ކްރިމިނަލް ކޯޓު ކުރިމަތިން މީހަކު ސައިކަލުގައި ދުއްވާފައި ދަނީ: މީހެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވި މައްސަލައިގައި ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މީހެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވުމުން ކުރި ދައުވާ ސާބިތެއް ނުވި

ދައުވާ ލިބުނު މީހާ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ސައިކަލު ދުއްވި ގޮތެއް ދައުވާގައި ބަޔާންކޮށްފައެއް ނުވޭ
29 މާރިޗު 2022

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ސައިކަލު ކޮންޓްރޯލުން ނައްޓައި މީހެއްގެ ގައިގައި ސައިކަލުން ޖެހި މީހަކަށް އަނިޔާވި ކަމަށް ބުނާ މައްސަލައެއްގައި ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - ރ. އަލިފުށި/ހަވާސް، އާދަމް އަތީފްގެ މައްޗަށް ދައުލަތުން ކުރީ:

  • އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ 

  • އެ ދައުވާ ކުރީ 24 ޑިސެމްބަރު 2016ގައި މާލޭ ލޯކަލް މާރުކޭޓު ކައިރިން، ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، މީހެއްގެ ގައިގައި ޖެހި އޭނާއަށް އަނިޔާވެ، ދުއްވަމުން ދިޔަ ސައިކަލު ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓުވެފައިވާތީ

އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރި މާއްދާގައިވާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދެއް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން އިސްލާމީ ޝަރީއަތުގެ ދަށުން ބަދަލު ދޭން ޖެހޭ ހާލަތެއްގައި، ކުށްކުރި މީހާގެ އަދަބަކީ ބަދަލު ދިނުމާ އެކު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ހިފެހެއްޓުމެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތައް:

  • ނިތްކުރިއާ ދިމާލުން ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔަ

  • ނޭފަތުގެ ވަސް ކަށިގަނޑު ބިންދައިގެން ގޮސް، ނޭފަތުގެ ތިރިން ފަޅައިގެން ގޮސްފައިވޭ

  • ކަނައުތު ބޮޑުވައިއިނގިލީގައި ރެނދުލި

  • ދެ ފައިގެ ބޮޑުވައިއިނގިލި ބިންދައިގެން ދިޔަ 

  • ކަނައަތު ފައިގެ ބޮޑުވައިއިނގިލި ފަޅައިގެން ދިޔަ

  • ވައަތު ފަރާތު ލޯމަތި ދުޅަވެފައިވޭ

ވީ ކިހިނެއް؟ - ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކޮށް ބުނެފައި ވަނީ، އޭނާ ގަސްތުގައި އެ މީހާގެ ގައިގައި ޖެއްސީ ނޫން ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ މަގުމައްޗަށް ނުކުތީ ދުވެފައި ކަމަށާއި ކުއްލިއަކަށް އެހެން ނުކުންނަ އިރު ނުޖެހޭނެކަމުގެ ކޮންފިޑެންސްއެއް ނޯންނާނެ ކަމަށް އެ މީހާ ބުންޏެވެ.

ހާދިސާ ހިނގި ކަމަށް އިންކާރު ނުކުރިޔަސް، ނުރައްކާތެރިކޮށް ދުއްވި ކަމަށް އޭނާ އިންކާރު ކުރި އެވެ.

އޭނާ ބުނެފައި ވަނީ ސައިކަލު ދުއްވީ ބަލަންވާ ވަރަށް ނުބަލާ ނޫން ކަމަށެވެ. ދުއްވި ސީދާ ސްޕީޑު ހަނދާން ނެތަސް ދުއްވީ ބާރަށް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އަނިޔާވި މީހާ މަގުގެ މެދާ ހިސާބުގައި ހުއްޓާ އޭނާ މަސައްކަތް ކުރީ މަގުގެ ގަވައިދު ފަޅިން އަރަން ކަމަށް އޭނާ ބުންޏެވެ.

ތަފްސީލް - އެ މައްސަލަ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް ބައްލަވައި އިއްޔެ ހުކުމް ކުރެއްވީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.

ސޮފްއަތުގެ ހުކުމުގައި ފާހަގަކުރީ އަތީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާއިރު، އޭނާ ދުއްވީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ސާބިތުކޮށްދޭން ޖެހޭނެ ކަމެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އޭނާ ސައިކަލު ދުއްވީ "ބާރު ސްޕީޑުގައި ބަލަންވާ ވަރަށް ނުބަލަ" އެވެ.

ދައުލަތުން ދައުވާ ސީގާ ބަޔާންކުރާއިރު، ދައުވާގެ ކުށުގެ އުންސުރުތަކާ ގުޅުންހުރި ގޮތަށް އަދި ދައުވާގެ ނަތީޖާއަށް އަސަރުކުރާ ގޮތަށް ގާނޫނުގައި ކުށް ބަޔާން ކުރުމަށް އެއްގޮތަކަށް ވެސް ބޭނުންކޮށްފައި ނުވާ އަދި ފުޅާކޮށް މާނަކުރެވޭ އިބާރާތްތައް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެކަމުގެ ސަބަބުން ނުކުންނާނީ ވެސް ނުރަނގަޅު ނަތީޖާ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް

އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދެއް ދުއްވި ކަމަށް ބެލެވޭނެ ހަތް ހާލަތެއް ބަޔާންކޮށްފައިވެ އެވެ. ގާޒީ ސޮފްއަތު ހުކުމުގައި ސުވާލު އުފެއްދެވީ، ގާނޫނުގައި ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް ދުއްވުން ކަމަށް ބަލާނެ ހާލަތްތައް ބަޔާންކޮށްފައި ވާއިރު، އެއަށް ވުރެ ފުޅާކޮށް މާނަކުރެވިދާނެތޯ އެވެ.

ދައުލަތުގެ ދައުވާގައި، އެއިން އެއްވެސް ހާލަތެއް ބަޔާން ކުރުމެއް ނެތި ފުޅާކޮށް މާނަކުރެވޭ އިބާރާތެއް ބޭނުންކޮށްފައި ވާކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ. އެގޮތަށް ދައުވާ އިބާރާތް ކުރުމުން ނުކުންނާނީ ނުރަނގަޅު ނަތީޖާ ކަމަށް ގާޒީ ސޮފްއަތު ލިޔުއްވާފައިވެ އެވެ.

"ދައުލަތުން ދައުވާ ސީގާ ބަޔާންކުރާއިރު، ދައުވާގެ ކުށުގެ އުންސުރުތަކާ ގުޅުންހުރި ގޮތަށް އަދި ދައުވާގެ ނަތީޖާއަށް އަސަރުކުރާ ގޮތަށް ގާނޫނުގައި ކުށް ބަޔާން ކުރުމަށް އެއްގޮތަކަށް ވެސް ބޭނުންކޮށްފައި ނުވާ އަދި ފުޅާކޮށް މާނަކުރެވޭ އިބާރާތްތައް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެކަމުގެ ސަބަބުން ނުކުންނާނީ ވެސް ނުރަނގަޅު ނަތީޖާ އެވެ،" ސޮފްއަތުގެ ހުކުމުގައިވެ އެވެ.

މާލޭ މަގުމަތީ ބަޔަކު ސައިކަލު ދުއްވާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަތީފް ސައިކަލު ދުއްވީ ކަތިކައްޗަށް "ޒިގްޒެގް"ކޮށް، މަގު ހުރަސްވާ ގޮތަށް ބާރު ސްޕީޑުގައި ނުވަތަ މަގަކަށް ނުވަތަ މަގުތަކުގައި ދުއްވިކަން ނުވަތަ ގޯޅިއަކުން ނުވަތަ މަގަކުން ނުކުންނަ އިރު ބަމްޕަރަށް ނުބަލައި ބާރު ސްޕީޑުގައި ދުއްވިކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭއިރު، އެއިން ކަމެއް ދައުވާއިން ވެސް އަދި ހެކިބަހުން ވެސް ސާބިތު ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އޭނާ ބާރު ދުވެލީގައި ދުއްވި ކަމަށް ދައުލަތުން ބުނާ އިރު، ދައުލަތުގެ ދައުވާގައި އޭނާ ދުއްވި ސްޕީޑުގެ މިންވަރު ބަޔާންކޮށްފައި ނުވާކަން ހުކުމުގައި ފާހަގަކުރި އެވެ. އެގޮތުން، ދައުލަތުގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި ވެސް އޭނާ ދުއްވި ސްޕީޑު ދެނެގަނެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި، މަގަށް ދޭންވާ ވަރަށް ސަމާލުކަން ނުދީ ދުއްވުމުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށް އަތީފް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވާތީ، އެ އިއުތިރާފާ ގުޅުވާލެވޭ އެހެން އިތުރު ހެކި ހުރެއްޖެ ނަމަ އެ އިއުތިރާފަކީ ގަރީނާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު، ގާޒީ ސޮފްއަތު ނިންމެވީ އެއީ ހަރުދަނާ ގަރީނާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް