ގަަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގުރައިދޫގައި ހިންގި އޮޕަރޭޝަނުގައި މީހުންނާ ސުވާލުކޮށް، ބައެއް މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންނަނީ
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވާލައިފި
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ، 5،000އެއްހާ ބިދޭސީން މިދިޔަ އެއް އަހަރުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޭ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް، އިމިގްރޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި އިތުރުވެ، ގައުމުގެ އެންމެ ބޮޑު އެއް މައްސަލައަށް އެކަން ވެފައިވާ ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ވަނީ، އެތަނުގެ އަމާޒަކީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ގައުމަށް ފޮނުވާލުން ކަމަށް ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހްސާން ވަނީ، އެކަން ހާސިލްވެފައިވާކަން އިއުލާން ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޑީޕޯޓު ކުރީ ގަވައިދާ ހިލާފަށް ރާއްޖޭގައި ކުދި ވިޔަފާރިކޮށް، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުންނެވެ. އެ އެންމެން ވެސް ގައުމަށް ފޮނުވާލީ، ހައްޔަރު ކުރިތާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިމިގްރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި ޑީޕޯޓު ކުރި މީހުންގެ ތެރޭގައި ހިމެނެނީ:
-
އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންދިޔުމަށްފަހު އަނބުރާ ފޮނުވާލި މީހުން
-
އަމިއްލަ އަށް ބޭނުންވެގެން ފުރުވާލި މީހުން
-
ރާއްޖެއިން ފުރަން ނޯޓިސް ދިނުމަށްފަ ހު އެ މުއްދަތުުގެ ތެރޭ ރާއްޖެ ދޫކޮށް ފުރި މީހުން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ 'ކުރަނގި އޮޕަރޭޝަން'ގެ ބައެއް މައުލޫމާތުތައް ވެސް މިނިސްޓަރު ރޭ ހިއްސާ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެ އޮޕަރޭޝަންގެ ދަށުން، 10،000 ބިދޭސީންގެ މައުލޫމާތު ހިމެނޭ 'ބަޔޯމެޓްރިކްސް' ނަގާފައިވާ ކަމަށެވެ. އަދި އަމާޒަކީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމުގައި ވިދާޅުވި އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ގޮތުން މިނިސްޓަރު ކުރިން ވިދާޅުވީ ކުރަނގި އޮޕަރޭޝަނުގެ ފުރަތަމަ އަހަރުގައި، ރާއްޖޭގައި އުޅެނީ ކޮން ގައުމެއްގެ ކިތައް ބިދޭސީންކަން ދެނެގަނެވޭނެ ކަމަށެވެ. އަދި އެމީހުން މަސައްކަތްކުރާ ތަނާއި ހަވާލުވެގެން ތިބި މީހުން ވެސް އެނގޭނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް