ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގައި ފަލަސްތީނުގެ ބަހެއް ވެސް ހޯދަން ޖެހޭ: ފަލާހު
އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމާ މެދު ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފަލާހު މިގޮތަށް ވިދާޅުވީ، އިޒްރޭލް މީހުން ރާއްޖެ އައުން މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށަހާޅާފައިވާ އިސްލާހު ދިރާސާކުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ފަލާހު ވިދާޅުވީ އެއީ ވަރަށް މުހިންމު އިސްލާހެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން ހިންގަމުންގެންދަނީ ވަރަށް "ވަރުގަދަ ލާއިންސާނީ، އަނިޔާވެރި ގަތުލްއާންމުގެ އަމަލުތަކެއް" ކަމަށެވެ. ނަމަވެސް މި އިސްލާހާ މެދު މަޖިލީހުން ގޮތެއް ނިންމަން ވާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި ފަލަސްތީނުގެ ބަހެއް [ހޯދަން ޖެހޭ] އެ ގައުމުގައި ވެސް ވެރިން އެބަތިބި، ގުޅުން ހުރި އިދާރާތައް އެބަހުރި. ރާއްޖެއަށް އިޒްރޭލް ރައްޔިތުން އައުން މަނާ ކުރުމުން އެ ބޭފުޅުންނަށް، އެ ގައުމަށް މިކަމުގައި ކިހާ މަންފާއެއް، ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން އޮތްތޯ [ބެލުމަށް ބަހެއް ހޯދަން ޖެހޭ]،" ފަލާހު ވިދާޅުވި އެވެ.
ފަލަސްތީނުގެ އިތުރުން، މި މައްސަލައިގައި އަރަބި އެހެން ގައުމުތަކާއި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފާ ވެސް ހޯދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެއީ އިޒްރޭލްގައި ވެސް އެތައް ސަތޭކަ މުސްލިމުން ވެސް އެބަ އުޅޭ. އިޒްރޭލް ޕާސްޕޯޓު މަނާ ކުރާއިރު މިއީ އަވަސް އަރުވާލައިގެން ނިންމޭ ކަހަލަ މައްސަލައެއް ނޫން. އެހެންވީމަ، ވަރަށް ފުޅާ ދާއިރާއެއްގައި މި މައްސަލަ ދިރާސާކޮށްފައި ނޫނީ ގޮތެއް ނިންމައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި އޮތް 19 ވަނަ މަޖިލީހުގައި ވެސް އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ހުށަހެޅިކަން ފާހަކުރައްވައި ފަލާހު ވިދާޅުވީ އެ ސަރުކާރު ނިމިގެން ދިޔައީ ވެސް އެކަމުގައި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެހެންވީ "ކޮންމެވެސް ސަބަބެއް އޮވެގެން" ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މިއަދު މިކަން ވެގެން ނުވާނެ ސިޔާސީ ގޮތުން ގައުމަށް ގެއްލުން ހުރި އަދި އަޅުގަނޑުމެންނަށް ގެއްލުން ހުރި ކަމަކަށް. މިކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެން ޖެހޭނެ،" ފަލާހު ވިދާޅުވި އެވެ.
ކޮމިޓީއަށް މިކަމާ ގުޅިގެން މައުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް މި"ސަރުކާރު ބޮލުގައި މިކަން އަޅުވަން އަދި އެ ނޫން ވެސް ސިޔާސީ މަންފާއެއް ހާސިލުކުރަން ވާހަކަ ދެއްކޭނެ އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ޕީއެންސީން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށާއި ސަރުކާރުން ވެސް އިޒްރޭލް ޕާސްޕޯޓު މަނާކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްފަގޫރު މޫސާ މިކަމުގައި ދެކެވަޑައިގަންނަވާ ގޮތް ވެސް ވިދާޅުވުމަށް ފަލާހު އެދިވަޑައިގެންނެވި އެވެ.
"މިއުޅެނީ އެމްޑީޕީން އެއްޗެއް ބުނެގެން ނޫން. ސަރުކާރުން އަރާ އިޒްރޭލް ޕާސްޕޯޓު މަނާ ކުރާނަމޭ ބުނެގެން މިއުޅެނީ... ވާން ނެތް ކަމެއް ނުވާނެއޭ ކިޔާފައި ހުއްޓާލީމަ ނިމުނީ. ދެން ވާނެތޯ، ނުވާނެތޯ ބަލައި މީތި އަނބުރައި ފުރޮޅައި ގާނާ ހަދާކަށް ކޮންމެހެން ނުޖެހޭ،" ފަލާހަށް ރައްދު ދެއްވައި ގަފޫރު ވިދާޅުވި އެވެ.
"ރައްޔިތުން ކުރިމަތީ ތިމަންނާ [އިޒްރޭލް ޕާސްޕޯޓު] މަނާ ކުރާމޭ ބުނެފައި ދެން އޭތި އެނބުރޭތޯ މިއުޅެނީ. އެއީ މި ކުރާ ކަމަކީ. ކުރެވޭ ކަންތައް ކުރާ ނަމޭ ރައްޔިތުން ކައިރީ ބުނަންވާނީ. އޭރުން ކަންކަން ސާފުވާނީ."
ކޮމެންޓް (2)
ހިނަމަން
ސަމާހް