ގއ. ކޫއްޑޫގެ ޖެޓީ ސަރަހައްދުގައި ގިނަ އަދަދެއްގެ މަސް ދޯނިތަކެއް އަޅާފައި. (ފޮޓޯ/މަސްވެރިން)

މަސްވެރިކަން

މިފްކޯއިން ކޮންޓްރޯލެއް ނެތި މަސް ކިރަން ފަށައިފި

ފުރަތަމަ ލިމިޓުކުރީ ކޮންމެ ދޯންޏަކުން 5 ޓަނު ކިރާ ގޮތަށް؛ ފަހުން އެ މިންވަރަށް 7 ޓަނަށް އިތުރުކުރި.

މިދިޔަ މާޗު މަހުން ފެށިގެން ދެކުނުގެ މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވުމާ ގުޅިގެން، މިފްކޯއިން ހިންގާ ގއ. ކޫއްޑޫން މަސް ކިރުމުގައި ކަނޑައެޅި ލިމިޓު އުވާލައި ބާނާ ހުރިހާ މަހެއް ކިރަން ނިންމައިފި އެވެ.

މައްސަލައިގެ ހުލާސާ:

  • ކޫއްޑޫ ހިމެނޭ ގޮތުން އެ ސަރަހައްދުން މިފްކޯއަށް ދުވާލެއްގެ މައްޗަށް ކިރެނީ 500 ޓަނުގެ މަސް

  • ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށް ނުކަތާ ވަރަށް މަސް ކިރަން ދޯނިފަހަރު ދާން ފެށުމުން މިފްކޯއިން އެންމެ ފުރަތަމަ ނިންމީ ކޮންމެ ދޯންޏަކުން 5 ޓަނުގެ މަސް ކިރަން

  • މި މައްސަލައިގައި، މަސްވެރިން ބޭނި މަސް އެއްކޮށް، އެއްފަހަރާ ކިރޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލައި ކޫއްޑޫގައި އިހުތިޖާޖެއް ކުރި

  • މަސް ކިރުން ހުއްޓުމަށް ފަހު، މަސްވެރިންނާ އެކު އެއްބަސްވުމަކަށް އައިސް އަލުން މަސް ކިރަން ފެށީ 13 އޭޕްރީލްގައި

  • އޭގެ ފަހުން، 17 އޭޕްރީލްގައި ކޮންމެ ދޯންޏަކުން 7 ޓަނުގެ މަސް ކިރަން ފެށި

ވީ ކިހިނެއް؟ - މިއަދު ނެރުނު ނޫސްބަޔާނެއްގައި މިފްކޯއިން ބުނީ އިއްޔެއިން ފެށިގެން ކޮންޓްރޯލެއް ނެތި މަސް ކިރަން ފަށާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - މިފްކޯގެ އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރު އަހްމަދު ޒާހިރު މިއަދު 'ދައުރު'އަށް ވިދާޅުވީ ކޮންޓްރޯލެއް ނެތް މަސް ކިރާ ގޮތަށް ބަދަލު ގެނައީ މަސްވެރިކަން މި ދޭތެރެއިން ހުރި ވަރަށް ވުރެ ދަށަށް ދިއުމުންނެވެ.

"މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވެ، އެއް ފަހަރާ ފްރީޒް ކުރެވޭ ވަރަށް ވުރެ ގިނައިން ބާނައިގެން އައިމަ ކޮންޓްރޯލް ކުރީ. އެކަމަކު މިހާރު މަސްވެރިކަން މެދުމިނެއްގައި ހިފެހެއްޓިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ މި ދުވަސްވަރު މެދު ރާއްޖެތެރެއަށް މޫސުން ވަރަށް ގޯސް ކަމަށެވެ. މަސްވެރިކަން ދަށަށް ދިޔައީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެެހެންވެ އެވެ.

"މޫސުން ރަނގަޅުވާއިރަށް މަސް ބާނަން ފަށާނެ. އެހެންވީމަ، އީދު ބަންދަށް ފަހު [މޫސުން ރަނގަޅުވީމަ] ވާ ގޮތް ބަލަން ޖެހޭނީ،" ޒާހިރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް