އިންތިހާބެއްގައި ވޯޓުލަނީ: ސިޔާސީ ޕާޓީތަކުން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ވަނީ ބޮޑުވެފައި. (ދައުރު ފައިލް ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ކޮންމެ ވަގު ފޯމަކަށް 10،000ރ.ގެ ޖޫރިމަނާއެއް ކުރަން ނިންމައިފި

މި ފިޔަވަަޅު އަޅަނީ މިދިޔަ އޭޕްރީލުން ފެށިގެން ހުށަހަޅާފައިވާ ފޯމުތަކަށް

ސިޔާސީ ޕާޓީތަކުން މީހުންނަށް ނޭނގި އެ މީހުން އެ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ގޮތަށް ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ. އިން އެ ޕާޓީއެއް ޖޫރިމަނާ ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފި އެވެ. އޭގެ އިތުރުން، ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ފިޔަވަޅު އަަޅަނީ، މިދިޔަ އޭޕްރީލް 1 އިން ފެށިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގައި ކަމަށެވެ.

ތަފްސީލް - ފިޔަވަޅު އަޅަން ނިންމާފައިވާ ގޮތަކީ:

  • ކޮންމެ ފޯމަކަށް ޕާޓީ 10،000ރ. އިން ޖޫރިމަނާ ކުރުން 

  • ފުރަތަމަ ފަހަރު ޕާޓީގެ ރަޖިސްޓްރާ 5،000ރ. އިން ޖޫރިމަނާ ކުރުން 

  • ދެ ވަނަ ފަހަރުން ފެށިގެން ކޮންމެ ފަރަކު ރަޖިސްޓްރާ ވެސް 10،000ރ. އިން ޖޫރިމަނާ ކުރުން

ބުނީ ކީކޭ؟ - ހަބީބު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ފިޔަވަޅު އެޅުމަކީ ގާނޫނުން މިހާރު ވެސް ކޮމިޝަނަށް އިހްތިޔާރު ލިބިގެންވާ ކަމެއް ކަމަށާއި މީގެ ކުރިން އެކަން ތަންފީޒު ވެސް ކުރި ކަމަށެވެ. ނަމަވެސް އޭރު އެކަން ހުއްޓާލީ ޕާޓީތަކުގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، 2019ގައި ޕާޓީތަކާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް އެކަން ކުރުމަށް ގަބޫލު ނުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ވިސްނުމެއް ނޫން މާ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން މިކަން ކުރަން. ނަމަވެސް ކޮމިޝަނަށް ވެސް ތުހުމަތުތަކެއް އަދި ޕާޓީތަކުން ގަބޫލުނުވި ނަމަވެސް، މިހާރު މި ކަންތައް ހައްދުފަހަނައަޅާ ހިސާބަށް ދިޔައިމާ ކޮމިޝަނުން ނިންމީ ފިޔަވަޅު އަޅަން،" ހަބީބު ވިދާޅުވި އެވެ.

އިދިކޮޅުން އިލެކްޝަންސް ކޮމިޝަނާއެކު ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފައިލް ފޮޓޯ/ ޕީޕީއެމް)

އޭނާ ވިދާޅުވީ ވަގު ފޯމު ވައްދާ މައްސަލަ ހުރިހާ ޕާޓީތަކުގައި ވެސް ދިމާވާ ކަމަށާއި، ނަމަވެސް އެންމެ ބޮޑަށް މިކަން ފާހަގަވަނީ އަލަށް އުފެދޭ ޕާޓީތަކުގައި ކަމަށެވެ.

ހެކިވެރިންގެ ގޮތުގައި ސޮއިކުރާ މީހުން ވެސް ޖޫރިމަނާ ކުރުމުގެ ވިސްނުމެއް

ހަބީބު ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން ހުށަހަޅާފައިވާ ފޯމްތައް އެ މަހުން ފެށިގެން ހަ މަސްދުވަސް ވަންދެން ރިވިއު ވެސް ކުރާނެ ކަމަށެވެ. އަދި މައްސަލަ ހައްލު ނުވާ ނަމަ، އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިވިއު ކުރާ އިރު، މައްސަލައަށް އެކަށީގެންވާ ހައްލު ނުލިބޭ ނަމަ، އޭގެ ފަހުން ބަލާނީ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކުރާ މީހުން ވެސް 5،000ރ. އިން ޖޫރިމަނާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ހަބީބު އެދިވަޑައިގަތީ ހުރިހާ ޕާޓީތަކުން ވެސް ސައްހަ ފޯމުތައް ހުށަހެޅުމަށެވެ.

މައްސަލައިގެ ފެށުން - މީހުންނަށް ނޭނގި އެ މީހުން ޕާޓީތަކަށް ވެއްދުމަކީ އަބަދު ވެސް ހިނގާ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އެ މައްސަލަ ބޮޑުވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މަހު ވެސް ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އެގޮތުން:

  • ކޮމިޝަނުން ވަނީ މިދިޔަ މަހުން ފެށިގެން ހުށަހަޅާ ފޯމުތަކުގެ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓްގައި އާންމު ކުރަން ފަށާފަ

  •  އޭގެ އިތުރުން، އޮގަސްޓުން ފެށިގެން ހުރިހާ ޕާޓީއެއްގެ ދަފްތަރު ވެސް ވެބްސައިޓުގައި ޝާއިއު ކުރަން ވަނީ ނިންމާފައި

އެނގުން މުހިންމު - މިފަހުން އަނެއްކާ މި މައްސަލަ ބޮޑުވީ، އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބައެއް ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެމީހުން އެހެން ޕާޓީތަކަށް ވައްދާ މައްސަލަތައް އިތުރުވެގެންނެވެ.

އެންމެ ފަހުން މިފަދަ މައްސަލައެއް ފެންމަތިވީ، މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ދަފްތަރުގައި އޮތް މައްސަލަ އެވެ.

ކޮމެންޓް (1)

މަފިރިން

1 ޖޫން 2022
ތިޔަ ކޮމިޝަނީ ވެސް ބޮޑެތި މުސާރަ ނަގައިގެން ގޮނޑި ހޫނުކުރަން އޮންނަ ކޮމިޝަނެއް. ގައުމުގެ އޮތް ހާ ބަޔަކު ހިތު ހުރި ގޮތަކަށް ޕާޓީތަކަށް ވައްދާ އިރު ތިބެނީ ބަލަހައްޓައިގެން. ވާކަމެއް ނޯވޭ. ބައިވެރިވެވެގެން ހިންގާ ޖަރީމާކަށް ތުހުމަތު ކުރެވޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް