް ނެތި، ގެއްލުމުގައި ހިންގަން ޖެހުނަސް ހަމަ "ތަރައްގީ" އެވެ. އަތޮޅުގެ ރައްޔިތުންނަށް ނަފާ ހޯދެން އޮތް ގުދުރަތީ ރީތިކަން ގުރުބާންކޮށް، ފަޅުތައް ހިއްކައިގެން ރިސޯޓުތައް ހަދާ ބޭރުގެ ބޮޑެތި މަހުޖަނުންނަށް ވިއްކާ އިރު ވެސް ހަމަ "ތަރައްގީ" އެވެ.
މިއީ ސިޔާސީ ލީޑަރުން އެތައް ޒަމާނެއް ވަންދެން ރައްޔިތުންނަށް ވިސްނައިދިން ގޮތެވެ. ވޯޓު ހޯދަން ފަސޭހަ އަކަށް، ވާދަވެރިޔާ އަށް ވުރެ "ބޮޑުކޮށް، މޮޅުކޮށް" ކަންކަން ކުރެވޭނެކަން ދައްކަން ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެކެވެ. ދެމެހެއްޓެނިވި ގޮތުގައި ރަނގަޅު ޕްލޭނެއްގެ ދަށުން ކަންކަން ކުރެވޭނެ މަގު އޮވެ، ކޮށްދިނީމޭ ބުނަން ކުރާ އުސޫލުން ކަން ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އުފައްދާފައި އޮތުމުން ތަކުރާރުވަމުންދާ ހާލަތެކެވެ.
ވެށި ހަލާކުވާ ގޮތަށް ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ލިބެނީ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެވެ.
ރާޅުތައް ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންދާ އިރު، ފަރުތައް ނެތިއްޖެ ނަމަ ބާނިތައް މަތަކުރާނެ ގޮތެއް ނެތުނީ އެވެ. މޫދުވިނަ އާއި ހޭޅީގެ ގަސްތައް ނަގާ ނަމަ، ވެލިގަނޑު ހިފަހައްޓާނެ ގޮތެއް ނެތުނީ އެވެ. ބިން ހިއްކުމުގެ ސަބަބުން އަތޮޅުތެރޭގައި އޮއެވަރު ދައުރުވާ ގޮތަށް ބަދަލު އަތުވެއްޖެ ނަމަ، ރަށްރަށުގެ ގޮނޑުދޮށްތައް ގިރައިގެން ދިޔުން ހުއްޓުވާނެ ގޮތެއް ނެތުނީ އެވެ.
ދިވެހިން ހަގީގަތުގައި ވެސް ބޭނުންވާ ތަރައްގީ އަކީ މިއީ ހެއްޔެވެ؟ މި ގައުމު އޭގެ މަތީގައި ބިނާވެފައިވާ ފަރުތަކަށް އެއްވެސް ގަދަރެއް އިހުތިރާމެއް ނެތީ ހެއްޔެވެ؟ ކޮންމެ ކެންޑިޑޭޓެއްގެ މެނިފެސްޓޯ އިން ބަރިބަރިއަށް މިފަދަ ވައުދުތައް ފެންނަނީ އެހެންވެގެން ހެއްޔެވެ؟
ސިޔާސީ ލީޑަރުން މޫސުމީ ބަދަލުތަކަށް އިސްކަންނުދޭ ހާލަތުގައި، އެކަންކަމާ މެދު ހޭލުންތެރިވުމަކީ އަހަރެމެންގެ ޒިންމާ އެކެވެ. ވައުދުނާމާ ހިފައިގެން އައުމުން އަތްޖަހާ ސަނާކިޔުމުގެ ބަދަލުގައި ސުވާލުކޮށް، އޮޅުންފިލުވަން ޖެހެ އެވެ. ސިޔާސީ ވެރިން ޖަވާބުދާރީކުރުވަން އެބަޖެހެ އެވެ. އެމީހުން ސީރިއަސްކަމެއް ނުދީ ދޫކޮށްލާ ކަންކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކަން ޖެހެ އެވެ.
މިއީ ކުޑަ ކަމެއް ނޫނެވެ. މިއީ ދިވެހިންގެ ދިރިހުރުމާ ސީދާ ގުޅިފައިވާ ކަމެކެވެ. ކިތައްމެ ބައިވަރު "ތަރައްގީ"ގެ މަޝްރޫއުތަކެއް އިއުލާނު ކުރިޔަސް، މޫސުމީ ބަދަލުގެ ބޮޑު ރާޅު މި ގައުމަށް ބިންދާލައި، ގޯތިގެދޮރާއި ދިރިއުޅުމާއި އިގްތިސޯދާއި ދިރިއުޅުމާއި ފުރާނަ ދޮވެލައިގެން ދާއިރު، އެފަދަ "ތަރައްގީ" އަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ.