އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތް މަޖިލިސް މެންބަރުން ބަލާލަނީ (ފޮޓޯ/ މަޖިލިސް)
މިއީ ރައްޔިތުންނާއި މެމްބަރުންގެ އަޑު ކަނޑުވާލާ ބަޖެޓެއް: މެމްބަރު އަބްދުއްރަހުމާން
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ވަކިވަކި ރަށްރަށަށް ކޮށްދޭނެ ކަމެއް ބަޔާންކޮށްފައި ނެތުމަކީ އަތޮޅުތެރޭގެ މެމްބަރުންނާއި ރައްޔިތުންގެ ބާރާއި އަޑު ކަނޑުވާލުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ބަހުސްގައި މެމްބަރު އަބްދުލް ރަހްމާން ފާހަގަކުރެއްވި މައިގަނޑު އެއް ކަންބޮޑުވުމަކީ ބަޖެޓުގައި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ނެތުމެވެ. މިއީ މީގެ ކުރިން ހުށަހެޅި ބަޖެޓުތަކުގައި ހިމެނޭ ކަމެކެވެ.
ބުނީ ކީކޭ؟ - "ރަށްރަށަށް އޮތީ ކޮން ކަމެއްކަން މި ބަޖެޓުގައި ބުނެދެވިފައި ނެތުން. މިއީ ސީދާ އަޅުގަނޑުމެން ފަދަ ރާއްޖޭތެރޭގެ އެމްޕީންގެ ބާރު ކަނޑުވާލުން ކަމުގައި އަޅުގަނޑު ދެކެން. ރައްޔިތުންގެ އަޑު ކަނޑުވާލުން،" މެމްބަރު ވިދާޅުވި އެވެ.
"2025 ވަނަ އަހަރުން ފެށިގެން މަޖިލިސް މެމްބަރަކު އެ ދާއިރާއެއްގައި އޮތީ ކޮން ކަމެއްތޯ ނޫންތޯ ބަލައި ކުރެވޭނެ ސުވާލެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ."
ތަފްސީލު - ބަޖެޓު މިހާރު ހުށަހަޅާފައި އޮތް ގޮތުން މެމްބަރު ވިދާޅުވީ "ކެބިނެޓުގެ ހެޔޮފުޅުކަމުން އެ ބޭފުޅުން މާލެ ނޫން ސަރަހައްދެއް މި ގައުމުގައި އޮތް ކަމަށް ހަނދުމަފުޅު ބަހައްޓަވައިގެން ކަމެއް ކޮށްދިނިއްޔާ" ނޫން ގޮތަކަށް އަތޮޅުތަކަށް ކަމެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަޖިލިސް މެމްބަރުން ތިބެން ޖެހޭނީ އެ ބޭފުޅުން ބުނާ ގޮތަށް ބަޓަނަށް އޮބަންކަން އަޅުގަނޑަށް ޔަގީން. މިއީއެއް ނޫން މި މަޖިލިސް ފަންކްޝަން ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި ކަމެއް - ވަކިވަކި ރަށްރަށުގެ މަޝްރޫއުތަކުގެ ތަފްސީލު ނެތުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ބަޖެޓު ބަހުސްގައި އެކަން ދިފާއުކުރައްވާފަ އެވެ.
ޕީއެންސީގެ މެމްބަރުން ވިދާޅުވާ ގޮތުގައި، މަޝްރޫއުތަކުގެ ތަފްސީލު ނެތަސް ކޮންމެ ރަށެއްގެ މަޝްރޫއުތަކަށް ޖުމުލަ އަދަދެއް ވަނީ ޖަހާފަ އެވެ. ތަފްސީލު ޖަހާ ގޮތަށް އޮތުމުން ރާއްޖޭގެ މާލީ ހާލަތާ ނުބައްދަލު ވަރަކަށް ބަޖެޓު އަރައިގެންދާ ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ރަށްރަށުގައި ހިންގާ މަޝްރޫއުތައް ރައީސް ވިދާޅުވެފައި އޮތުމުން ބަޖެޓުގައި އެ މައުލޫމާތު ހިމަނާފައި ނެތުމަކީ މައްސަލައެއް ނޫނެވެ.
ކޮމެންޓް