ޔާމީން އަދި ރިލްވާންގެ މަރަށް އިންސާފު ހޯދުމަށް ބޭއްވި ހިނގާލުމެއްގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ

ޔާމީން ރަޝީދުގެ ރިޕޯޓު އާންމު ކުރާނީ ޝަރުއީ މަރުހަލާތައް ނިމުމުން: ރައީސް އޮފީސް

މީގެ ކުރިން ރައީސް ވިދާޅުވީ، މަރު ކޮމިޝަނުން ޔާމީންގެ މަރުގެ މައްސަލަ ބަލައި، ރިޕޯޓު ނިންމާފައިވާކަމަށް؛ އެކަމަކު ކޮމިޝަނުން ބުނަނީ ތަހުގީގު ކުރިއަށްދާ ކަމަށް

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން އަނިޔާވެރިކޮށް މަރާލި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ރިޕޯޓު އާންމު ކުރާނީ އެ މައްސަލައިގެ ޝަރުއީ މަރުހަލާތައް ނިމުމުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- ރައީސް އޮފީހުގައި 19 ސެޕްޓެމްބަރު 2019ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ، މަރު ކޮމިޝަނުން ޔާމީންގެ ތަހުގީގު ނިންމައި، ރިޕޯޓު އެ އޮފީހަށް އޭރު ފޮނުވާފައިވާ ކަމަށެވެ. އަދި ރިޕޯޓު ހާމަކުރާނީ، އޭރު ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ ޔާމީންގެ ޝަރީއަތުގެ މައްސަލަ ނިމުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ތަފްސީލު - އެ މަރު ހިނގިތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މިިދިޔަ މަހު 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ހުކުމް އިއްވާފަ އެވެ.

ރައީސް ސޯލިހާ ހަވާލާދެއްވައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ އިބްރާޙިމް ހޫދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލަ ދަށު ކޯޓުން ނިމުނަސް، މަތީ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ވިސްނުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ގެންގުޅޭތީވެ، ދެން ރިޕޯޓު އާންމުކުރާނީ މަތީ ކޯޓުގެ މަރުހަލާތައް ނިމުމުން ކަމަށެވެ.

"އެހެންވެ ރައީސް ވިދާޅުވީ، ޔަމީންގެ ތަހުގީގު ރިޕޯޓު އާންމުކުރާނީ، ޝަރުއީ މަރުހަލާތައް ނިމުމުން ކަމަށް،" މިވަގުތު ވަގުތީ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހޫދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކީކޭ؟

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވާހަކަ ދައްކަވަނީ: ރައީސް އޭރު ވިދާޅުވީ، ޔާމީންގެ ރިޕޯޓު ނިމިފައިވާކަމަށް (ފައިލް ފޮޓޯ/ ރައީސް އޮފީސް)

"ޔާމީން ރަޝީދުގެ މައްސަލަ ބަލައި ރިޕޯޓު ތައްޔާރުކޮށް، ނިމިފައި އޮތް ނަމަވެސް، އެ މައްސަލައަކީ ޝަރީއަތުގައި މިހާރު ހިނގަމުންދާ މައްސަލައަކަށް ވާތީ، އެ މައްސަލަ ނިމެންދެން އާންމު ނުކޮށް އޮތީ،" ރައީސް އޮފީހުގައި 19 ސެޕްޓެމްބަރުގައި 2019 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ މިއަންނަ މަސް ކުރީ ކޮޅު ޔާމީން ރަޝީދުގެ މައްސަލަ ޝަރީއަތުން ނިމޭނެ. އެއަށް ފަހު، އަޅުގަނޑުމެން އެ ރިޕޯޓު ހާމަކުރާނަން."

ރައީސް އެހެން ވިދާޅުވި ނަމަވެސް، ޔާމީންގެ މަރުގެ މައްސަލަ މަރު ކޮމިޝަނުން އަދިވެސް އަންނަނީ ބަލަމުންނެވެ. ރައީސް އެ ވިދާޅުވަނީ، އެ ތަހުގީގުގެ ފައިނަލް ރިޕޯޓު ކަމެއް ނުވަތަ ޑްރާފްޓް ރިޕޯޓު ކަމެއް ސާފެއް ނޫނެވެ.

ޔާމީން މަރުގެ މައްސަލައިގައި ހުކުމް ކުރުމާ އެކު ޖެހިގެން އައި ދުވަހު މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް 'ދައުރު'އަށް ވިދާޅުވީ، ހުކުމް އިއްވީ ކޮމިޝަނުން ހިންގި ތަހުގީގެއް މައްޗަށް ކަމަށް ނުވާތީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް  ކޮމިޝަނުން ޔާމީންގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލައާ ގުޅިގެން ކުރަން ޖެހޭ ކަންކަން މިދަނީ ބާރަށް ކުރަމުން،" މައްސަލައިގެ އިތުރު ތަފްސީލަކަށް ވަޑައިނުގަތް މިސްބާހު ވިދާޅުވި އެވެ.

ފަސް މަންޒަރު - ޔާމީންގެ މަރުގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ދައުލަތުން އުފުލި އެވެ. ނަމަވެސް ދައުވާ ސާބިތުވީ އޭނާއަށް ވަޅިން ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހެއްގެ މައްޗަށެވެ. އެއީ:

  • އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގޭ

  • އަހުމަދު ޒިހާން އިސްމާއިލާ، މ. އިރަސްމިކުގޭ

ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވީ، ގަސްތު މަރެއްގެ ރުކުންތަކުގެ ތެރެއިން ޔާމީން މަރާލާފައިވަނީ އެމީހުން ކުޅަ އަމަލެއްގެ ސަބަބުން ކަމަށް ޝައްކެއް ނެތް މިިންވަރަށް ސާބިތުކުރަން އެކަށީގެންވާ ހެކިތަކެއް ދައްކާފައި ނުވުމުންނެވެ. ދައުވާއިން ސަލާމަތްވި މީހުންނަކީ:

1- މުހައްމަދު ދިފްރާން، ގދ. ގައްދޫ، ސިންދުބާދުގެ

2- ހަސަން ޝިފާޒް، މ. ކުދެހިގެ

3- އިސްމާއިލް ރަޝީދު، މ. ތާއިފް

4- ހުސައިން ޒިޔާޒު، މ. ކޮޅުފުށި އީސްޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް