ޔާމީންގެ އިސްތިއުނާފީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން.

އުންމީދުގެ އެންމެ ފަހުގެ ހުޅުކޮޅު ވެސް ނިވިއްޖެ

ހަމަ ޔަގީނުން ވެސް ކަމެއްގައި އިންސާފު ލިބޭނެ ކަމަށް އަޅުގަނޑުގެ އުންމީދެއް ނެތެވެ. އަޅުގަނޑުގެ އަތުގައި ހަމައެކަނި އޮތީ، 9 ސެޕްޓެމްބަރުގައި ނަގާ ވޯޓުގައި، ވޯޓު ކަރުދާސްކޮޅު އެކަންޏެވެ.

ހަނދާންވާ ގޮތުގައި އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ. އަޅުގަނޑު މަސައްކަތް ކުރީ އެޑިއުކޭޝަން މިނިސްޓްރީގަ އެވެ. ބަޖެޓް ކާތިބު، އެ ދުވަހު މުސާރަ ބަލާ އައި މީހުންނަށް މުސާރަ ދީ، ހިސާބު ނިންމި އިރު، 10،000ރ. ވަތްގަނޑުން މަދުވެއްޖެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޮފީހަށް ފައިސާ ގެނައީ އެހެން ދެ މުވައްޒަފަކެވެ. އެ ދެ މީހުން މުސާރަ ފައިސާ ބަޖެޓް ކާތިބާ ހަވާލުކޮށް ސޮއިކުރުވި އެވެ. އޭނާ އެ ފައިސާއާ ހަވާލުވީ މަތިމަތިން ބޮނޑިތައް ގުނާލުމަށް ފަހު، ތަފުސީލުކޮށް ވަކިވަކިން ނުގުނަ އެވެ؛ އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުބާރުކޮށްފަ އެވެ.

އެ ދުވަހު ހެނދުނު އޮފީސް ހުޅުވި ފަހުން އޮފީސް ބަންދުކުރުމާ ހަމައަށް ވެސް މިދެންނެވި ބަޖެޓް ކާތިބު އޮފީހަކުން ބޭރަކަށް ނުނުކުމެ އެވެ. ކެއި އެއްޗެއް ކެއީ ވެސް އޮފީހުގައި އިނދެ އެވެ. އޭރު މުސާރަ ދެނީ ނަގުދު ފައިސާއިން ކަމަށް ވާތީ، މުސާރަ ދޫކުރަން އިންނަ މީހަކަށް އޮފީހުން ބޭރަކަށް ނުވެސް ދެވޭނެ އެވެ. ނަމަވެސް، އޭނާ ފައިސާއާ ހަވާލުވެފައިވާތީ، އެކަމުގެ ޒިންމާ އުފުލަން ޖެހުނެވެ. ނަތީޖާ އަކީ އޭނާ އަރުވާލައި އެ ފައިސާ އަހަރުތަކަކަށް ބަހާލައިގެން ދައުލަތަށް ދައްކަން ޖެހުމެވެ.

އެހެނަސް މިއަދު އެހެންތޯ އެވެ؟ ރ. ދުވާފަރު ކައުންސިލަރުން ރައްޔިތުންގެ ފައިސާއަށް ބޮޑުކޮށް ހިޔާނަތްވެ، 2 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނެގުމުން ވެސް އެ މީހުންނަށް ނަސޭހަތްދިނުމަށް ފަހު، މައްސަލަ އޮއްބާލީ އެވެ. ހަމައެކަނި މައްސަލަ އޮއްބާލީއެއް ނޫނެވެ. އެ މީހުންނަށް ދައުވާ ނުކުރިތާ މަގާމުގައި ތިބުމަށް ވެސް ހުރަހެއް ނެތީ އެވެ.

އެ ވަރުގެ ޖަރީމާއެއް ހިންގުމުން ވެސް އެ މީހުންނަށް ދައުވާ ކުރަން ނުފެންނަ ކަމަށް ޕީޖީ ނިންމަވަނީ، އުންސަރު ހަމަނުވާތީ ތޯއްޗެކެވެ. ނޫނީ ކޮން އަސާސާކުން ކަމެއް ނޭނގެ އެވެ. ހަމަ ޔަގީނުން ވެސް އެނގޭ ކަމަކީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ އިރު، ހަމަ ޔަގީނުން ވެސް އެކަން ބަލައެއްނުގަނެވޭނެ ކަމެވެ. އެކަމުގެ ސަބަބުން އިންތިހާބެއް ކުރިމަތީގައި އޮއްވައި އެ ލިބޭ މަންފާ އެނގޭނީ އެ ލިބޭ ބަޔަކަށެވެ. ނޫނީ ފިތިފައި ހުންނެވި ބޭފުޅަކު އެ ފިތިފައި ހުރި ވަރު، އެނގިވަޑައިގަންނަވާނީ ވެސް އެ ބޭފުޅަކަށެވެ. އަޅުގަނޑަކަށް ނޭނގެ އެވެ. އަޅުގަނޑަށް އެނގޭ ކަމަކީ މިއީ އިންސާފު ނޫން ކަމެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުން.

މިއީ އަންދާ ގާނޫނުތޯ އެވެ؟

އޭގެ އަނެއް ހާދިސާ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު މޭސްތިރިއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުކަން އަޅުގަނޑުމެން އެންމެން ވެސް ދަނެ އެވެ. އެއަކު ބަހުސެއް ނެތެވެ. ނަމަވެސް މިއޮއް ހުރިހާ ދުވަހު ވެސް އޭނާ ބަހައްޓާފައި ހުރީ، ފަރުދާގެ ފުރަގަހުގައި ހެދި އެއްބަސްވުމެއްގެ ދަށުން ގޭގަ އެވެ. އަދި އިހަކަށް ދުވަހަކު އެ ދިޔައީ ސިންގަޕޫރަށް ފުރައިގެންނެވެ.

ރަނގަޅެވެ. އިންސާނަކަށް ބޭސްފަރުވާ ބޭނުންވާ ނަމަ، އެ މީހަކަށް އެ ހައްގު ލިބެން ޖެހޭނެ އެވެ. އެއަކު ބަހުސެއް ނެތެވެ. ނަމަވެސް، އެއާ އެކު ދެ ސުވާލެއް ފެންމަތިވެ އެވެ. އެއް ސުވާލަކީ ހަގީގަތުގައި ވެސް ޓްރީ ޓޮޕް ނޫނީ އޭޑީކޭ ހޮސްޕިޓަލް ފަދަ ތަންތަނުން ވެސް އެ ބުނާ ޓެސްޓް ހަމަ ނެހެދެނީތޯ އެވެ. އަނެއް ސުވާލަކީ އޭނާ ފުރުވާލީ ޕާސްޕޯޓްގައިތޯ ނޫނީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައިތޯ އެވެ. ހަމަ ޔަގީނުން ވެސް ކަމާ ބެހޭ ފަރާތްތަކުން އެކަމުގެ ތަފުސީލެއް ނުދެ އެވެ. ހަމައެކަނި ބުނިހާ ވެސް އެއްޗަކީ އޭނާ 10 ދުވަހުގެ ތެރޭގައި އެނބުރި ވަޑައިގަންނަވާނެ ވާހަކަ އެވެ.

އެއް ބަޔަކު ބުނަނީ އަދީބު ވަޑައިގަތީ ބޭސްފަރުވާއަށް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ ވަޑައިގަތީ ސިންގަޕޫރު ތިޖޫރީގައި ހުރި ކަމަށް ބުނާ ފައިސާ ކެމްޕޭނަށް ހޯދުމަށް ކަމަށެވެ. އެ ތިޖޫރީ ހުޅުވެނީ އޭނާގެ ލޮލުގެ ރެޓީނާގެ ސްކޭނަކުން ކަމަށްވާތީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ އެ ފިއްލެވީ ކަމަށެވެ. އަޅުގަނޑު އެއިން އެއްވެސް ކަމަށް އާނއެކޭ ވެސް އަދި ނޫނެކޭ ވެސް ނުބުނާ ނަމެވެ. އަޅުގަނޑު އިންތިޒާރު ކުރާނީ އެކަން ނިއުޅިގެން އަންނަން ދެކަށެވެ. އެކަމަކު އޭނާއަކީ ފިއްލެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. 

