އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތް މަޖިލިސް މެންބަރަކު ބައްލަވަނީ: ތަނަވަސް މީހުންނަށް ޕެންޝަން ނުލިބޭ ގޮތަށް ހަމަޖައްސަން ބަޖެޓުގައިވޭ. (ފޮޓޯ/މަޖިލިސް)

ބަޖެޓް 2025

ތަނަވަސް މީހުންނަށް އަސާސީ ޕެންޝަން ނުލިބޭ ގޮތަށް ހަދަނީ

އެގޮތަށް އަމަލުކުރާނީ އަންނަ އޭޕްރީލުން ފެށިގެން
12 ނޮވެމްބަރު 2024
2

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ 5،000ރ.ގެ އަސާސީ ޕެންޝަން ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހަމަޖައްސައިފި އެވެ.

ވީކިހިނެއް؟ - ދިރިހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު މަތިވާނެ ކަމަށް ބެލެވޭތީ، އަހަރަކަށް ފަހު އަހަރެއް ދައުލަތުން އަސާސީ ޕެންޝަނަށް ކުރާ ހަރަދު ބޮޑުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީން ލަފާ ކޮށްފައިވާ ގޮތުގައި:

  • ޖީޑީޕީގެ ނިސްބަތުން ޕެންޝަނަށް ކުރާ ހަރަދު މިހާރު %1އަށް ވުރެ ކުޑަކޮށް ހުރި ނަމަވެސް ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެއަށް ވުރެ އިތުރުވާނެ

  • 2055 ވަނަ އަހަރަށް ޖީޑީޕީގެ ނިސްބަތުން އެ އަދަދު ހުންނާނީ %2.8ގައި؛ އެއީ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ

މި ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް، ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި މި ޕެންޝަން ދިނުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ. އެ ގޮތަށް އަމަލުކުރަން ފަށާނީ އަންނަ އޭޕްރީލުން ފެށިގެންނެވެ.

ނަމަވެސް އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ އެންމެ މަތިން ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ބުނެފައެއް ނެތެވެ.

މީގެ އިތުރުން، ވަޒީފާއިން ރިޓަޔާވެގެން ލިބޭ ޕެންޝަނާއި ދައުލަތުން ދޭ އަސާސީ ޕެންޝަން ވެސް ލިބޭ މީހުން ގިނަވެ، ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް (2)

profile-image-placeholder

ބެއްޔާ

12 ނޮވެމްބަރު 2024
އަހަރެންނަށް ކިތަންމެގިނަ ލާރިއެއްލިބުނަސް، އަހަރެންގެ މުސާރައިން ޕެންސަނަށޭކިޔާފަކެނޑި ލާރިއަހަންނަށް ދޭންޖެހޭނެ

ޙިރިގާ

12 ނޮވެމްބަރު 2024
@ބެއްޔާ އަސާސީ ޕެންޝަނަކީ މުސާރައިން ކަނޑައިގެން ޖަމާކުރި އެއްޗެއް ނޫނެއްނު ދޯ

އިތުރު އާޓިކަލް

އިތުރު އާޓިކަލް