މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް މަޖިލިސް ޖަލްސާއެއްްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
އޭއައިގެ އެހީގައި ހަދާފައިވާ ގާސިމްގެ ސްކޭމް ވީޑިއޯތަކެއް ދައުރުކުރަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ހަދާފައިވާ، ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސްކޭމް އޯޑިއޯތަކެއް ދައުރުކުރާތީ ސަމާލުވާން އޭނާ ރޭ އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ގާސިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ވީޑިއޯތަކުގައި، އޮފްޝޯ ޓްރޭޑްކުރުމަށާއި އިންވެސްޓްކޮށް، އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުއާމަލާތްތައް ދިވެހިންނަށް އޭނާ ހޯއްދަވައިދޭ ކަމަށް ދައްކުވައިދީފައި ހުރެ އެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކު މެދުވެރި ސްކީމް ފައިދާ ލިބޭނެކަމަށް ވެސް ބަޔާންކޮށްފައި ހުރެ އެވެ.
ތަފްސީލް - މި ވީޑިއޯ އަދި އޯޑިއޯތައް ގިނައިން ޕޯސްޓްކޮށްފައި، ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގަ އެވެ. އެހެންވެ، ގާސިމް ވަނީ، މީހުންނަށް އޮޅުވާލައި 'ޒަމާނީކޮށް' ކުރަމުންދާ މި ސްކޭމްތައް، އެކި ވައިބާ ގްރޫޕާއި ވަޓްސްއެޕް ގުރޫޕުތަކުގައި ނުފެތުރުމަށް އެދިވަޑައިގެންފަ އެވެެ.
"މި ފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަދަ ބައެއް ވީޑިއޯތަކަކީ ހަގީގަތެއް ކަމަށް ހީކޮށް، ބައެއް ފަހަރު އެ ކްލިޕްތައް އޭނާއަށް ފޮނުވާ ކަމަަށެވެ. އެހެންވެ، އެއީ ހަގީގަތެއް ނޫންކަމަށާއި އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ، ދަށުދަރަޖައިގެ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
އެނގުން މުހިންމު - އޮޅުވާލައިގެން ފައިސާ ހޯދުމަށް، ސޯޝަލް މީޑިއާގައި މި ފަދަ ގިނަ އަމަލުތައް ހިންގަ އެވެ. އަދި ބައެއް މީހުން އެ ފަދަ މަޅީގައި ޖެހެ އެވެ.
ކޮމެންޓް