އަދީބު ކްރިމިނަލް ކޯޓުގައި މީގެ ކުރީން އޮތް ޝަރީއަތަށް ވަދެވަޑައިގަތް މަންޒަރު. (ފައިލް ފޮޓޯ/މިހާރު)

އެމްޑީޕީ ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް، މި ދައުރު ނިމެން ދެ މަސްދުވަހަށް ވީ އިރު، އެ މައްސަލާގައި ޝަރީއަތް ހިނގާ ތަން ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަނި ކަމަށް ވާތީ އެއީ އިންސާފު ހޯދުން ކަމަކަށް ގަބޫލެއް ނުކުރަމެވެ.

މިއީ އަންދާ ގާނޫނުތޯ އެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ވަގު ބަދުނާމު އެޅުވި ދެ ބޭފުޅުންނަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވިދާޅުވީ ރައީސަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގަތް ކަމަށެވެ. ޖާބިރު ވިދާޅުވީ ޔާމީންގެ ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގައި، އެ މަނިކުފާނަށް ސީދާ ފައިސާ ދެއްވީ އޭނާ ކަމަށެވެ.

އަޅުގަނޑަކަށް ނޭނގެ އެވެ. އެނގޭ ކަމަކީ އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރީ، ކޮވިޑްގެ ތެރޭގައި އޭނާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަވެ. އަދި އެ މުވައްޒަފުން ރައީސް ކުރިފުޅުމަތީގައި އެ ވާހަކަ ކިޔައިދިންލެއް އަސަރު ގަދަކަމުން ރައީސްއަށް ކީރިތި ވެސް ކުރެއްވުނު ކަމަށް ވެސްވެ އެވެ.

ނަމަވެސް އޭނާ އަކީ މިހާރު ހުދު ކާފޫރުކޮޅެކެވެ. އެހާ ވެސް ސާފެވެ. އޭނާގެ ދައުވާތައް އަނބުރާ ނަގަން ޕީޖީ ނިންމެވީ، އެ މައްސަލައިގެ ވިކްޓިމުން ބަޔާންތައް ގެންދަން ބޭނުންވާ ކަމަށް ބުނާތީ ކަމަށް ޕީޖީ އިން ބުނެ އެވެ. އަޅުގަނޑުގެ ސުވާލަކީ ޖިނާއީ މައްސަލައެއްގައި ޕީޖީ ދައުވާ ނުކޮށް އެހާ ފަސޭހައިން ދޫކޮށްލެވޭ ގޮތެއް އޮވޭތޯ އެވެ؟ އެއީ ވެސް އިންސާފުތޯ އެވެ. އެންމެ ހައިރާން ވަނީ އެ ހުރިހާ ކަމެއް މި ހިނގީ އޭގެ ކުރިން ރައީސް އޭނާއާ އިނގިރޭސިވިލާތުގައި ބައްދަލުކުރެއްވި ކަމަށް ފަހު ކަމަށް، މީޑިއާގައި އަޑުފެތުރިފައި ވަނިކޮށް ކަމަށް ވާތީ އެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގެން މާލޭ އެއް ނަންބަރު ފާލަމުގައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މިއީ އަންދާ ގާނޫނުތޯ އެވެ؟

ޖާބިރުގެ ކޭހަކީ ވެސް މަޖާ ކޭހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށާއި ރައީސް ސޯލިހަކީ ވެސް ހިޔާނަތްތެރިއެއް ކަމަށް އަޑަށް ބާރުލައްވާފައި ވިދާޅުވެފައި ވަނިކޮށް، ކުއްލިއަކަށް މި ފެންނަނީ ކޮޅު ބަދަލުކުރައްވާ ތަނެވެ. ކޮޅު ބަދަލުކުރެއްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، "ޑޮލަރުން ތަޅާ ބަލިކޮށް" އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ވިދާޅުވާ އިރު، ފަހަތުން މި ފެންނަނީ މާލެ އަތޮޅުން މާސިންގާ ބޮޑު ފަޅެއް ދޭ ތަނެވެ. ތެދެކެވެ؛ މަތިވެރި ފަޅުގެ ތެރޭގައި އޮތް ފިނޮޅެއްގެ ބަދަލުގައި ކަމަށް ބުނެ އެވެ. ނަމަވެސް، އެކަމުގެ އިންސާފަކީ ކޮބައި ކަމެއް، އަޅާ ކިއީ ކޮން އުސޫލަކުން ކަމެއް އެނގޭ އިންސާނަކު ނެތެވެ. ދެ ފުށެއް ނުފެނެ އެވެ. ފެންނަނީ ރައީސް އަރިހު ކެމްޕޭން ދަތުރުތައް ކުރައްވައި "ޑޮލަރުން ތަޅައި" އިދިކޮޅު ބަލި ކުރާނެ ކަމަށް ބުނާ ތަނެވެ.

މިއީ އަންދާ ގާނޫނުތޯ އެވެ؟

ރައީސް ވިދާޅުވަނީ ކޯޓުތައް މިނިވަން ވެއްޖެ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒު ކަނޑުވާލެވިފައިވާ ކަމަށެވެ. ނަމަވެސް، ކަން ހިނގާ ގޮތާއި ފެންނަ މަންޒަރުތަކުން އެކަން އޮތީ އެހެން ކަމަށް ބުނަން ދައްޗެވެ. އެހެނީ ކުރިން ވެސް ފާހަގަކުރި ގޮތަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވީ ހަމައެކަނި ޔާމީން ކަމަށް ގަބޫލެއް ނުކުރެވޭތީ އެވެ.

އެ ޝަރީއަތްތައް މެދުކަނޑާލުމުން ޔާމީނަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ބުރެކި ޖެހެމުގެ އިތުރަށް، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޮތް ފުރުސަތު ވެސް ގެއްލެނީ އެވެ. އެއީ އިންސާފުތޯ އެވެ؟ އަޅުގަނޑަކަށް އިންސާފެއް ނޫނެވެ. އެހެނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ މަނިކުފާނުގެ ނަން ރިޔާސީ ޓިކެޓްގައި އޮތުމަށް ބޭނުންވާ ކަމީ ޝައްކެއް ހިނގާ ކަމެއް ނޫނެވެ. އަދި އެ ކަމުގެ ނަތީޖާ ވެސް ރަނގަޅު ނުވާނެކަން އެނގޭތީ އެވެ. ކެރޭ ނަމަ، އެ މަނިކުފާނަށް ރިޔާސީ ރޭހުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ފަހު، ރައްޔިތުންގެ ކޯޓުން ގޮތެއް ނިންމަން ފުރުސަތު ދޭންވީ ނޫންތޯ އެވެ. އެހެން ހުރިހާ ކަމެއް ޕީޖީ ޝަރީއަތުގެ ބޭރުން ނިންމަވާ އިރު، އެއީ ވެސް ހަމަ ރަނގަޅު ގޮތެއް ނޫންތޯ އެވެ. އޭރުން ރައްޔިތުން ހުކުމްކޮށްފާނެ ނޫންތޯ އެވެ. ހަމަ ޔަގީނުން ވެސް އެ ހުކުމް މާ އިންސާފުވެރިވާނެ އެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތްކަމުގެ ފޯމު ރައީސް ސޯލިހަށް އަރުވަނީ. (ފޮޓޯ/އެމްޑީޕީ)

ލައްކަ ވާހަކަ ދެއްކިއްޖެ އެވެ. އެ ހުރިހާ ކަމަށް ވުރެ ބޮޑަށް އަޅުގަނޑު މާޔޫސްވީ އެންމެ ކަމަކާ އެވެ. އެއީ އަލީ ވަހީދުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުމާ ހެދި އެވެ. ހަގީގަތުގައި ވެސް މާޔޫސްވެއްޖެ އެވެ. އެހެނީ އަޅުގަނޑު ހީކޮށްގެން ހުރީ ސުޕްރީމް ކޯޓްގެ ނިންމުންތައް ދެފުށް ފެންނާނެ ކަމަށެވެ. ތެދެކެވެ؛ އެއީ އެ ބޭފުޅުންނަށް ލިބިގެންވާ އިހުތިޔާރެކެވެ. ނަމަވެސް، އަޅުގަނޑަށް ކުރިން އެހެން ގަބޫލުކުރެވުނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވާ ވާހަކަތަކާ ވެސް އެކު އެވެ. ސުއޫދު ވިދާޅުވެފައިވަނީ އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހޭނެ ކަމަށާއި އޭނާގެ ކުރިމަތީގައި ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށެވެ.

ނަމަވެސް، ކަންވީ އެހެންނެއް ނޫނެވެ. އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ކުރި ޖަލު ހުކުމަށް އޮތީ ސިއްރިއްޔާތުގައި މައާފު ދީފަ އެވެ. ހުއްޖަތަކީ އޭނާ މައާފަށް އެދުމެވެ. އެހެންކަމުން، ކިތަންމެ ބޮޑު ޖަރީމާއެއް ހިންގާފައި ވެސް މައާފު އެދުމުން އެ ނިމުނީ ދެއްތޯ އެވެ. އިންސާފަކީ މިއީތޯ އެވެ؟ ސުޕްރީމް ކޯޓުގެ މައްޗަށް އޮތް އިތުބާރު ގެއްލުމާ އެކު، ކަންކަމުގައި އިންސާފު ހޯދުމަށް އޮތް އެންމެ ފަހުގެ ހުޅުކޮޅު ވެސް ނިވުނީ އެވެ. ހަމަ ޔަގީނުން ވެސް ކަމެއްގައި އިންސާފު ލިބޭނެ ކަމަކަށް އަޅުގަނޑުގެ އުންމީދެއް ނެތެވެ. އަޅުގަނޑުގެ އަތުގައި ހަމައެކަނި އޮތީ، 9 ސެޕްޓެމްބަރުގައި ނަގާ ވޯޓުގައި، ވޯޓު ކަރުދާސްކޮޅު އެކަންޏެވެ.

ކޮމެންޓް (18)

ސައްލޭ

19 ޖުލައި 2023
މުޅިއަކުން ގޯހެއް ނޫނެވެ. ތިޔަ ޚިޔާލާތުތަކަށް އިޙްތިރާމްކުރަމެވެ. ހަފަރާތް ހިމެނޭ މޭރުމަކުން ވިސްނަވާށެވެ. އެއަށްފަހު ލިޔުއްވާށެވެ. ކުށުގައި ޝާމިލްވާ ފަރާތްތަކާއި އިންޓަރވިއު ކުރާށެވެ. އެމީހުންގެ ބަސް ހޯދާށެވެ. އޭރުން އާޓިކަލްގެ ފެންވަރު އިތުރަށް ރަނގަޅުވެދާނެކަމަށް ޤަބޫލުކުރެވެއެވެ. ތިޔަހެން އެއްލާ ހުސްވަދެއްގައި ގިނަބަޔަކު ނުޖެހި އިންސާފްވެރިކަމާއި އެކު ލިޔުމެއް ކިޔާލައިގެން ގޮތެއް ނިންމޭނީ އޭރުންނެވެ.
1 1

އިލްޔާސް އިބްރާހީމް

17 ޖުލައި 2023
ރައީސް ޔާމީން ވެރިކަމުގައި ހުރިހާ ސިޔާސީ ވެރިން ތިބީ ޖަލުގައެވެ. އެއީ އިންސާފުތޯއެވެ. އޭރު ސުޕްރީމު ކޯޓުން ކުޅުނު ކުޅިގަނޑު އިންސާފުތޯއެވެ. އެކޯޓުގެ ޓިނުނެގުން އިންސާފުތޯއެވެ. މަޖިލިހުގެ މެންބަރުން މަޖިލިހުން ބޭރުކުރުން އިންސާފުތޯއެވެ. އަދީބުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. ވެރިކަމުގައި ހުރީ ޔާމީނެވެ. ހުރިހާ ކަމެއް ކުރުވައި ފައިސާތައް އެޅީ ޔާމީން އެކައުންޓަށެވެ. އަދީބަކީ ޔާމީން އެމަގާމަށް ލައިގެން ގެންގުޅުނު ޕަޕެޓެކެވެ. ކަމުގެ ހަގީގަތް ފޮރުވަން ނޫޅޭށެވެ. ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ އެއޮތީ މީގެ ފަސްއަހަރު ކުރިން ބުނެފައެވެ. އޭނާ ދައުލަތުން ވައްކަން ކުރިކަމާއި ރައްޔިތުންނަށް އަނިޔާވެރިވީކަން އެއޮތީ ރައްޔިތުންގެ ކޯޓުން މާކުރިން ނިންމާފައެވެ.
2 7

20000

17 ޖުލައި 2023
@އިލްޔާސް އިބްރާހީމް އެއިރަށް ވުރެ މިއަދު ހާލަތު ބޭ އިންސާފު. އިންޑިއާގެ އަލުވެތި ކަމުގައި ވެއްޖެ. ރާއްޖޭ ނުވިތާކަށް ދަރުވާލައިފި. ރާއްޖޭގެ ބައެއް ވިއްކާލައިފި. މިދީބުގެ ޚިޔާނަތް ތެރިޔާ އަދީބު ކުޑަ ކުދަ ފެންފޮދެއް ދިރުވާލުމާ އެއްވަރަށް ކާފޫރަށް ވެއްޖެ
2 2

ބިއްޓޭ

18 ޖުލައި 2023
@އިލްޔާސް އިބްރާހީމް ރަނގަޅޭ ޔާމީނުވެސް ޖަލަށް ދާންޖެހެންޏާ ޖަލުގަ ބާއްވަންވީއޭ އެކަމަކު މި ލިޔުމުގެ ޕޮއިންޓު ތިޔޮތީ ގެއްލިފައެއްނު ސިޔާސީ ވީވީނުން ގޮސް. ޕޮއިންޓަކީ އިންސާފު ލިބުން އަދިވެސް މިއޮތީ ހުވަފެނެއްގައޭ ޔާމީނު ފޭބިތާ ވެސް 5 އަހަރު.
3 2

ސުޕްރީމް ކޯޓް

17 ޖުލައި 2023
ރައީސް ޔާމީން މިނިވަންވީފަހަރު ސްޕްރީމް ކޯޓް ބަރާބަރު ދެއްތޯ . އަލީވަހީދު ބެހުނުކަމަށް ބުނާ އަންހެނުން އެވީ އަންހެނުްނަށް ވަރަށް ބޮޑު ބޭއިންސާފެއް. އަންހެނަކު ދައްކާވާހަކަ އަޑުއަހަނީ މަދުމީހެއް. އަޑުއެހިފަހަރު ވީގޮތްމީ.
2 2

މޮހޮރު

17 ޖުލައި 2023
މިފަހުގެތާރީހެއްގައި މިފަދަ ލިޔުމެއް ނުދެކެން ނޫސްވެރިއަކު ލިޔެފަ އޮތްތަނެއް ވަރައްބަރާބަރު ވާހަކަ ކޮޅެއް
13 2

ރާއަލިފު

17 ޖުލައި 2023
ހާދަމޮޅު ލިޔުމަކޭ! ނޫނޭ އޮބަހުރި ވަރަށް މަޢުލޫމާތު އެއްކޮށްފަ، ސަޅި ޝުޖުރިއްޔަ ހިރިގާ ޗާހެން ވާން ޖުހޭޅެ
13 3

ޢަހިމަދު

17 ޖުލައި 2023
@ރާއަލިފު ސަޅި ލިއުމެއް ނޫސްވެރިއެްގެ ހުންނަންވާ ސިފަތައް ބޯކޮށް އެބަހުރި .
12 2

ސަކިި

17 ޖުލައި 2023
100 ގެ ލިޔުމެއް
11 2

ސަމް

16 ޖުލައި 2023
ސާފު ސުވާލުތަކެއް.އަވަހައް ޖަވާބު ދެއްވާ. ފަޑިޔާރުން.ޕީޖީ.ދަށު ކޯޑް މެދުކޯޑް މަތީ ކޯޑް.ޖަވާބުނުދެވޭނަމަ ރައްޔަތުން ލައްވާ އަގަ ނުތަޅުވާ.ރައްޔަތުންގެ ލޭ ކެކި އުތުރި އަރަނީ މިހާރު. ޝުކުރިއްޔާ ކިއުން ތެރިޔާ އައް.
17 1

ޙާލުގެދުލުން

16 ޖުލައި 2023
ވަރަށްއޮށްޓަރުހުރި ލިޔުމެއް.އަސްލުވެސް މިއަދު ޤައުމުގައި ކަންހިނގާފައިވާގޮތް
24 1

ތުއްތުކޮއި

16 ޖުލައި 2023
ސަތޭކައިގެ ލިޔުމެއް. އަބަދުވެސް ބޭނުންވަނީ ފެންވަރުހުރި، އޮށްޓަރުހުރި، މިކަހަލަ އިންސާފުވެރި މޮޅު ލިޔުންތަކެއް ފެނުން. ހިތަށްއަރާ ޕެޓީކޭޝްފަދަ، ހަނގުރާމައިގާ ހަދާކަހަލަ ދެންހުރި ދޮގުވާހަކަ ތަކުގެ މިފެންވަރުގެ ލިޔުމެއް ދެން ކިހާ އަވަހަކަށް ފެންނާނެބާއޭ
22 2

އައި

16 ޖުލައި 2023
100%ދޭވަރު
16 1

އަރުޝި

16 ޖުލައި 2023
މިއީ އިންސާފު ވެރިސަރުކާރެކޭ ބުނެވެނެ އެއްވެސް ޖާގައެއް ނެއް ނުބައި ގޯސް ސަރުކާރެއް
25 1

ވިކްޓިމް

16 ޖުލައި 2023
ވިކްޓިމްއިން ބަޔާން ނަގަން ބޭނުންވީ ނުފޫޒަކާ ހެދިތޯ ބިރުންތޯ ޕީޖީ ފުރަތަމަ ބަލަން ޖެހޭނީ. އެކަމުގައި ގޯހެއް އުޅޭނަމަ އެ ގޯހެއް ބަލަން ޖެހޭނީ. އެއީ ވިކްޓިމްއިންނަށް ހިމަޔަތް ދެވުމަކީ. ޖިނާއީ ޤާނޫނަކީ ފަރުދީ ސިވިލް ކޭސްގެ ހަމައިމް ހިނގާ ކަމެއް ނޫން.
25 0

ސިކުނޑި

16 ޖުލައި 2023
ރާއްޖޭގައި ހިނގާ ކަންކަން ދިވެހިން ބަލައި އުޅެނީ ފިލްމެއް ބަލާ އުސޫލުންނެވެ. އާކޮޅު މަތީގައި ވަރަށް އެވާހަކަ ދައްކާނެ، ދެން ހަނދާނެއް ނުހުންނާނެ! ޒިންމާދާރު ރައްޔިތެއް ބިނާ ކުރާ މީހަކަށް ނޫނީ މަގޭ ވޯޓެއް ދިނުމުގެ ވިސްނުމެއްނެތް!
23 1

ސިޔާމު

16 ޖުލައި 2023
ވަރަށް މޮޅު ލިޔުމެއް ....
25 1

އަޅުގަނޑަށް

16 ޖުލައި 2023
އަޅުގަނޑަށް އަދި ތިޔަ ވިދާޅުވާ ކަރުދާސްކޮޅުވެސް އިންސާފުން ލިބޭނެ ކަމުގެ ޔަގީންކަމެެއް ނެތެވެ.
27 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް