މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން: މަޖިލީހުގެ ޖަލްސާތަކުގައި އުފެއްދުންތެރި ބަހުސްތައް ހިނގާ މިންވަރު ވަރަށް ކުޑަ (ފޮޓޯ/މަޖިލިސް)

މަޖިލީހުގެ މަސައްކަތުގެ ތަފާސްހިސާބު: ޖަލްސާއަކަށް 2 ގަޑިއިރު

މަޖިލީހުގެ މެންބަރުން މަދު ވަގުތެއް ބަހުސްކުރެއްވުމަށް ހޭދަކުރެއްވިއިރު، މަޖިލީހުގެ މި ދައުރަކީ ރައްޔިތުންނާ ގުޅޭ ވަރަށް ބޮޑެތި ނިންމުންތަކެއް ނިންމި ދައުރެއް
15 ޑިސެމްބަރު 2024

މިހާރު ކުރިއަށް މިދާ 20 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފައި ވާއިރު، މަޖިލީހުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން، މަޖިލިސް މިހާރު ހިންގާ ގޮތާ މެދު ގިނަ ވާހަކަތަކެއް ބުނެދެ އެވެ. މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ބަހުސް ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި މިންވަރެވެ. މައްސަލަތައް ދިރާސާކުރައްވައި އޭގެ ފުނަށް މެންބަރުން ވަޑައިގަންނަވާ މިންވަރެވެ. 

މިއަހަރު ބޭއްވި މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލަމުން މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، 1 އޮކްޓޯބަރުން 12 ޑިސެމްބަރާ ހަމައަށް:

  • ބާއްވާފައި ވަނީ 27 ޖަލްސާއެއް

  • މެންބަރުން ޖަލްސާތަކުގައި ހޭދަކުރެއްވީ ޖުމްލަ 67 ގަޑިއިރު 

  • އެއީ އެވްރެޖްކޮށް ޖަލްސާއަކަށް 2 ގަޑިއިރު ޖެހޭ ވަރުގެ އަދަދެއް 

އެހާ މަދު ވަގުތުތަކެއް މައްސަތަކުގައި ބަހުސްކުރެއްވުމަށް މަޖިލީހުގެ މެންބަރުން ހޭދަކުރެއްވިއިރު، މަޖިލީހުގެ މި ދައުރުގައި ރައްޔިތުންނާ ގުޅޭ ވަރަށް ބޮޑެތި ނިންމުންތަކެއް ނިންމި އެވެ. ޕާޓީ ބަދަލުކުރާ މެންބަރުން ގޮނޑި ގެއްލޭ ގޮތަށާއި ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނައީ މި ދައުރުގަ އެވެ. ސިނގިރޭޓުން ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރަން ގާނޫނުތަކަށް ބަދަލު ގެނައީ ވެސް މި ދައުރުގަ އެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގެ މަސައްކަތްތަކުގެ ތަފާސްހިސާބު

މިހާ މުހިންމު ނިންމުންތަކެއް ނިންމި ދައުރެއްގައި ޖަލްސާއެއް އެވްރެޖްކޮށް 2 ގަޑިއިރަށް ދިގު ދެމިގެން ދިޔުމުން ބުނެދެނީ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން ކަންކަން ނިންމީ މާ ބޮޑެތި ބަހުސްތަކެއް އަދި ދިރާސާ ކުރުންތަކެއް ނެތި ކަމެވެ. އަވަސްކޮށްލާފައި ކަމެވެ. 

މިދިޔަ ދައުރު ނިމިގެން ދިޔައިރު މަޖިލީހުގެ ބައެއް ޖަލްސާތައް ފެށުމަށް ފަހު، މައްސަލަތަކުގައި ބަހުސްކުރާނޭ މެންބަރުން ނެތިގެން ޖަލްސާތައް ވަރަށް އަވަހަށް ނިންމާލަ އެވެ. މީގެ ކުރިން އާންމުކޮށް މެންދުރު 1:30ގައި ވޯޓަށް އަހާ ނިމޭ ޖަލްސާތައް ނިމިދިޔަ ދައުރު 11:30 ނުވަތަ 12 ޖަހާއިރު ވެސް ނިންމާލަ އެވެ. ނޫނީ މަސައްކަތެއް ނެތިގެން ބައެއް ދުވަސް ދުވަހު ޖަލްސާތައް ނުވެސް ބާއްވަ އެވެ. 

މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރަކު ހުށަހެޅި ގަރާރެއްގެ ތެރެއިން ކުރިއަށް ގެންދާނެ ގަރާރަކާ މެދު ގުރުލުމުގެ ތެރެއިން: މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް އެކަށީގެންވާ ފުރުސަތު ނުދީ ހުރަސްއަޅާކަމުގެ ތުހުމަތު ބޮޑު.

ސަރުކާރުން ހުށަހެޅި ކަންކަން ނިންމީ ރަނުންރަނަށް

މަޖިލީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބިލްތަކާއި މައްސަލަތައް ހިމެނޭ ގޮތުން މަޖިލީހުގެ ނިމިދިޔަ ދައުރު 86 މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ނިންމީ 63 މައްސަލަ ނުވަތަ %73 މައްސަލަ އެވެ. އެއީ: 

  • ސަރުކާރުން ހުށަހެޅި 15 ކަމުގެ ތެރެއިން 13 ކަންތައް ނިންމި 

  • 29 ބިލެއް ހުށަހެޅިއިރު ނިންމީ 20 ބިލެއް

  • އިދިކޮޅުން ހުށަހެޅި 3 ގަރާރުން ނިންމީ އެންމެ މައްސަލައެއް

ވަޒީރުންނާ ސުވާލުކުރަން 23 މައްސަލައެއް މަޖިލީހަށް ހުށަހެޅިއިރު، ދައުރު ނިމުނު އިރު ނިންމާފައި ވަނީ 13 މައްސަލަ އެވެ. އަދި ހުށަހެޅި ހަތަރު ކުއްލި މައްސަލަ ވެސް މަޖިލީހުން ނިންމާފައިވެ އެވެ. އަދި ރިޔާސަތުން ހުށަހެޅި ހުރިހާ މައްސަލައެއް ވެސް ދައުރު ނިމުނު އިރު ވަނީ ތަޅުމުން ނިންމައިފަ އެވެ.

މިފަހަކަށް އައިސް މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކަށް ކަންކަމުގައި ހިޔާލު ފާޅުކުރުމާއި މައްސަލަތައް ހުށަހެޅުމުގައި ދަތިކުރާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މި ފަހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު މެންބަރުން ހުށަހަޅާ މައްސަލަތައް އެކި އުޒުރު ދައްކާ ލަސްކޮށް އަދި އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހުން ބޭރު ކުރާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް