މީގެ ކުރިން ޕީޕީއެމް އިދިކޮޅުގައި އޮތް އިރު ބޭއްވި ޖަލްސާއެއްގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އާއި އޭރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލްގެ ހުރިހާ ދައުރެއްގެ ހިޔާނަތްތައް ބަލަން އޮޑިޓް ކުރަން ޖެހޭ: ޔާމީން
މާލެ ސިޓި ކައުންސިލް އުފެދުނު ފަހުން މިދިޔަ ހުރިހާ ދައުރެއްގައި އެ ކައުންސިލްގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތްތައް ބަލަން އޮޑިޓެއް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު ލީޑަރު، ޔާމީން އެގޮތަށް ގޮވާލެއްވީ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންެނެވި އިރު ހިޔާނަތްތަކެއް ހިންގެވިކަމަށް ބުނެ ކުރެއްވި ތުހުމަތުތަކާ ގުޅުވަ އެވެެ.
ތަފްސީލު - ޕީއެންއެފްގެ އެކްޓިވިސްޓަކު އެ ޖަލްސާގައި ވާހަކަ ދައްކަމުން ބުނީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އާ ސަހަރާ މިސްކިތް މަރާމާތުކުރަން 3.4 މިލިއަން ރުފިޔާއަށް ދީފައި އޭގެ އިތުރަށް 4.1 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ.
އެ ތުހުމަތާ ގުޅިގެން ޔާމީން ވިދާޅުވީ މައްސަލައަކީ މިވީހާ ދުވަހު އެއްވެސް ދައުރެއްގައި އޮޑިޓް އޮފީހުން މާލެ ސިޓީ ކައުންސިލް އެޑިޓްކޮށްފައި ނުވުން ކަމަށެވެ. އެހެންވެ އެ ކައުންސިލް އޮޑިޓް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފުރަތަމަ ހަދަން ޖެހެނީ [މާލެ ސިޓީ ކައުންސިލްގެ] އޮޑިޓެކޭ. ކީއްވެގެންހޭ އެތަން އޮޑިޓް ނުކޮށްގެން މިއުޅެނީ. އޭގެ ކުރިން ތިބި މޭޔަރުންގެ ދައުރު ވެސް އޮޑިޓް ކުރަން ޖެހޭ. ފަހުން މިދިޔަ މޭޔަރުންގެ ދައުރު ވެސް އޮޑިޓްކުރަން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކައުންސިލަށް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ދޭއިރު، އެ ފައިސާ ހަރަދުވަނީ ރަނގަޅަށްތޯ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
"އެންމެ ބޮޑު މައްސަލައަކީ، މިހާ ބޮޑު ކެޕިޓަލްއެއް ދީފައި އޮންނަ ތަނެއް ކީއްވެހޭ އޮޑިޓްނުކޮށް މިދަނީ؟ ކޮބާހޭ އޮޑިޓާ ޖެނެރަލް، ކީއްހޭ އޭނާ ކުރަނީ؟ ގާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާއެއް މިއީ [އެކަމަކު] ކުރާ ކަމެއް ނެތް،" އޮޑިޓް އޮފީހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް