ކޮވިޑް ވެކްސިނޭޝަން ސެންޓަރެއްގައި މީހަކު މަޑުކޮށްލައިގެން: މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 2،180 މީހަކަށް ކޮވިޑް ޖެހިފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)
ޓެސްޓްކުރި މީހުންގެ %34 އަށް ކޮވިޑް ޖެހިފައި، 64 މީހަކު ހޮސްޕިޓަލްގައި
މިދިޔަ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓްކުރި މީހުންގެ ތެރެއިން %34 މީހުން ކޮވިޑް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 64 މީހަކަށް އެނދުމަތިކޮށްގެން ފަރުވާ ދެމުން ވެސް އެބަ އާދެ އެވެ.
ތަފްސީލް - އެޗްޕީއޭގެ ކޮންމެ ދުވަހަކު ވެސް އާންމުކުރަމުން އަންނަ ކޮވިޑުގެ ނަމްބަރުތައް އާންމު ކުރާއިރު މިއަދު އާންމު ކުރި މިދިޔަ 24 ގަޑިއިރުގެ ނަމްބަރުތަކުން ދައްކާ ގޮތުގައި 6،403 ސާމްޕަލް ޓެސްޓްކުރި އިރު އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 2،180 ސާމްޕަލެވެ. އެއީ ޓެސްޓްކުރި ސާމްޕަލްގެ %34 އެވެ. އިއްޔެގެ ނަމްބަރުތަކާ އަޅާކިޔާއިރު އިއްޔެ7،852 ޓެސްޓް ހަދައިގެން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ %35 މީހުންނެވެ. އެހެން ކަމުން އިއްޔެއާ އަޅާ ބަލާއިރު މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް މި ވަނީ %1 ދަށަށް ގޮސްފަ އެވެ.
ފާހަގަކޮށްލެވޭ ކޮވިޑްގެ ނަމްބަރުތައް:
-
931: މާލެއިން އަލަށް ބަލި ޖެހުނު
-
811: ރަށްރަށުން އަލަށް ބަލި ޖެހުނު
-
17،743: މިވަގުތަށް ބަލިޖެހިފައި ތިބި އަދަދު
-
63: ރިސޯޓްތަކުން ބަލި ޖެހުނު
-
63: ހޮސްޕިޓަލްގައި އެނދުމަތިކޮށް ފަރުވާދެނީ
-
141،060: މިހާތަނަށް މުޅި ރާއްޖެއިން ބަލި ޖެހުނު
ބޫސްޓާ ޑޯޒް އަދި ޖެހީ 75،884 މީހުން
އެޗްޕީއޭއިން އާންމު ކުރި ވެކްސިނޭޝަން ނަމްބަރުތަކުން ދައްކާ ގޮތުގައި މިއަދާ ހަމައަށް ކޮވިޑް ވެކްސިންގެ ތިން ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ވަނީ 75،884 މީހުންނެވެ. މިއަދު ބޫސްޓާ ޑޯޒް ޖެހީ 3،059 މީހުންނެވެ. ވެކްސިންގެ އެއް ޑޯޒާއި ދެ ޑޯޒް ޖަހާފައިވާ އަދަދުތަކަކީ:
-
397،642: ފުރަތަމަ ޑޯޒް ޖަހާފައި
-
369،883: ދެވަނަ ޑޯޒް ޖަހާފައި
އެނގުން މުހިންމު - އެޗްޕީއޭއިން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުގައި ކޮވިޑް ވެކްސިން ފުރިހަމަވީ ކަމަށް ބަލާނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވާ ފަރާތްތަކެވެ. އަދި އެފަދަ ފަރާތްތަކުން ބަލި ޖެހިފައިވާ ކޮންޓެކްޓްވީ ނަމަވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.