އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ބަޔަކު އަޑުއުފުލަނީ (ފޮޓޯ/ ނަވިން ސައީދު)
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ: ޕީއެންސީ
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް، ހުއްޓުމެއް ނެތި ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ޕީއެންސީއިން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީއިން ރޭ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރުނު އިރު، ބިލުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އިއްޔެ ބޭރުކޮށްލުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ތަފްސީލް - އެކަމަކު ޕީއެންސީއިން ބުނީ:
-
އެމްޑީޕީގެ ފަރާތުން ހުށަހެޅި، 'އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލް އަވަސްކުރުމަށް ބާރު އެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރު' ބަލައިނުގަތުމަށް ނިންމީ އެކަމުގައި އެމްޑީޕީގެ އިހްލާސްތެރިކަން ނެތުމުން
-
އެމްޑީޕީގެ އަސްލު މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރަން ހުރި ގިނަ މަސައްކަތުގެ ވަގުތު ބޭކާރުކޮށްލުން
ޕީއެންސީއިން ބުނި ގޮތުގައި، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް، އެކަމާ ގުޅޭ މާހިރުންގެ ލަފަ އާއި އިރުޝާދާ އެކު ކުރިއަށް ގެންގޮސް، ތާވަލާ އެއްގޮތަށް ނިމޭނެ އެވެ.
އެނގުން މުހިއްމު - ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރަށް، ސަރުކާރާ އެއްކޮޅަށް ވޯޓު ނުދިން ދެ މެމްބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހިމެނިވަޑައިގަންނަވަ އެވެ.
އެ ދެ މެންބަރުންގެ އިތުުރުން ވެސް ވޯޓުގައި ބައިވެރިވެ ނުވެ ޖަލްސާގައި ޕީއެންސީ މެންބަރުން ތިއްބެވި އެވެ.
އެމްޑީޕީގެ ފަރާތުން އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ގުޅުން ހުރި - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ބިލެއް ވެސް ހުށަހަޅުއްވާފަ އެވެ. އެ ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން 10 ޖޫންގަ އެވެ. އެ ބިލް އޮތީ ކޮމިޓީގަ އެވެ.
ކޮމެންޓް