އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދު
އަލީ ހަމީދު ކުންފުންޏަށް 44 މިލިޔަން ރުފިޔާ ދިން މައްސަލަ: 'ކޮރަޕްޝަނެއް ނޯންނާނެ'
ހުޅުމާލޭގައި އާސަންދަ ކުންފުނީގެ އިމާރާތް އަޅަން ހަވާލު ކުރި ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ސެޓްލްޓްމަންޓް އެގްރީމަންޓްގެ ތެރޭގައި 44 މިލިޔަން ރުފިޔާގެ އެހެން މަޝްރޫއެއް ދިނުމުގައި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި އާސަންދަ ކުންފުނިން ހަ ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް، 2016 ވަނަ އަހަރު ހަވާލުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަށެވެ. އެކަމަކު އެއްވެސް ގޮތަކަށް މަސައްކަތް ކުރިއަށް ނުދިޔުމުން، އެމްޑީޕީގެ ސަރުކާރުގައި ވަނީ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއަށް ވުރެ ބޮޑު މަޝްރޫއެއް ހަވާލުކޮށްފަ އެވެ. އަދި އެ މަޝްރޫއުގެ އެޑްވާންސް ފައިސާގެ ގޮތުގައި 44 މިލިޔަން ރުފިޔާ ދެ ފަހަރެއްގެ މަތިން އެ ކުންފުންޏަށް ވަނީ ދީފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޯތު ކޮސްޓަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލުގައި ހަ ބުރީގެ މަލްޓި ޕާޕަސް އިމާރާތެއް އެޅުމަށެވެ. އެ މަޝްރޫއުގެ ތަފްސީލަށް ބަލާއިރު:
-
ޕްރައިވެޓް ރޫމުތަކާއި އޮޑިޓޯރިއަމްއެއް ވެސް ހިމެނޭ ގޮތަށް އިމާރާތް އެޅުމަށް ކުންފުންޏަށް ހަވާލުކުރީ 2016 ވަނަ އަަހަރު. އެކަމަކު ބަޖެޓްގެ ދަތިކަމާ ހުރެ އެ މަސައްކަތް އޮތީ ހުއްޓިފައި
-
އެކަމަކު 2018 ވަނަ އަހަރު އެންގީ، ޖެހިގެން އޮންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނައި މަސައްކަތް ކުރިއަށް ދެވޭނެ ކަމަށް. ނަމަވެސް އާ ސަރުކާރާއެކު އާސަންދައިގެ މެނޭޖްމެންޓް ބަދަލުވުމުން އެކަން ވެސް ކުރިއަކަށް ނުދިޔަ
-
މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަށް ނުގޮސް އޮތުމުން ކުންފުންޏަށް ގެއްލުންވާތީ އެމްޑީޕީގެ ސަރުކާރުން ސެޓްލްމެންޓް އެގްރީމަންޓަކަށް ދާން ނިންމި. އެގޮތަށް ނިންމީ، ކުރީގެ މަޝްރޫއުން ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް ހުށަނާޅާނެ ކަމަށް އެއްބަސްވުމަށް ފަހުގައި
-
މަޝްރޫއުގެ ޖުމްލަ އަގުގެ 30.3 ޕަސެންޓް އެޑްވާންސް ފައިސާގެ ގޮތުގައި ލިބުނު. އެއީ، 44 މިލިޔަން ރުފިޔާ
މިދިޔަ ސަރުކާރުގައި އެމްޑީޕީއަށް ސޮއި ކުރި މެމްބަރުގެ ކުންފުންޏަށް ބޮޑު ފައިދާއެއް ދީފައިވަނީ ނުހައްގު ގޮތުގައި ކަމަށް ބުނެ، އެ މައްސަލަ ވަރަށް ބޮޑުވި އެވެ. މިދިޔަ ޖުލައި މަހު މާލިއްޔަތު ކޮމިޓީއިން ބޭއްވި ބައްދަލުވުމެއްގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އާސަންދަ ކުންފުނީގެ މަސައްކަތް ހުއްޓާލުމުން އެ ކުންފުންޏަށް ގެއްލުންވާނެ ކަމަށް ބެލެވެނީ 18 މިލިޔަން ރުފިޔާ ނަމަވެސް، އޭގެ ބަދަލުގައި 44 މިލިޔަން ރުފިޔާގެ މަޝްރޫއެއް ދިނުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
ތަފްސީލް - އެކަމަކު މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީއަށް ހަމީދު ހާޒިރުކޮށް ސުވާލު ކުރެއްވުމުން އޭނާ ވަނީ، އެކަމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ސެޓްލްމެންޓް މަރުހަލާގެ ތެރެއިން، އާސަންދަ ކުންފުނިން އެ މައުލޫމާތު އޭސީސީއަށް ހުށަހެޅުމުން އެތަނުން އަންގާފައިވަނީ ބަދަލު ދޭން ޖެހޭނެ ކަމަށް. އިންޑެޕެންޑެންޓް ލޯ ފާމަކުން ވެސް އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ދިން ލަފާގައި ވެސް ބުނެފައި އޮންނަނީ އަޅުގަނޑުމެންނަށް ބަދަލު ލިބެން ޖެހޭނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަދަލު ދިނުމުގެ ހުރިހާ މަރުހަލާއެއް ނިމިގެން ދިޔައިރު ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް، އެއްވެސް މުއައްސަސާއަކުން އަންގާފައިނުވާ ކަމަށެވެ.
ނޯތު ކޯސްޓާއި އާސަންދަ އެއްގަލަކަށް ނޭރި
ބަދަލުގެ ގޮތުގައި އެމްޑީޕީ ސަރުކާރުން ނޯތު ކޮސްޓަށް ހަވާލުކުރީ އާސަންދަ ކުންފުނީގެ 10 ބުރީގެ އިމާރާތް ކުރުމުގެ މަސައްކަތުގެ މަޝްރޫއެވެ. އެކަމަކު ތިން އަހަރުގެ ތެރޭގައި ނިންމަން ޖެހޭއެ މަސައްކަތް ހަވާލު ކުރިތާ އެއް އަހަރު ވީއިރު ވެސް، އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް ވިދާޅުވެ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިއާ ވަރަށް ބޮޑަށް ޝަކުވާ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުދިޔުމެވެ. ޒީނިއާ ވިދާޅުވީ:
-
ނޯތު ކޯސްޓާއެކު މަސައްކަތް ކުރުމަށް، ތިން ފަހަރެއްގެ މަތިން ކޮންސަލްޓަންޓެއްގެ އެހީ ހޯދި
-
އެކަމަކު ކޮންމެ ފަހަރަކު ވެސް، ދެން ކުރިއަށް ނުދެވޭނެ ކަމަށް ބުނެ ކޮންސަލްޓަންޓް އިސްތިއުފާ ދޭ ކަމަށް
ޒީނިއާގައި ވާހަކައިން ދޭހަވާ ގޮތުގައި ކޮންސަލްޓަންޓް އިސްތިއުފާ ދެނީ، މުއާމަލާތުތަކުގައި ކުންފުނީގެ އެއްބާރުލުން ނުލިބޭތީ އެވެ.
"އަޅުގަނޑުމެންނަށް މިހާރު ޔަގީންކަމެއް ނެތް މި މަސައްކަތް ކުންފުންޏަށް ނިންމޭނެ ކަމާ މެދު ވެސް،" އޭނާ ވިދާޅުވި އެވެ.
ޒީނިއާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ހަމީދު ވިދާޅުވީ، ބިމެއް ހަވާލުކޮށް އިމާރާތް އަޅަން ބުނި ނަމަވެސް ވަގުތުން އެ މަސައްކަތް ނުފެށޭނެ ކަމަށާއި އެކަމަށް ގިނަ ހުއްދަތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެޗްޑީސީއިން ގިނަ ހުއްދަތަކެއް ހޯދަން ޖެހި، މަސައްކަތް ލަސްވެގެން ދިޔަ ކަމަށާއި އާސަންދައިން ކޮންސަލްޓަންޓެއް ހޯދަން ޖެހޭ ކޮންމެ ފަހަރަކީ ވެސް މަސައްކަތަށް އަންނަ ލަސްކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ގަސްތުގައި ލަސްކުރުމުގެ ނިޔަތެއް އެ ކުންފުނިން ނޯންނާނެ ކަމަށާއި ތާވަލާ އެއްގޮތަށް، ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމީދު ވަނީ މަޝްރޫއުގެ އެޑްވާންސް ފައިސާއާ މެދު އާސަންދައިން މައްސަލަ ޖައްސާތީ އެކަމަށް ވެސް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެ ފައިސާގެ އަދަދަކީ، ދެ އަގެއް ހުށަހަޅައިގެން، އާސަންދައިގެ ރުހުން ލިބިގެން ދީފައިޥާ އަދަދެއް ކަމަށެވެ. އަދި އެޑްވާންސް ފައިސާ ހޯދާފައިވަނީ ވެސް ފައިނޭންޝަލް ސެކިއުރިޓީ ބަހައްޓައިގެން ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި އެޑްވާންސް ޕޭމަންޓްގެ ސަބަބުން އަޅުގަނޑުމެން މާބޮޑު ރިސްކެއްގެ ތެރޭގައި މި ތިބީ. އަޅުގަނޑުމެންގެ މުދަލާއި ފައިސާއާ ހުރިހާ ސެކިއުރިޓީއެއް މި ހުރީ އާސަންދައަށް ދީފައި. މާދަމާ ކޮންޓްރެކްޓް ބާތިލް ކުރިޔަސް، އަޅުގަނޑުމެންގެ މުދަލާއި ފައިސާ ވެސް ގެއްލޭނެ." ހަމީދު ވިދާޅުވި އެވެ.
ކޮމެންޓް