ކުޅުދުއްދުފުށީގައި މިއަދު ބޭއްވި މަށިމާލި ޕެރޭޑްގެ ތެރެއިން، ސަރުކާރުގެ ދަރަންޏާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ފުޅަނދެއް (ފޮޓޯ/ ނާޒިމް ހަސަން)

ބޮޑު އީދު 2022

ކުޅުދުއްފުށީ މަގުމަތިން މި ފަހަރު ވެސް ސިޔާސީ ސަކަރާތްގަނޑު ދައްކާލައިފި

މި ފަހަރުގެ ޕެރޭޑުގައި ޔޯގާގެ ހަމަނުޖެހުން ފަދަ މައްސަލަތައް ވެސް ހިމެނޭ

މުހިންމު ނުކުތާތައް

މާލި ޕެރޭޑަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބެނީ އެގެނެސްދޭ މަޖާ ގޮތްގަނޑުން

ސީރިއަސް މައްސަލަތައް ވެސް ބަދަލުކޮށްލާފައި ހުންނަނީ މުނިފޫހިފިލާ ގޮތަށް

މިއީ ކުޅުދުއްފުށިން ކޮންމެ ބޮޑު އީދަކު ގެނެސްދޭ މުހިންމު ހަރަކާތެއް

ސިޔާސީ މައިދާނާއި އިޖްތިމާއީ ކަންކަމާ ގުޅިގެން މި އަހަރު އެންމެ ހޫނުވީ ކޮން ކަމެއް ހެއްޔެވެ؟

އެއިން ކޮންމެ ކަމެއް ވެސް މިއަދު ހދ. ކުޅުދުއްފުށީ މަގުމަތިން ފެންނާނެ އެވެ. އެކަމަކު މާލިތަކާއި ފުޅަނދުތަކުގެ ގޮތުގަ އެވެ. ކޮންމެ ބޮޑު އީދެއްގައި، ކުޅުދުއްފުށީގައި ބާއްވާ 'މަށިމާލި ޕެރޭޑު'ން މި ފަހަރު ފެނުނީ، ގައުމު ސިއްސުވާލި ބޮޑެތި މައްސަލަތަކާއި ސިޔާސީ ސަކަރާތްގަނޑެވެ. ކުޅުދުއްފުއްޓަށް ކޮށްދޭން ސަރުކާރުން ވައުދުވި، އެކަމަކު ނުކޮށްދެވި ހުރި ކަންކަން ވެސް، ޕެރޭޑްގައި ހިމެނެ އެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން، ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ މި ޕެރޭޑުން މި ފަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ، ޔޯގާގެ ހަމަނުޖެހުން ފެންނަ ފުޅަނދަށާއި ސިޔާސީ ގޮތުން ފުންނާބު އުސް ފަރާތްތައް ހިމެނޭ ގޮތުން، އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާއްމުވި މައްސަލައާ ގުޅޭ ގޮތުން ތައްޔާރުކުރި ފުޅަނދުތަކަށެވެ.

ކުޅުދުއްދުފުށީގައި މިއަދު ބޭއްވި މަށިމާލި ޕެރޭޑްގެ ފުޅަނދެއް (ފޮޓޯ/ ނާޒިމް ހަސަން)

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ގިނަ ބަޔަކު ހައްޔަރުކުރި އެވެ. މުޅި ގައުމުގެ ސަމާލުކަން ލިބުނު އެ މައްސަލަ މި ޕެރޭޑުގައި ދައްކާލި އިރު، އޮރެންޖު ކުލައިގެ ހެދުން އަޅައިގެން ތިބި ބަޔަކު، ޔޯގާ ހަދާ ގޮތަށް އިށީނދެގެން ތިއްބެވެ. އެ މީހުންގެ ހެދުމުގައި 'ބޯގާ' ލިޔެފައި ހުރި އިރު، ފަހަތުން ދެން ފެންނަން ހުރީ އެ ހަރަކާތަށް ހުރަސް އެޅި މީހުން ސިފަކޮށްދީފަ އެވެ. 

