މާލޭގައި އިދިކޮޅުން ބޭއްވި އެއްވުމެއް ކޮންޓްރޯލު ކުރަން ފުލުހުންތަކެއް ހަރަކާތްތެރިވަނީ. (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)
ހައްޔަރު ކުރަން އުޅުމުން މަރުގެ އިންޒާރުދީ، ފުލުހުންތަކަކަށް ހަމަލާ ދިން މީހަކު ޖަލަށް
މީގެ ހަތް ވަރަކަށް އަހަރު ކުރިން އައްޑޫގައި ފުލުހަކަށް މަރުގެ އިންޒާދުދީ، ތިން ފުލުހަކަށް ހަމަލާ ދިން މައްސަލައެއްގައި މީހަކު ހަ މަހަށް ޖަލަށްލުމުގެ އިތުރުން، ޖޫރިމަނާކޮށް މުޖުތަމައަށް ހިދުމަތް ކުރަން ހުކުމް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - ސ. ހިތަދޫ/އައްޒާ، މުބާރިކް މުހައްމަދުގެ މައްޗަށް ދައުލަތުން، އަނިޔާއެއް ދިނުމުގެ ދައުވާ އާއި ބިރު ދެއްކުމުގެ ދައުވާ ކުރީ، ޖުލައި 2015ގެ ރޭ އޭނާ ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް، އޭނާ ފެނުމުން ހައްޔަރު ކުރަން އުޅުނު ވަގުތު ތިން ފުލުހަކަށް ހަމަލާދީ، އަނިޔާދިން ކަމަށް ބުނެ އެވެ.
އޭނާ ހައްޔަރު ކުރަން އުޅުމުން:
-
ހައްޔަރު ކުރަން އުޅުމުގެ ކުރިން އަތުން އިޝާރާތްކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން
-
ދެ ފުލުހެއްގެ އަތުގައި ވަކިއަޅި
-
ދެ ފުލުހެއްގެ ދަށްބަނޑުގައި ފަައިން ޖެހި
ވީ ކިހިނެއް؟ - މި މައްސަލައިގައި ކުރި ދައުވާތަކަށް މުބާރިކް ކުރީ އިންކާރެވެ. ދައުލަތުން ދައުވާ ސާބިތު ކުރުމަށް ސީނަށް ދިޔަ ފުލުހުންގެ ހެކިބަސް ވެސް ކޯޓުގައި ނެގި އެވެ.
މުބާރިކްގެ ފަރާތުން ދިފާއުގައި މައިގަނޑު ގޮތެއްގައި އުޅުނީ ހެކިބަސް ދިން ފުލުހުން ދެއްކި ވާހަކަތަކުގައި ހުރި ފުށޫއެރުންތައް ދައްކާށެވެ. އެގޮތުން:
-
އެންމެ ފުރަތަމަ ހައްޔަރު ކުރި ވަގުތު ބަލައި ފާސްކުރި ކަމަށް އެކަކު ބުނި ނަމަވެސް، ބަލައި ފާސްކުރަން ފުރުސަތު ނުދޭ ކަމަށް އެހެން މީހަކު ބުނެފައިވޭ
-
އޭނާ ހައްޔަރު ކުރީ ދައުވާގައި ބުނާ ގެ ކައިރީގައި ނޫން ކަމަށާއި އެ ތަނުގައި ޕޭވްމަންޓެއް އޮންނަ ކަމަށް އެކަކު ބުނާ ނަމަވެސް، އެ ތަނުގައި ޕޭވްމަންޓެއް ނޯންނާނެ ކަމަށް
-
ސީނަށް އެންމެ ފުރަތަމަ ދިޔައީ ދެ ފުލުހުން ކަމަށާއި ފަހުން އައި ދެ ފުލުހުން އެކީ އައި ކަމަށް ބުނާއިރު އެއިން އެކަކަށް މަރުގެ އިންޒާރު ދިން އަޑު އިވުނު، އެކަމަކު އަނެއް މީހާއަށް އަޑެއް ނީވޭ
-
އޭނާ ބުނެފައިވަނީ މިއީ ޒާތީ މައްސަލައެއް ކަމަށް
ތަފްސީލް - އެ މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ނިންމެވީ ދައުލަތުގެ ދެ ދައުވާ ވެސް މުބާރިކުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންވެ، މުބާރިކް އެދުނީ އޭނާއަށް ވީހާ ވެސް ކުޑަ އަދަބެއް ދިނުމަށެވެ. އޭނާ ބުނެފައި ވަނީ އޭނާ އަކީ ކުރިން ދިގު ހުކުމެއް ތަންފީޒު ކުރި މީހެއް ކަމަށާއި، ފަހުން އެކަމުން ސަލާމަތްވެ އޭނާ އާމްދަނީ ހޯދަން ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ބިރު ދެއްކުމުގެ ކުށަށް ގާޒީ ސޮފްއަތު ނިންމެވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ދިނުމަށެވެ. އެއީ އެ ދައުވާއަށް އޮންނަ އެންމެ ކުޑަ އަދަބެވެ.
އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބު ވެސް ލުއި ގޮތްތަކަކަށް ބަދަލު ކުރެއްވި އެވެ. އެގޮތުން، ގާޒީ ސޮފްއަތު ނިންމެވީ ގާޒީއަށް ލިބިގެންވާ އިހްތިޔާރުން އޭނާގެ އަދަބުން އެއް ދަރަޖަ ދަށްކުރާށެވެ.
ކުށުގެ ދަރަޖަ އެއް ދަރަޖަ ދަށްކުރުމުން އަންނަ ނުވަ މަހާއި 17 ދުވަހުގެ ތެރެއިން ފަސް މަހާއި 17 ދުވަހުގެ އަދަބު ޖަލުގައި ތަންފީޒު ކުރުމަށް އެންގުމުގެ ބަދަލުގައި 879 ގަޑިއިރަށް މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަށް ބަދަލު ކުރަން ނިންމެވި އެވެ. އަދި ހުކުމުގެ ބާކީ ހަތަރު މަހުގެ ހުކުމް ޖޫރިމަނާގެ އަދަބަށް ބަދަލު ކުރެއްވި އެވެ. އެއީ 24،000ރ. އެވެ.
ލުއި ދެއްވި ސަބަބުތަކުގެ ގޮތުގައި ގާޒީ ފާހަގަކުރެއްވީ:
-
މުބާރިކަކީ ކުރިން އެހެން މައްސަލައެއްގައި ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފައިވާ މީހަކަށްވުން
-
މައްސަލައަކީ އަޑުއެހުންތައް ނިމުނުތާ ގިނަ ދުވަސްވެފައިވާ މައްސަލައަކަށްވުން
-
ކުށުގެ ސަބަބުން އެއްވެސް މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ލިބިފައި ނުވުން