ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ތެރެއިން ބައެއް ސާމާނު ނެރުމުގެ މަސައްކަތް ކުރަނީ (ދައުުރު ފޮޓޯ/ އަނޫފް ޖުނައިދު
60 އަހަރު ކުރިން ފެށިގެން ހުރި ލިޔެކިޔުންތައް ގެއްލިދާނެ ކަމުގެ ބިރު އުފެދިއްޖެ
ހައުސިން މިނިސްޓްރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، މާލޭ މީހުންގެ މުހިއްމު ގިނަ ލިޔެކިޔުންތަކެއް ގެއްލިދާނެކަމުގެ ބިރު އެބައޮތް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ އެ އިމާރާތުގައި އަލިފާން ރޯވިކަން އެނގުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެވެ. އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، ވަރަށް ބޮޑު ބައި ވަނީ އަނދައި ހުލިވެފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ، މާލޭ ރައްޔިތުންގެ ރައްވެހިކަމުގެ ހިދުމަތްތަކާއި އިމާރާތްތަކާ ބެހޭ ބައި ވެސް ހުންނަނީ ރޯވި ހައުސިން މިނިސްޓްރީގަ އެވެ. އެހެންވެ، މާލޭ މީހުންގެ ގިނަ ލިޔުންތަކެއް ގެއްލުމުގެ ބިިރު އޮތް ކަމަށް ނަރީޝް ވިދާޅުވި އެވެ.
"އެއްވެސް މީހެއްގެ އުފަންދުވަހުގެ ސެޓްފިކެޓެއް އޮތިއްޔާ އޭތި ރިކަވާ ކުރެވިދާނެ ގޮތެއް އޮވެދާނެ. އެކަމަކު އެއްވެސް ގެއެއްގެ ރަޖިސްޓްރީއެއް ގެއްލިއްޖެ ނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެ،" އަލިފާން ރޯވި ސަރަހައްދުގައި ހުންނަވައި، މީޑިއާއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި:
-
1960 އިން ފެށިގެން އަދި އޭގެ ކުރީގައި ވެސް މާލޭގައި އުފަންވި ހުރިހާ އެންމެންގެ ޑޮކިއުމަންޓުތައް ހުރީ އެތަނުގައި
-
އޭގެ ތެރޭގައި ގޭގޭގެ ރަޖިސްޓްރީ އާއި ރަށްވެހިކަމުގެ ރަޖިސްޓްރީ ހިމެނޭ.
"އެއިން އެއްވެސް ލިޔެކިޔުމަކަށް ގެއްލުން ލިބިއްޖެ ނަމަ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް އެއީ. އެއީ އިއާދަކުރެވޭނެ އެއްޗެއް ނޫން. މިލްކުވެރިކަން ސާބިތުކުރަން ވިޔަސް، ވާރުތަ މުދަލެއް ސާބިތުކުރަން ވިޔަސް އެހެން އެއްވެސް ތާކުން އެ ލިބޭކަށް ނޯންނާނެ،" ނަރީޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިޔެކިޔުންތަކުގެ ބޮޑު ބައި މިހާރު ވެސް ސަލާމަތް ކުރެވިފައިވާ ކަމަށާއި އެކަމަކު އަދިވެސް އަލިފާނާ ހެދި 'އަތްނުލެވޭ ހިސާބުގައި' ބައެއް އެއްޗެހި ހުރި ކަމަށެވެ. އެތަކެތި ނެރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
އަރުޝީފު