ފޮރިން މިނިިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސައުދީގައި. (ފޮޓޯ/ފޮރިން މިނިސްޓްރީ)
ރައީސް ސޯލިހް ރަސްގެފާނަށް ފޮނުއްވާ ސިޓީއަކާ އެކު ޝާހިދު ސައުދީއަށް
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. މި ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފޮނުއްވާ ސިޓީއެއް އެ ގައުމުގެ ފޮރިން މިނިސްޓަރަށް ޝާހިދު އަރުވާނެ އެވެ.
ވީ ކިހިނެއް؟ - ފޮރިން މިިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޝާހިދު ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިިން މިނިސްޓަރު، އަމީރު ފައިސަލް ބިން ފަރުހާން އާލް ސައުދުގެ ދައުވަތަކަށެވެ.
ތަފްސީލް - އދ.ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ މި ދަތުރުގައި:
-
1-
ދެ ގައުމުގެ ފޮރިން މިިނިސްޓަރުގެ މެދުގައި ރަސްމީ ވާހަކަތަައް ބާއްވާނެ
-
2-
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ
-
3-
ސައުދީގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރާނެ
-
4-
ރައީސް ސޯލިހް ސައުދީ ރަސްގެފާނަށް ފޮނުއްވާ ސިޓީއެއް ހަވާލުކުރާނެ
ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ސައުދީން ވަނީ ކުރިއަށް ވުރެ ވެސް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. އެގޮތުން، އެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުގެ ވަރަށް ބޮޑު ބައެއް ވެސް ހިންގަނީ ސައުދީ ފަންޑުގެ ލޯނުންނެވެ. މި ސަރުކާރު އައުމަށް ފަހު އެ މަޝްރޫއު ހުއްޓިފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ކުރިއަށް އެބަދެ އެވެ.