ދިގު ކުރުތާ ލައި، ބޮލުގައި ފަގުޑި އަޅައިގެން ތިބި މީހުންނާއި ގައުމީ ކުލަތައް ފެންނަ ހެދުން އަޅައިގެން ތިބި މީހުން އެތަނުގައި ތިއްބެވެ. އެންމެންްގެ އަތުގައި ދިވެހި ދިދަ އެވެ. ޕެރޭޑްގެ ކުރީގައި، ކޯޓު ލައިގެން ތިބި ދެ މީހުންގެ ގައިގައި 'ޒާހިރުބެ' އާއި 'ބަހުލޫލް' ލިޔެފައިވާ ކަރުދާސްގަނޑެއް ހަރުކޮށްފައި ހުއްޓެވެ.

ޔޯގާގެ ހަމަނުޖެހުން ފެންނަ ފުޅަނދުގެ ތެރެއިން (ދައުރު ފޮޓޯ/މިހާޒް)

އެއީ ޔޯގާ އިވެންޓު ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެ މައްސަލައިގައި ހަނުހުންނެވި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއަށް ނިސްބަތްކޮށެވެ.

ދެން ގިނައިން ފެނުނީ ވަކި ކޮޓަރިއެއް ފެންނަ ފުޅަނދުތަކެވެ.

ގިނަ އަދަދެއްގެ ދިވެހިންނާ އެއް ޖިންސުން ގުޅުން ހިންގައި، އެ ވީޑިއޯކޮށް ހެދި ބަންގްލަދޭޝްގެ އަލަމްގިރި ބޭނުންކުރި އެ ކޮޓަރީގެ ނަމުނާ ހަދާފައި ހުރީ ލީކުވި ވީޑިއޯތަކުން ފެންނަ ގޮތަށެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެކަމުން ދިފާއުވުމަށް، ކޮޓަރިއަށް ވަޑައިގެންނެވީ 'ބިޒްނަސް މީޓިން' އަކަށޭ ވިދާޅުވެފައިވާތީ، ބައެއް ފުޅަނދުތަކުގައި އެހެން ވެސް ލިޔެފައި ހުއްޓެވެ.

ކުޅުދުއްފުއްޓަށް ސަރުކާރަށް ނުފުއްދުނު ވައުދުތައް

މި ފަހަރު ވެސް ކުޅުދުއްފުށީ ރައްޔިތުންގެ އިހުސާސްތައް، މާލި ޕެރޭޑްގައި ބަންޑުންކޮށްލި އެވެ. ގިނައީ ސަރުކާރުން އެ ރަށުގައި ކޮށްދޭނެ ކަމަށް ބުނެ ފުރިހަމަ ނުކޮށް ހުރި ވައުދުތަކެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ބޮޑު މަތިންދާބޯޓެކެވެ. އެއީ ސަރުކާރުން އެ ރަށުގައި ތަރައްގީ ކުރި އެއާޕޯޓުގެ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހޭކަން އަންގަން ނެރެފައި އޮތް ފުޅަނދެކެވެ. އެ ބޯޓުގައި ބޮޑުކޮށް، 'ހައްގު މިންވަރު' ލިޔެފައިވާ އިރު، ފްލައިޓުގައި ޖާގަ ނެތުމާއި ފްލައިޓްތައް ކެންސަލްވުން ފަދަ ކަންކަމާ ގުޅޭ ގޮތުން ފާޑުކިޔުންތައް ފެންނަ މާލިތައް ކައިރިން ދެ އެވެ.

ކުޅުދުއްފުއްޓަށް ސަރުކާރުން ވި އެކަމަކު ނުފުއްދުނު ވައުދުގެ ތެރޭގައި ހިމެނޭ ފުޅަނދެއް (ފޮޓޯ/ނާޒިމް ހަސަން)

ސަރުކާރުން އެ ރަށުގައި އަޅަން ވައުދުވި 100 ޓަނުގެ އައިސް ޕްލާންޓާއި ޕްރީ ސްކޫލުގެ ވާހަކަ ވެސް މަގުމައްޗަށް ނެރުނެވެ. އަތްދަމާ ގާޑިޔަލުގައި ހަދާފައިވާ ސްކޫލުގެ ފަހަތުން، ޔުނީފޯމު އަޅައިގެން ތިބި 'ކުދިންތައް' ދެ އެވެ. އޭގެ އިތުރުން ކުޅުދުއްފުށީ ކާޑު ފެކްޓަރީ އާއި ހޮސްޕިޓަލާއި ކުނި ނައްތާލުމުގެ ހިދުމަތަށް ވެސް ފާޑުކިޔައި ތައްޔާރުކޮށްފައިވާ ފުޅަނދުތައް ފެނުނެވެ. ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއަށް ނިސްބަތްކޮށް 'އަނދިރި ތާރުގަނޑު'ގެ ނަމުގައި، އެ ރަށުގެ މަގުތަކުގެ ހާލަތު ވެސް ފުޅަނދުތަކުން ދައްކައިދިނެވެ.

ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ދޭ ހިދުމަތާ މެދު ފާޑުކިޔައި ތައްޔާރުކޮށްފައިވާ ފުޅަނދެއް (ދައުރު ފޮޓޯ/މިހާޒް)
ކުޅުދުއްފުށީގައި އެޅުމަށް ވައުދުވި 'ކާޑު ފެކްޓަރީ' ފެންނަ ފުޅަނދެއް (ދައުރު ފޮޓޯ/މިހާޒް)

ކުޅުދުއްފުށީގެ މި ޕެރޭޑް މަޝްހޫރުވެފައިވަނީ، އާއްމުކޮށް ރައްޔިތުން ފާޑުކިޔާ ކަންކަމަށް ސަމާލުކަން ލިބޭ ގޮތަކަށް، މަޖާކޮށް ގެނެސްދޭތީ އެވެ. މީގެ ކުރިން، މިދިޔަ ސަރުކާރުން ބްރިޖް މަތީގައި ކުރި ކައިވެނިތައް ފެންނަ ފުޅަނދުތަކާއި އޭރު ހިނގި ސިޔާސީ ކަންކަން ވެސް ގެނެސްދިނެވެ. އެގޮތުން 'ނުގެއްލޭ ގޮނޑި' އާއި 'ކަޅު ފައިސާ ފޮށި' ފަދަ ފުޅަނދުުތައް މިދިޔަ އަހަރުތަކުގައި ވަރަށް މަޝްހޫރުވި އެވެ.

ކޮމެންޓް (3)

ދުފައިގެން ރަތްކުޅު ތަޅާ ފުށި

11 ޖުލައި 2022
މާ އޯވަ ވަގެނަގެން އަމިއްލައަށް މަޖާ ވެގަނެގެން ތެޅެނީ.
1 2

ސަފަރުކަތްދަ

11 ޖުލައި 2022
ގިނަ ފުޅަލަނދުތައް ރަނގަޅު އެކަމަކު ޢީދަކީ ކުޑަކުދިންނާއި ޢާއިލާތަކަށް އެކުގައި މަޖާކޮށްލެވެންވާ މުނާސަބަތަކަށް ވާއިރު ކުޑަކުދިންނާއި ނުގުޅޭފަދަ ފުޅަނދުތައް ހެދުން ރަނގަޅުބާ؟
0 2

ބޮޑު ހުސޭނު

11 ޖުލައި 2022
@ސަފަރުކަތްދަ ކުޑަކުދިންނާ ނުގުޅެއޭ ތިބުނަނީ ކޮން އެއްޗެއްތޯ؟ އަޅުގަނޑުމެން ވިސްނަންވީ ރާއްޖޭގަ ޓޮލަރަންޓް މުޖުތަމައަށް ބިނާކުރަން. ރަގަޅުގޮތަކީ ކަން އޮތްގޮތް އެކުދިންނަށްވެސް ތެދަށް ބުނެދިނުން. އެކަމަކު މައިންބަފައިން ބުނެދެންވާނީ އެކުދިންގެ އުމުރާ ގުޅޭގޮތަށް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް