ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާންއާ ރައީސް ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ސައުދީ ފަންޑާ އެކު ގުޅުން ބަދަހި ކުރެވޭނެ އާ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރައްވައިފި
ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާންއާ ރައީސް މުހައްމަދު މުއިއްޒު އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި ދެ ބޭފުޅުންގެ ބައްދަލުވުމެއް ބާއްވާފައި މި ވަނީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި އިއްޔެ ފެށި އަރަބް-އިސްލާމިކް ޖޮއިންޓް ސަމިޓްގެ ހަވާސާގަ އެވެ.
ތަފްސީލު- އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ:
-
ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ރާއްޖެ އާއި ސައުދީ ފަންޑާ އެކު މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެ ފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އާ ގޮތްތައް ހޯދުމާ ގުޅޭ ގޮތުން
-
އޭގެ އިތުރުން، ސައުދީ ފަންޑުގެ އެހީގައި މިވަގުތު ރާއްޖޭގައި ހިންގާ މުހިންމު މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވޭ
"ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ، މި މަޝްރޫއުތައް ވަގުތަށް ނިންމުމުގެ އަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި ނަތީޖާ ނެރެވޭ ފަދަ ތަރައްގީގެ މަސައްކަތްތަކަށް ދެ ފަރާތުން ވެސް އިހްލާސްތެރިކަމާ އެކު ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައި،" ރައީސް އޮފީހުގެ ވެބްސައިޓުގައި މި ބައްދަލުވުމާ ގުޅޭ ގޮތުން ބުނެފައިވެ އެވެ.
"ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ރާއްޖެ އާއި ސައުދީ ފަންޑުން ހިއްސާކުރާ އިގްތިސާދީ އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ދެ ފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުން."
ފާހަގަކޮށްލެވޭ ކަމެއް - ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑު ކުރުމުގެ މަޝްރޫއު ހިމެނެ އެވެ. ޓާމިނަލްގެ ބައެއް މި އަހަރު ފަހުކޮޅު ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް