
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދާފައި ހުރި ހިޔާ ފްލެޓް އިމާރާތްތައް: ދެ ވަނަ ފިޔަވަހިން މާލޭ ރަށްވެހިންނަށް ހިލޭ ބިން ދޫކުރަން ވަނީ ނިންމާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ހުޅުމާލެއިން ބިން ދޫކުރުން – ބޭއިންސާފު ނިންމުމެއް
ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު ސަރުކާރުން އަބަދުވެސް ބިނާކުރީ މާލެ ތަރައްގީ ކުރުމަށް ވާތީ، މާލެއަކީ އެކި ޒަރޫރަތްތައް ފުރިހަމަކުރުމަށް، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން މީހުން ހިޖުރަކުރަން ޖެހޭ ރަށެވެ. މާލޭގެ އާބާދީ އިތުރުވުމުން ސަރުކާރުން ދިން ހައްލަކީ މާލޭގެ ފަޅު ހިއްކައިގެން، ރަށްވެހިންނަށް ބިން ދޫކުރުމެވެ. ހިއްކާނެ އިތުރު ތަނެއް ނެތުމުން، ބެލީ، މާލެ ކައިރީގައި ރިސޯޓެއް ހިންގަމުން ދިޔަ ވިލިނގިއްޔަކީ މާލޭގެ އަވަށެއް ކަމަށް ކަނޑައަޅާ ބިން ދޫކޮށް، އާބާދުކުރުމަށެވެ.
ރާއްޖޭގައި އޮތް ހަމައެކަނި އާބަން ސެންޓަރު ކަމަށްވާ މާލެއިން ބިން ދޫކުރުމަކީ ހައްލެއް ނޫން ކަމަށް ސަރުކާރަށް ގާބޫލުކުރެވުނީ މާ ފަހުންނެވެ. އެކަން ގަބޫލުކުރެވުމާ އެކު، އައު ގޮތްތައް ހޯދަން ފެށި އެވެ. މި މަސައްކަތްތަކުގެ ތެރެއިން، ޗައިނާ ސަރުކާރުގެ މަދަދުގައި ސިނަމާލެ ފްލެޓްގެ ނަމުން ނަން ދީފައި ކޮންޑޮމީނިއަމްތަކެއް (އެޕާޓްމަންޓް ބިލްޑިން) އިމާރާތްކުރި އެވެ. އެތަންތަނުގައި މީހުން ދިރިއުޅެން ފެށީ ޖުލައި 1990ގެ ތެރޭގަ އެވެ. މަތިމައްޗަށް ވާ ގޮތަށް ހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މި އަމާޒާ އެކު ވެސް، ފަރުކޮޅުފުށި ހިއްކައިގެން މީހުން ދިރިއުޅޭ އެހެން ރަށެއް އުފަންކުރުމުގެ ސިޔާސަތެއް ބާރު ދުވެއްޔެއްގައި، 1990ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން ސަރުކާރުން ކުރިއަށް ގެންދިޔަ އެވެ. ނަތީޖާއަކަށް ވީ ހުޅުމާލޭ އުފަންވުމެވެ. ހުޅުމާލެ އާބާދުކުރުމުގައި އިސްކަމެއް ދިނީ ކުޑަ ބިމެއްގައި، ކޮންޑޮމީނިއަމް ހަދާ، ގިނަ އާއިލާތައް ވަޒަންވެރިކުރުމަށެވެ.

އެ ސިޔާސަތަށް އަމަލުކުރުން މެދުކަނޑަލައި، ސިޔާސީ މަންފާއަކަށް، ރާއްޖޭގެ ހަމައެކަނި އޮތް އާބަން ސެންޓަރުން އަނެއްކާވެސް ވަކި ބަޔަކަށް ބިން ދުކުރަން ފެށި އެވެ. ހުޅުމާލޭގެ ބިމުގެ އަގު އެނގި ތިބެމެ އެވެ. ސަރުކާރުން ހިންގި ވެށިފަހި ޕްރޮގްރާމްގެ ތެރެއިންނެވެ. އެގޮތުން 22 އޯގަސްޓް 2011ގައި ހުޅުމާލެ އިން 94 ފަރާތަކަށް، ކޮންމެ މީހަކަށް 1،200 އަކަފޫޓުގެ މަގުން ބިން ދޫކުރި އެވެ. އެކަން ކުރީ މާލެއިން 300 އަކަފޫޓުގެ ގޯތި ލިބިފައިވާ މީހުންގެ ތެރެއިން އެތަންތަން ދޫކޮށްލަން އެއްބަސްވި މީހުންނަށެވެ. މިހެންވެ، މާ ގިނަ ބަޔަކު އެކަމާ ޝަކުވާއެއް ނުކުރެ އެވެ. މިދެންނެވި 94 ފަރާތާ ބިން ޙަވާލުކުރުމުގެ އިހުތިފާލު ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެފަރާތްތަކަށް ބިން ދޫކޮށް ނިމުމުން، އިތުރަށް ދޫކުރާނެ ބިން ހުޅުމާލެއިން ހުސްވީ ކަމަށް އެ ޖަލްސާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި ސަރުކާރުން 15 ޖުލައި 2020ގައި ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ވެށިފަހީގެ ލިޔުންތައް ވީތަނެއް އެނގޭ މީހަކު ސަރުކާރުގައި ނެތް ކަމަށެވެ. މިއިން ދޭހަކޮށްދެނީ އެ މުއާމަލާތް ހިނގާފައިވަނީ އެންމެ އިންސާފުން ނޫން ކަމެވެ.
މިއަދު އަނެއްކާވެސް ސަރުކާރުން އެވަނީ މާލޭގެ ރަށްވެހިންނަށް ހުޅުމާލެއިން ގޯތި ދޫކުރަން ނިންމައި، ގޯތި ކެނޑުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަން ވަނީ 26 ޖޫން 2022 ގައި، ސަރުކާރުން ގެޒެޓްކުރި 'ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު' މެދުވެރިކޮށް ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެއަށް ފަހު، 6 ފެބްރުއަރީ 2023ގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި 'ކުއްލި ސިހުމަކީ'، މާލެ ސަރަހައްދުން ގޯތި ދޫކުރާ އަދަދު އިތުރުކުރަން އެމަނިކުފާނު ނިންމެވިކަމުގެ ޚަބަރެވެ. މި ބިންތައް ދޫކުރުމުން، ދެން ގޯތި ދޫކުރާނެ އެހެން ބިމެއް ހުޅުމަލޭގައި ނެތްކަމަށް ސަރުކާރުން އެއްބަސްވެ އެވެ.

މި ލިޔުމުގެ މަގުސަދަކީ ގޯތި ދޫކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމެއް ނޫނެވެ. ރާއްޖޭގައި އޮތް ހަމައެކަނި އާބަން ސަރަހައްދުން ހިލޭ ވަކި ބަޔަކަށް ގޯތި ދޫކުރާތީ އެކަމާ ދެކޮޅުކަން ހާމަކުރުމެވެ. ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ފުރަތަމަ ސަބަބަކީ، ހުޅުމާލޭގައި ދިރިއުޅެން ބިން ދޫކުރާނެ އިތުރު ޖާގަ ނެތް ކަމަށް ސަރުކާރުން އެއްބަސްވާއިރު އެރަށުން ވަކި ބަޔަކަށް ބިން ދޫކުރަން ނިންމުން އިންސާފުވެރި ނިންމުމަކަށް ނުވާ ވާހަކަ އެވެ. އެ ނިންމުމުގެ ސަބަބުން ގެދޮރުގެ ދަތިކަމަށް ބޮޑެތި އަސަރުކުރާނެތީ އެވެ. އެހެން ފަރާތްތަކަށް ފްލެޓް ދޫކުރާ އުސޫލުން، ބިން ދޫކުރަން ނިންމި ތަނުގައި ފްލެޓް އަޅާ، އެފަރާތްތަކަށް ފްލެޓް ދިނުމަކީ އެންމެ އެކަށީގެންވާ ގޮތެވެ.
މެދު ފަންތީގެ އާއިލާތަކަށާއި އެކަށީގެންވާ އާމްދަނީއެއް ނުލިބޭ އާއިލާތަކަށް ސަރުކާރުން ހިލޭ ފްލެޓް ނުދެވޭ އިރު، އެއަށް ވުރެން އަގުބޮޑު އެއްޗެއް (ބިން) އެއަށްވުރެން އެ ޒަރޫރަތު ކުޑަ އެހެން ބަޔަކަށް، އަގެއް ނުނަގާ، ވެދުންކުރުމަކީ ޖަމާއަތުގެ ހައްގަކަށް އިހުމާލުވުމެވެ.
ނަމުގައި، ރާއްޖޭގައި އިތުރު ތިން ސިޓީއެއް އޮތަސް، އެ ސިޓީތަކުގައި ރައްޔިތުން ބޭނުންވާ ގިނަ ޚިދުމަތްތައް ލިބޭކަށް ނުހުރެ އެވެ. އެހެންކަމުން އެއީ ހަގީގީ މާނައިގައި އާބަން ސެންޓަރުތައް ކަމަކަށް އެއްބަހެއް ނުވެވެ އެވެ.
ތިން ވަނައަށް ފާހަގަކުރަން ބޭނުންވަނީ، އާބަން ސެންޓަރަކުން މިހެން ވަކި ބަޔަކަށް ބިން ދޫކުރުމަކީ ހަމަ ޔަގީނުން ވެސް ވަކި ބަޔަކު މުއްސަނދިކުރުމާއި ގާނޫނީ ގޮތުން ލިބިފައިވާ ބާރެއްގެ ނަހަމަ ބޭނުން ކުރުން ނޫނީ ނުވާނެ ވާހަކަ އެވެ. ހުޅުމާލެއަކީ ރާއްޖޭގެ ހަމައެކަނި އޮތް އާބަން ސެންޓަރުގެ ބަޔަކަށް ވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި މާލޭގެ 'ސެންޓްރަލް ބިޒްނެސް ޑިސްޓްރިކްޓް'އަށް ވާނީ ވެސް އެތަން ކަމަށްވާތީ ވެސް މެ އެވެ. ހުޅުމާލެއަކީ އާބަން ސެންޓަރުގެ ބަޔަކަށް ވުމުން، އެތަނުގެ ބިމުގެ އަގު އިންތިހާއަށް އުފުލޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މިއީ ދުނިޔޭގެ އާބާން ސެންޓަރުތަކުގެ ހަގީގަތެވެ.
މި ސަބަބުތަކާ ގުޅިގެން ދެންނެވޭނީ، އެފަދަ ބޮޑު އަގުގެ އެސެޓެއް ދައުލަތުން ވަކި ބަޔަކަށް ހިލޭ ދިނުމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ. މިއީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމެއް ވެސް ނޫނެވެ.
އެޑިޓަރުގެ ނޯޓު
ޑރ. ފައިރޫޝްއަކީ ކުރިން ފުލުހުންގެ އިސް އެތައް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. ދޭތެރެ ދޭތެރެއިން އިޖުތިމާއީ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ލިއުއްވަ އެވެ. ފުލުހުންގެ ވަޒީފާއިން ރިޓަޔަކުރެއްވުމަށް ފަހު އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިޔާގަ އެވެ.
ކޮމެންޓް (4)
ޒާހިދު
ހާލުފޮޅި
ޙެހެ
ޑެދްދިސް