ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ވެރިކަމުގައި ރައީސް އަމަލު ކުރައްވަނީ ބައްޕާފުޅުގެ ފޮތަށް
ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ރައީސް މުހައްމަދު މުއިއްޒު ޕޯޑިއަމް ކައިރިއަށް ހުއްޓިވަޑައިގެންނެވީ ފޮތެއް ހިއްޕަވައިގެންނެވެ. އެ މަނިކުފާނު ދެން ވިދާޅުވީ ރޭ ދައްކަވަން އޮތީ ވަރަށް ސީރިއަސް މައްސަލައަކާ ގުޅޭ ވާހަކަތަކެއް ކަމުން، ވާހަކަފުޅު ދައްކަވާނީ އެ ފޮތަށް ރިއާޔަތްކުރައްވައިގެން ކަމަށެވެ.
"މިއީ އަޅުގަނޑުގެ ގައިޑް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"[ވެރިކަން ހިންގުމުގައި] މިއަދާ ހަމައަށް ވެސް އަޅުގަނޑު ބަލަމުން އައީ މިފޮތަށް."
އެއީ ރައީސްގެ ބައްޕާފުޅު، ދީނީ އިލްމުވެރިޔާ އަދި ޝަރުއީ ދާއިރާގެ ތަޖުރިބާކާރު ހުސައިން އަބްދުއްރަހްމާން ލިޔުއްވާފައިވާ 'ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަހްފޫމް' ފޮތެވެ. ފޮތް ލިޔުއްވާފައިވަނީ ވެރިކަމާއި ރައްޔިތުންނާ ވެރިންނާ އޮތް ގުޅުމާ ގުޅޭ ގޮތުން އަދި ވެރިންގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުންނެވެ. ހުރިހާ ވާހަކަތަކެއް ގެނެސްދެއްވާފައިވަނީ އިލްމީ، ދީނީ ނަޒަރަކުން، އިސްލާމީ ތާރީހަށް ރިއާޔަތްކޮށް، ރާއްޖޭގެ ގާނޫނާއި ގަވައިދުތައް ހިމެނޭހެންނެވެ. ރޭގެ މުޅި ޖަލްސާގައި ރައީސް ވާހަކަފުޅު ކުރިއަށް ގެންދެވީ ފޮތުން ތަންކޮޅުކޮޅު ކިޔުއްވައި އެ ތަފްސީރުކޮށްދެއްވައި އެކަމާ މިހާރުގެ ހާލަތު ގުޅުއްވާލައްވަމުންނެވެ.
ފޮތުގައިވާ ވާހަކަތަކަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާ ބޮޑު މޮޅެއް ނޫން ކަމަށާއި އެއީ ވެރިކަން ކުރާ މީހާގެ އަމިއްލަ މުދާގަނޑެއް ވެސް ނޫން ކަމަށެވެ. އެއާ ހިލާފަށް، ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި އަމާނާތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޝައްކެއް ނެތް. އިސްލާމް ދީނުގެ މަސްދަރުތަކުންނާއި ދުސްތޫރީ ނައްސުތަކުންނާއި ގާނޫނީ މުމާރަސާތަކުން ނޫނީ އާދަކާދައިގެ މަތިން އަމަލީ ގޮތުންނާއި ބުއްދި އާއި މަންތިގީ ހަމަތަކުގެ މަތިން ވެސް ކަނޑައެޅި ސާފުކޮށް އެނގޭ ގޮތުގައި ގައުމުގެ ހަގީގީ ވެރިފަރާތަކީ ރައްޔިތުންނެވެ،" ފޮތުން ރައީސް ވިދާޅުވެ ދެއްވި އެވެ.
ފޮތާ ހަވާލާދެއްވާ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންނަކީ ގައުމުގައި އެންމެ ހައިބަތު ބޮޑު، ގަދަރު އުފުލިގެންވާ ފަރާތެވެ. ވަލިއްޔުލް އަމްރަކީ ރައްޔިތުންގެ މަސްއޫލިއްޔަތު ބަލަހައްޓަން ހަވާލުކޮށްފައިވާ ހަވާލުދާރެއް، ވަކީލެއް އަދި ހާދިމެކެވެ. އެހެންވެ، އެކަން އޭނާގެ ހުރިހާ މުއާމަލާތަކާއި އަމަަލަކުން ވެސް ފެންނަންވާނެ ކަމަށާއި ރައްޔިތުންގެ މައްޗަށް ނަފްސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑާކަން ދައްކައި އެ މީހުން ނިކަމެތިކޮށް އަޅުދާސްތުކުރަން ހެޔޮނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ. އަޅުގަނޑު ގަބޫލު ކުރަނީ އެ ގޮތް. އެގޮތުގެ މަތިން މަސައްކަތް ކުރެވޭތޯ މިދިޔަ އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރީ. މިދިޔަ 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތް ކުރީ ރައްޔިތުންގެ ފަޅީގައި ހުރެގެން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބައްޕާފުޅުގެ ފޮތުން މިސާލު ނަންގަވައި ރައްޔިތުންނަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެވޭތޯ މިދިޔަ ދުވަސްތަކުގައި ބެއްލެވި އެވެ. އަމަލު ކުރެއްވީ، ފޮތުގައިވާ ގޮތަށް، ވެރިކަމަކީ ވަރަށް ބުރަ އަދި ބޮޑު އަމާނާތެއްގެ ގޮތުގައި ދެކިގެން، ހުތޫރަތްތެރި ޒިންމާއެއްކަމަށް ދެކިވަޑައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެގޮތުގެ މަތިން، ގިނަ ދުވަސްތަކެއް ވާންދެން އަތްނުލެވި ހުރި ގިނަ މައްސަލަތަކެއް ހައްލު ކުރެވޭތޯ ބެއްލެވި އެވެ. ފަސޭހައަކަށް، 'ކޮމްފޯޓް ޒޯނު'ގައި ތިބުމަށްޓަކައި ޒަމާންތަކެއް ވާންދެން އަޅާނުލާ ހުރި ގިނަ މައްސަލަތަކެއް ނެންގެވި އެވެ. އެއީ، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެގެން، ރައްޔިތުންގެ މައްސަލަތައް ހައްލު ކުރަން ޖެހޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމައި ޑްރަގްގެ މައްސަަލަތަކާއި ގޭންގު މާރާމާރީގެ މައްސަލަތައް ހައްލުކުރުމަށް ތެދުވީ. އެހެންވެ، ވޭޕް މަނާކުރަން ނިންމީ. ބޭހުގެ މާފިޔާ ނައްތާލަން ތެދުވީ. އެހެންވެ، ވަކި ބައެއްގެ އަތްދަށުގައި އޮތް ޑޮލަރުގެ ކަޅުބާޒާރުގެ ވިޔަފާރި ނިމުމަކަށް ގެނެސް، ރައްޔިތުންނަށް މުއްސަނދިކަން ގެންނަން ނިންމީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ފަދަ އުނދަގޫ، ބުރަ ގިނަ މައްސަލަތަކެއް ނެންގެވީ ރައްޔިތުންގެ ފަޅީގައި ހުންނަވައި ރައްޔިތުންނަށް ހިދުމަތްކޮށްދެވުމުގެ ގޮތުންނެވެ. އެހެންވެ، އުއްމީދަކީ ރައްޔިތުން ވެސް އެކަމުގައި އެ މަނިކުފާނާ އެކު ސާބިތުވެ ތިއްބެވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޮމެންޓް (4)
ޙަސަންތަކުރުބެ
ރައްޔެތުމީހާ
ހިމާރުލްގައުމު
ހިރިގާރީ