ނ. ހެނބަދޫގައި އިއްޔެ ބޯކޮށް ވާރޭވެހުނު ގަޑިއެއްގައި ދެ މީހަކު ބޭރުގައި މަޑުކޮށްލައިގެން (ފޮޓޯ/ ހެނބަދޫ އިންސައިޑް)

ފެންބޮޑުވުން

ހެނބަދޫއަށް ބިރުވެރި ދުވަހެއް؛ ބުނީ މި ވަރުގެ ވިއްސާރައެއް ނުދެކޭ ކަމަށް

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ރަށް 'އަޑިއަށް' ދިޔަ ނަމަވެސް ރަށުގެ މީހުންގެ ފަރާތުން ފެނުނީ އެއްބައިވަންތަކަން
18 ޑިސެމްބަރު 2024

ގަދައަށް ވިއްސާރަ ކުރާ ދުވަސްވަރެއްގައި ނ. ހެނބަދުއަށް އާއްމުކޮށް ވެސް ބޮޑުވަރުވެ އެވެ. މަގުމައްޗާއި ގޯތިތެރޭގައި ބޮޑުވާ ފެންގަނޑު ގޭތެރެއަށް ވަދެ ތަކެއްޗަށް ވެސް ގެއްލުންވެފައި އެބަހުއްޓެވެ. އެކަމަކު އިއްޔެ ހެނބަދުއަށް ކުރީ، އެ ރަށުގެ މީހުން ބުނާ ގޮތުގައި އާދަޔާ ހިލާފު ވިއްސާރައެކެވެ. 

"ވަރަށް ބިރުވެރި މަންޒަރެއް އެއީ. ރަށުތެރޭގައި މިހާ ފެންބޮޑުވެފައި އޮއްވާ ދުވަހަކު ވެސް ނުދެކެން،" ކައުންސިލްގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިގޮތަށް އެންމެ ގަދަ ވިއްސާރައެއް އެ ރަށަށް ކުރީ 2009ގަ އެވެ. އެކަމަކު އެ ވިއްސާރަ އާއި އިއްޔެ އެ ރަށަށް އޮއްސާލި ކެރިގަނޑާ އަޅާނުކިޔޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނ. ހެނބަދޫ ގެއެއްގެ ތެރޭގައި ބޮޑުވި ފެންގަނޑު ހިއްކަން މަސައްކަތް ކުރަނީ

އިއްޔެ ހެނދުނު 6:30 ފެށިގެން 8:30 ވަންދެން މެދުނުކެނޑި އެ ރަށަށް ބޯކޮށް ވާރޭވެހުނެވެ. އެކަމަކު އެއް ގަޑިއިރު ވީއިރު، ރަށް 'އަޑިއަށް' ގޮސްފި އެވެ.

ވިއްސާރައިގައި ލިބުނު ބައެއް ގެއްލުންތައް:

  • ޖުމްލަ 27 އިމާރާތަކަށް ފެންވައިން؛ ބައެއް ގެތަކުގައި ތިން ފޫޓަށް ފެންބޮޑުވި

  • ފަރުނީޗަރާއި އިލެކްޓްރޯނިކް އަދި ހިފާ ގެންގުޅޭ ގިނަ ސާމާނުތައް ހަލާކުވި

  • ކޮޓަރިތަކުގައި ހުރި އެނދު ފަދަ ސާމާނު ހުރީ ފެނުގެ އަޑީގައި

  • ފެންބޮޑުވެ ބައެއް ގެތަކުން ކަރަންޓު ވެސް ދިޔަ

އިއްޔެ އެ ރަށަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު އެއް ގެއްލުމެއް ލިބުނީ ރަށުގެ ސްކޫލަށެވެ.

ހެނބަދޫ ސްކޫލު ގޯތިތެރޭގައި އިއްޔެ ފެންބޮޑުވެފައި

ގާތްގަނޑަކަށް 160އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ސްކޫލަށް ލިބުނު ގެއްލުންތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާއިރު، އެއިން ފެންނަނީ މުޅި ސްކޫލު ފެނު އަޑިއަށް ގޮސްފައިވާ ތަނެވެ. އެގޮތުން ގޯތިތެރެއާއި ކޮރިޑޯ އަދި ކްލާސްތެރޭގައި ފޫޓެއްހާ އުސްމިނަށް ފެންބޮޑުވެފައި ހުއްޓެވެ. ދަރިވަރުންގެ ބައެއް ސާމާނާއި ސްކޫލުގެ ބައެއް ތަކެތި ހުރީ ފެންމަތީގައި ދުވެލަދުވެލަ އެވެ. ސްކޫލުގެ ލައިބްރަރީގައި ވެސް ފެންބޮޑުވެފައިވާއިރު ފޮތްހަރުގަނޑުގެ ތިރީގައި ހުރި ފޮތްތައް ހުރީ ތެމި ފޯވެ، މުޅިން ހަލާކުވެފަ އެވެ.

ނ. ހެނބަދޫގައި އިއްޔެ ފެންބޮޑުވެން ހިންދުމަށް ސްކޫލު ކުދިން ހަރަކާތްތެރިވަނީ (ފޮޓޯ/ ހެނބަދޫ އިންސައިޑް)

ރަޝީދު ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސްކޫލުގެ ސްޓާފްރޫމަށެވެ. އެގޮތުން:

  • އެތަނުގައި ޓީޗަރުން ބޭނުން ކުރާ ހުރިހާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަލާކުވި

  • މޭޒު ފަދަ ތަންތަނަށް ފެން އެޅި ހަލާކުވި

ދަރިވަރުންނާއި ކަމާ ގުޅޭ މުއައްސަސާތަކުގެ އެހީގައި، ސްކޫލުގެ ބޮޑުވި ފެންގަނޑު އެއްކޮށް ހިންދާލެވުނީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ. އެކަމަކު ސްކޫލުތެރެ ވަރަށް ބޮޑަށް ހަޑިވެ، އަދި ބައެއް ތަކެތި ބޭނުން ކުރެވެން ނެތުމުން މިއަދު ބައެއް ގްރޭޑްތަކުގެ ކިޔެވުމެއް ނެތެވެ.

އާއްމުކޮށް ވެސް ފެން ބޮޑުވާތީ، 2019 ވަނަ އަހަރުން ފެށިގެން ހެނބަދޫގައި ހުންނަނީ ފެން ހިންދާ ނިޒާމު ގާއިމުކޮށްފަ އެވެ. އެކަމަކު އިއްޔެގެ ކެރިގަނޑު އޮއްސާލީ، އެއަށް ވެސް ނުކަތާ ވަރަށް ކަމަށް އެ ރަށު މީހުން ބުނެ އެވެ. މަތިން ވެހުނު ފެނުގެ އިތުރުން، ބައެއް ގެތަކުގައި އަޑިން ވެސް ފެން އެރި ކަމަށް ކައުންސިލުން ބުންޏެވެ.

ނ. ހެނބަދޫގައި އިއްޔެ ފެންބޮޑުވެން ހިންދުމަށް ސްކޫލު ކުދިން ހަރަކާތްތެރިވަނީ (ފޮޓޯ/ ހެނބަދޫ އިންސައިޑް)
ނ. ހެނބަދޫ ގެއެއްގެ ތެރޭގައި ބޮޑުވި ފެންގަނޑު ހިއްކަން މަސައްކަތް ކުރަނީ

ވިއްސާރައިގައި ކިތަންމެ ހާލަތު ގޯސްވި ނަމަވެސް އިއްޔެ އެ ރަށުން ފެނުނީ ނަމޫނާ މަންޒަރެކެވެ. ވަކި މީހަކަށް ބަރޯސާ ނުވެ، ފެންގަނޑު ހިންދައި، އާއްމު ހާލަތަށް ގެނައުމަށް ރަށުގެ ހުރިހާ އެންމެންހެން ނުކުތެވެ. ބޯވާރޭގައި ސްކޫލު ކުދިންނާއި އާއްމުން ރަށުތެރެއަށް ނުކުމެ، ގެތަކަށް ވަދެފައިވާ ފެން ހިއްކައި، ދޮރުމަތީގައި ވެލިބަސްތާ އަދި ގާ އަތުރައި ރައްކާތެރިކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް