މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ފާޑުކިޔުން އަމާޒުވި ސްޕޯޓްސް އެވޯޑްސްއަށް ނަޝީދުގެ ތައުރީފު

ނަޝީދު ވިދާޅުވީ ތަރައްގީއަށް ކުރާ ހަރަދަކީ އުމްރާނީ ކަންކަމަށް ކުރާ ހަރަދު އެކަނި ނޫން ކަމަށް

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 6 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ވަރަށް ފުރިހަމަ ހަފްލާއެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަހުލޫފު ވަނީ ހާޒިރުކޮށްފަ އެވެ. އެއީ ލ. ކުނަހަންދޫ އައުޓްޑޯ ޖިމާއި ފުޓްސަލް ދަނޑު ހެދުން ލަސްވެގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވުމަށެވެ.

ސްޕޯޓްސް އެވޯޑުގެ ވާހަކަ ފެށުނީ، މި މަހުގެ 17ގައި ބޭއްވި ސްޕޯޓްސް އެވޯޑްސްއަށް ރޮބާޓޯ ކާލޯސް އަދި ސަލްގާޑޯ ފަދަ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގެންނަން 2.9 މިލިއަން ރުފިޔާ ހަރަދުކުރިއިރު އިރު، މާވަށަށް ސްޕޯޓްސް ކައުންސިލަރެއް އައްޔަން ނުކުރެވެނީ ކީއްވެތޯ އިދިކޮޅު މެމްބަރު ސައީދު ސުވާލު ކުރެއްވުމުންނެވެ.

ވަރަށް ބޮޑަށް މަރުހަބާ. އިއްޒަތްތެރި ވަޒީރުގެ ބެލުމުގެ ދަށުން ބޭއްވެވި އެވޯޑު އަދި އެ ރަސްމިއްޔާތު ވަރަށް ފުރިހަމަކޮށް ފެނިގެންދިޔައީ. ޔަގީން ކަށަވަރު، އުމްރާނީ ކަންކަމަށް ކުރާ ހަރަދު އެކަންޏެއް ނޫން ތަރައްގީއަށް ކުރާ ހަރަދަކީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ބުނީ ކީކޭ؟ - ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މަހުލޫފު ވިދާޅުވީ ސްޕޯޓްސް އެވޯޑަށް ހަރަދު ކުރީ، ސަރުކާރުން ދޭ އެހެން އެވޯޑުތަކާއި ބާއްވާ ބައެއް އެހެން ރަސްމިއްޔާތުތަކަށް ވެސް ހަރަދުކުރާ ވަރަށް ނުވަތަ އެއަށް ވުރެ ކުޑަކޮށް ކަމަށެވެ.

"އަޅުގަނޑުމެން [ސްޕޯޓްސް އެވޯޑްސްއަށް] ހަރަދު ކުރި އަދަދަށް ޒުވާނުންގެ ދުވަސް ފާހަގަކޮށް، ޒުވާނުންނަށް އިނާމު ދިނުމަށް ވެސް ހަރަދު ކުރަނީ. އެއްވެސް ބޭފުޅަކު ކިހާވަރެއްތޯ އަހާލާކަށް ވެސް ބޭނުމެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ނިއު އިޔާ އައިސްގެން ނިއު އިޔާގެ ޝޯ ބާއްވަން ކުރީގެ ސަރުކާރުން ވެސް، މިހާރުގެ ސަރުކާރުން ވެސް އެންމެ ރެއަކަށް ވެސް ހަރަދުކުރާނެ މިއަށް ވުރެ ގިނައިން. އެކަމަކު މި ފަހަރު ވީ ގޮތަކީ ރޮބާޓޯ ކާލޮސް އައިސް އެ ތަނުން އެވޯޑެއް ހިފައިގެން ދިޔައިމަ، ދުނިޔޭގެ ކުރީގެ 100 މީޓަރުގެ ރިކޯޑު ހޯލްޑަރު އައިސް ދިޔައިމަ ހިތަށް އެރީ ކިހިނެއްހޭ މި ވެގެން އުޅެނީ."

މިނިސްޓަރު މަހުލޫފު މަޖިލީހުގެ މިއަދުގެ ޖަލްސާގައި. (ފޮޓޯ/މަޖިލިސް)

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ވެސް މިވަރުގެ އިވެންޓެއް ބާއްވާފައި ނުވާ ކަމަށް ބުނާ ޕޮޒިޓިވް ކޮމެންޓުތަކެއް ވެސް ލިބިވަޑައިގެންނެވި ކަމަށެވެ.

ނިއު އިޔާ އައިސްގެން ނިއު އިޔާގެ ޝޯ ބާއްވަން ކުރީގެ ސަރުކާރުން ވެސް، މިހާރުގެ ސަރުކާރުން ވެސް އެންމެ ރެއަކަށް ވެސް ހަރަދުކުރާނެ މިއަށް ވުރެ ގިނައިން.

އަހުމަދު މަހްލޫފު / ޔޫތު މިނިސްޓަރު

އޭނާ ވިދާޅުވީ މިހާރު ވެސް ދުނިޔޭގެ ބައެއް ބޮޑެތި އެއާލައިންތަކުން އަންނަ އަހަރުގެ އެވޯޑްސް ސްޕޮންސާ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ކްރޮސްރޯޑްސްއިން އަލުން މި އަންނަ ހަފްތާގައި ސޮއިކުރަން ތައްޔާރު. އެހެންވީމަ ވަރަށް ކާމިޔާބުކަމާ އެކީ ގެންދެވުނު މަސައްކަތެއް ކަމަށް ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މަހުލޫފުގެ ވާހަކަ ކުރުކޮށްލެއްވުމުން ނަޝީދު ވަނީ އޭނާއަށް މަރުހަބާ ދަންނަވައި ރަސްމިއްޔާތުގެ ފުރިހަމަ ކަމަށް ތައުރީފުކުރައްވާފަ އެވެ.

"ވަރަށް ބޮޑަށް މަރުހަބާ. އިއްޒަތްތެރި ވަޒީރުގެ ބެލުމުގެ ދަށުން ބޭއްވެވި އެވޯޑު އަދި އެ ރަސްމިއްޔާތު ވަރަށް ފުރިހަމަކޮށް ފެނިގެންދިޔައީ. ޔަގީން ކަށަވަރު، އުމްރާނީ ކަންކަމަށް ކުރާ ހަރަދު އެކަންޏެއް ނޫން ތަރައްގީއަށް ކުރާ ހަރަދަކީ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި. (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - ސަރުކާރުން މި އަހަރު ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ރަސްމިއްޔާތަށް ބައިނަލްއަގްވާމީ ކުޅިވަރު ޝަހުސިއްޔަތުތައް ވެސް ސަރުކާރުން ދައުވަތު ދީގެން ރާއްޖެ ގެނަ އެވެ. އެ ހަފްލާއަށް ބޮޑު ހަރަދެއް ކުރިއިރު، އެވޯޑު ހާސިލުކުރި ކުޅުންތެރިންނަށް ފައިސާގެ އިނާމު ނުދިނުން ފަދަ ކަންކަމާ އާންމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް