2022 ގައި އޮތް ނެޝަނަލް ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގައި މީހަކު ވާދަކުރަނީ. މީގެ ބައިނަލްއަގްވާމީ މުބާރާތް ރާއްޖޭގައި ބޭއްވި ގޮތާމެދު ގިނަ ބަޔަކު ވަނީ ފާޑުކިޔާފައި
ބޮޑީބިލްޑިން މުބާރާތް ބޭއްވުނު ގޮތާ މެދު ޖަމިއްޔާއިން މާފަށް އެދިއްޖެ
މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ބޮޑީބިލްޑިން މުބާރާތް ބޭއްވި ގޮތާމެދު ބައެއް މީހުން ނުރުހުން ފާޅުކުރަން ފެށުމުން، ބޮޑީބިލްޑިން އެސޯސިއޭޝަނުން މިއަދު އެކަމަށް މާފަށް އެދިއްޖެ އެބެ.
ވީ ކިހިނެއް؟ - ކެނެރީފް ރިސޯޓުގައި ރޭ ފެށި، 'ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކްސް ޗެމްޕިއަންޝިޕް 2024'ގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ.
އެންމެ ބޮޑު ކަމެއްގެ ގޮތުގައި މީހުން ފާހަގަ ކުރީ:
-
ނިވާކަން ކުޑަ ހެދުމުގައި ދެ ޖިންސްގެ މީހުން އެކުގައި ސްޓޭޖްމަތީގައި ވާދަކުރުން
-
އެ ފަދަ މުބާރާތެއް ފެށުމުގެ ކުރިން ގުރުއާން ކިޔެވުން
ބުނީ ކީކޭ؟ - ބޮޑީބިލްޑިން އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ފަދަ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ހޮސްޓް ކުރަން މަސައްކަތް ކުރީ، ރާއްޖޭގެ ނަން ބައިނަލްއަގްވާމީ ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަކުރުމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ޓޫރިޒަމަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނި ގޮތުގައި:
-
މުބާރާތް ރާއްޖޭގައި ހޮސްޓް ކުރުމުގެ ފުރުސަތު ލިބުނީ، ވަރަށް ދުރާލާ މަސައްކަތްކޮށްގެން، އެހެން ގައުމުތަކާ ވާދަކޮށްގެން ކަމަށް
-
މުބާރާތް ބާއްވަން ކޮންޓްރެކްޓް ހެދުމަށް ފަހު، ކެންސަލްކޮށްފި ނަމަ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި މާލީ ގޮތުންނާއި އެހެން ގޮތްގޮތުން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށް ފަހު މުބާރާތް ބޭއްވުމަށް ނިންމީ ކަމަށް
-
މުބާރާތް ބޭއްވީ ވެސް، ޓޫރިސްޓުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭ ރިސޯޓެއްގައި ކަމަށް
"އަދި ދަންނަވަމެވެ. ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް މުބާރާތް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު މުބާރާތާ ގުޅޭގޮތުން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އާއްމުންގެ ކަންބޮޑުވުން ހުރުމާއެކު، ރައީސް އާއި ރައްޔިތުންގެ ކިބައިން މާފަށް އެދެމެވެ،" އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.
"އަދި މުސްތަގްބަލުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ."
ބައިނަލްއަގްވާމީ މި މުބާރާތް ރާއްޖޭގައި އިތުރަށް ކުރިއަށް ގެންދާނެ ކަމާ މެދު އެ ޖަމިއްޔާއަކުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެނގުން މުހިންމު - ދުނިޔޭގެ އެކި ގައުމުތަކުން މީހުން ބައިވެރިވި މި މުބާރާތުގެ މައްސަލަ އެހާ ބޮޑަށް ހޫނުވީ، ރީތީގެ މުބާރާތް، 'މިސް ޔުނިވާސް'ގައި ރާއްޖޭގެ ނަމުގައި ދިވެއްސަކު ބައިވެރިވުމުން ސަރުކާރުން އެކަން ކުށްވެރިކޮށްފައިވުމާ އެކު، ފިރިހެނުންގެ އެ ފަދަ މުބާރާތް ރާއްޖޭގައި ބާއްވާތީ އެކަމަށް ސަރުކާރުން ބަހެއް ނުބުނާތީ ފާޑުކިޔުން އިތުރުވެފައިވާތީ އެވެ.
ކޮމެންޓް (2)
ޔާނާ
ހާޒިރީ