ފޮރިން ސެކްރެޓަރީގެ މަގާމަށް ރައީސް ސޯލިހް މިއަދު އައްޔަންކުރެއްވި އަހްމަދު ލަތީފް (ކ) އަދި އެ މަގާމުން ވަކިކުރެއްވި އަބްދުލްގަފޫރް މުހައްމަދު.

ގަފޫރް ވަކިކޮށް، ފޮރިން ސެކްރެޓަރީއަކަށް ލަތީފް އައްޔަންކޮށްފި

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ލަތީފްގެ ދައުރު ހަމަވާން ކައިރިވެފައި ވާތީ އޭނާ އަނބުރާ ގެންނަން ވަނީ ނިންމާފައި؛ ގަފޫރް ބަދަލުކުރީ އެމްބެސެޑަރު އެޓް ލާޖްގެ މަގާމަށް
1 މޭ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފޮރިން ސެކްރެޓަރީގެ މަގާމުން އަބްދުލްގަފޫރް މުހައްމަދު ވަކިކޮށް، އެ މަގާމަށް ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު ލަތީފް މިއަދު އައްޔަންކުރައްވައިފި އެވެ. ގަފޫރް ބަދަލުކުރެއްވީ އެމްބެސެޑަރު އެޓް ލާޖްގެ މަގާމަށެވެ.

އެނގުން މުހިންމު - ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި ލަތީފް އަނބުރާ ގެނެސް، އެ މަގާމަށް އައިޝަތު ޝާން ޝާކިރު އައްޔަނުކުރައްވަން ރައީސް ސޯލިހް ނިންމަވައި އެކަމަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގައި ވަނީ ހުށަހަޅުއްވާފަ އެވެ.

އެއީ، ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ލަތީފްގެ ސަފީރުކަމުގެ ދައުރު ހަމަވާތީ ގެނައި ބަދަލެކެވެ.

ވީ ކިހިނެއް؟ - ފޮރިން ސެކްރެޓަރީގެ މަގާމަށް ރައީސް ގެންނެވި ބަދަލު، ރައީސް އޮފީހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް، އެ ބަދަލު ގެންނެވީ ކީއްވެ ކަމެއް އެ އޮފީހަކުން ނުބުނެ އެވެ.

ފޮރިން ސެކްރެޓަރީ އަކީ ފޮރިން މިނިސްޓަރާ ޖެހިގެން ދެން ހާރިޖިއްޔާގެ އެންމެ އިސް އޮފިޝަލެވެ.

ނަމަވެސް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރިޔާސަތު ބެލެހެއްޓެވުމަށް މި ދުވަސްވަރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާތީ، ފޮރިން މިނިސްޓްރީ ހިންގަވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް