މާލޭގެ ވިޔަފާރި ބަނދަރު. (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

މުދާ ނެރެން ހުއްދަ ދޭ ގަޑިތަކާ މެދު އެމްޕީއެލް އާއި ޑްރައިވަރުންގެ މެދުގައި ހިތްހަމަނުޖެހުން

އެމްޕީއެލްއިން ބުނީ ވަކި ޑްރައިވަރުންތަކަކަށް ހުއްދަ ދެނީ ނޫން ކަމަށާއި އުސޫލު ބަދަލުކޮށް ހުރިހާ ވަގުތެއްގައި ވެސް ހުއްދަ ދޭން ނިންމީ ކަމަށް

މުދާ ނެރުން މަނާ ގަޑިތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބައެއް އުޅަނދުތަކަށް މުދާ އުފުލަން ހުއްދަ ދެމުންދާ ކަމަށް ބުނެ ބައެއް ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ނަމަވެސް، އެމްޕީއެލްއިން ބުނީ ވަކި ޑްރައިވަރުންތަކަކަށް ހުއްދަ ދެނީ ނޫން ކަމަށާއި އުސޫލު ބަދަލުކޮށް ހުރިހާ ވަގުތެއްގައި ވެސް ހުއްދަ ދޭން ނިންމީ ކަމަށެވެ.

އެނގުން މުހިއްމު - ޓްރާންސްޕޯޓުން ކުރިން ނިންމާފައި ވަނީ:

  • ހެނދުނު 10 އިން މެންދުރު 1އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާ ކަމެއް

  • ސްކޫލު ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލުތައް ހިމެނޭ ސަރަހައްދުގައި މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާ ކަމެއް

ވީ ކިހިނެއް؟ - މުދާ ބޭރުކުރުން މަނާ ގަޑިތަކުގައި މުދާ ބޭރުކުރުމަށް އެމްޕީއެލްއިން ވަކި ބަޔަކަށް ހުއްދަ ދެމުން ދާތީ ޕޯޓުގެ ޑްރައިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، އެ މީހުން ބުނާ ގޮތުގައި، މި ކަމުގެ ސަބަބުން މަގުމަތީގެ ޓްރެފިކް ބޮޑުވެ، އާއްމުންނަށާއި ޑްރައިވަރުންނަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ.

ޑްރައިވަރުންގެ ބަސް - ނަން ނުޖެހުމަށް ޝަރުތުކޮށް 'ދައުރު'އާ ވާހަކަދެއްކި ޑްރައިވަރަކު ބުނީ ވިޔަފާރި ބަނދަރުން މުދާ ލޯޑުކުރުމުގައި އެމްޕީއެލްއިން އަމަލުކުރަމުންދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ކަމަށެވެ. އަދި މިކަމުގެ ކަންބޮޑުވުން އެމްޕީއެލްގެ ވެރިންނާ ހިއްސާކުރިޔަސް، މާ ބޮޑު ހައްލެއް ނުލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"ގުޅާފައި ބުނިން މިއީ ގޮތެއް ނޫނޭ، ތިއީ ދެން ދައުލަތުގެ ކުންފުންޏެކޭ. ބާޒާރު ކަޑަ ހިންގާ ގޮތަށޭ، ދެން މިރޭ މާ ރަނގަޅޭ، ރޭގަނޑު 1:30 ވަންދެން ނޫނީ 3:30 ވަންދެން ކަޑަ ހިންގާ އުސޫލުންނޭ އެމްޕީއެލް ވެސް ތި ހިންގަނީ. އެކަމަކު ވަކި ބަޔަކު ހަމަ މުދާ ނެރެންވީމަ ހަމަ ވެހިކަލް ވައްދަނީ، ނަތީޖާއެއްގެ ގޮތުން ވަރަށް ބާރު ބޮޑުވޭ،" އެ ޑްރައިވަރު ބުންޏެވެ.

އެމްޕީއެލްގެ ވެރިންނަށް ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން. (ފޮޓޯ/އެމްޕީއެލް)

އޭނާ ބުނީ އުސޫލާ ހިލާފަށް ބޮޑެތި ލޮރީތަކަށް މުދާ ބޭރުކުރުމުގެ ހުއްދަ ދޭއިރު، އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންގެ ބްރޭކް ގަޑި އާއި ސްކޫލުތަކުން ކުދިން ނުކުންނަ ގަޑިއާ ދިމާވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަގުމަތި ވަރަށް ބޮޑަށް ބާރު ބޮޑުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ވަގުތުތަކުގައި އަހަރެމެން ބޮޑެތި ސިންގާ ލޮރީތައް އެމްޕީއެލްއިން ބަރުކޮށްގެން މާލޭ މަގުތަކަށް ނުކުމެ މި އުޅެނީ. ނެރުނީމާ ހެސްކިޔާފަ މަގުތައް ޖޭމް ވަނީ،" އެ ޑްރައިވަރު ބުންޏެވެ.

އެމްޕީއެލްގެ ބަސް - މި މައްސަލައާ ގުޅޭ ގޮތުން އެމްޕީއެލްގެ ކާގޯ ކްލިއަރެންސްގެ ހެޑު، ތޮލްހަތު ސައީދު މިއަދު ވިދާޅުވީ ހެނދުނު 10 އާއި މެންދުރުފަހު 1އާ ދެމެދު އޮޕަރޭޝަންތައް ހުއްޓިފައި އޮންނާތީ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ ފަރާތުން ޝަކުވާ ލިބުނު ކަމަށެވެ. އެހެންވެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރެފިކް ފުލުހުންނާ އެކު މަޝްވަރާކުރުމަށް ފަހު އެ ގަޑިތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައްދަލުވުމެއް ބާއްވާފައި އެ ބޭފުޅުން ވިދާޅުވީ އެއީ ތަންކޮޅެއް ކުރީގައި އަންގާފައިވާ އެންގުމެކޭ. އެހެންވެ އެއާ އެއްގޮތަކަށް ނޫނޭ ދެން އަމަލުކުރާނީ. ހުރިހާ ލޮރީތަކަކަށް ވެސް ނުކުމެވޭނޭ،" އޭނާ ތޮލްހަތު ވިދާޅުވި އެވެ.

"އެމްޕީއެލުން ވަކި ގޮތެއް ނިންމީކީ ނޫން، ވަކި ބައެއްގެ ލޮރީތަކަކަށް ހުއްދަ ދެނީއެއް ވެސް ނޫން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް