ދިގުރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ދިގުރަށު މަރު: ދޯނީގެ ކްރޫއިންނަށް ވެސް ލިބުނު ސިހުމެއް
އދ. ދިގުރަށް ކައިރިން އެކްސްކާޝަނަށް ދިޔަ ދޯންޏަކުން ފުންމާލި ސިންގަޕޫރުގެ އަންހެން ކުއްޖެއްގެ ގައިގައި ދޯނީގެ ބުރަފަތިން ޖެހި މަރުވި ހާދިސާއާ ގުޅިގެން، ދޯނީގެ ފަޅުވެރިންނަށް ކުއްލި ސިހުމެއް ލިބިފައިވާ ކަަަމަށް، އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
ވީ ކިހިނެއް؟- އިއްޔެ ހެނދުނު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ، ވޭލް ޝާކްގެ ދިރާސާއަކަށް ސިންގަޕޫރުން އައިސް އުޅުނު 15 އަހަރުގެ އަންހެންކުއްޖެކެވެ. ސިންގަޕޫރުގެ އެސްޓީ ޖޯސެފްސް އިންސްޓްޓިއުޓް (އެސްޖޭއައި)ގައި ކިޔަވާ އެ ދަރިވަރު ރާއްޖެ އައީ، ސްކޫލުގެ ޕްރޮގްރާމެއްގަ އެވެ.
ދިގުރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ސްކޫލު ކުދިން ގޮވައިގެން ކުރި އެ ދަތުރުގައި ދޯނީގެ ކައްޕިއާ އެކު އިތުރު ދެ ފަޅުވެރިން ބައިވެރިވި އެވެ. އެ ހާދިސާއަށް ފަހު އެ އެންމެން ވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އެ މީހުން ބުނެ އެވެ.
"އަދިވެސް އެ މީހުންނަށް ރަނގަޅަށް ވާހަކަ ނުދެއްކޭ. އެ ވާހަކަ އެހިޔަސް ރޮއެގަންނަނީ،" ދިގުރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ދޯނީގެ ފަޅުވެރިންނާ ގާތް މީހަކު 'ދައުރު'އަށް ބުނިގޮތުގައި އެ ހާދިސާގައި އެ މީހުންގެ އިހުމާލެއް ނެތެވެ. ކުއްޖާ މޫދަށް ފުންމާލީ، ފުންމާނުލުމަށް ތަކުރާރުކޮށް ބުނެބުނެ ހުއްޓާ ކަމަށް އޭނާ ބުންޏެވެ.
"ދަތުރުގެ ވަކި ހިސާބަކުން އެ މީހުންނަށް ފެންނަނީ ވަރަށް ރީތި މަންޓާތަކެއް. ދެން ކުދިންނަށް އެ ރަނގަޅަށް ދައްކާލަން ވެގެން ދޯނި ފަހަތަށް ޖެހީ. އޭރު ކްރޫއިން ތަކުރާރުކޮށް ބުނަމުން ދިޔަ އެއްވެސް ކުއްޖަކު ފުންމާނުލުމަށް،" 'ދައުރު'އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެކަމަކު އެތަނުން އެއް ކުއްޖަކަށް ނުހުރެވިގެން، މަންޓާތަކުގެ ތެރެއަށް ފުންމާލީ. ހަމަ ފުންމާލުމާ އެކު ބުރަފަތި ދަށަށް ދަމައިގެންފި،" އެ ދޯނީގެ ހުންގާނު ހުންނަނީ ކުރީގަ އެވެ.
އަދި ކައްޕިއަށް އެ ކުއްޖާ ޒަހަމުވިކަން އެނގުނީ ވެސް، އެ ކުއްޖާ ބުރަފަތީގައި ޖެހި ދޯނީގެ އިންޖީނު ހުއްޓުމުން ކަމަށް އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
ކުރިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ބުރަފަތީގައި ޖެހުމާއެކު ކުއްޖާ ވަރަށް ބޮޑަށް ޒަހަމްވި އެވެ. ބުރަފަތިން ހަށިގަނޑުގައި ޖެހުނު ކޮންމެ ތަނެއް ވެސް ހުރީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ އެވެ.
ދިގުރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް އާސިފް އިއްޔެ ވިދާޅުވި ގޮތުގައި އެތަނަށް ކުއްޖާ ގެންދިޔައިރު ވެސް ގަޔަކު ވިންދެއް ނެތެވެ.
"ރަށާ ކައިރިން އެ ހާދިސާ ހިނގީ. ދޯނި ލެފިއިރު ވެސް ވިންދު ނެތް ކަމަށް ގަބޫލުކުރެވެނީ. އެމްބިއުލާންސްގައި ސިއްހީ މަރުކަޒަށް ގެނެސް އީސީޖީ ހެދިއިރު [ވިންދެއް] ނެތް." އޭނާ ވިދާޅުވި އެވެ.
ދިގުރަށުން ބުނިގޮތުގައި ފަޅުވެރިންނަށް އެހާބޮޑަށް ނަފްސާނީ ގޮތުން އަސަރުކުރީ، އެ މަންޒަރު ކައިރިން ފެނުމާއި ކުއްޖާއަށް ވެފައި އޮތްވަރު ފެނުމުންނެވެ.
ސިންގަޕޫރު ނޫސްތަކުން ރިޕޯޓު ކުރާގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ ޖެނާ ޗެން ކިޔާ ކުއްޖެކެވެ. އޭނާ ރާއްޖެ އައީ، ސްކޫލުގެ ސާނަވީ ގްރޭޑްގެ، 'ނެޝަނަލް ޔޫތު އެޗީވްމެންޓް އެވޯޑް'ގެ ދަށުން، ހިންގާ ޕްރޮގްރާމެއްގަ އެވެ. މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ވެސް އެ ސްކޫލުގެ ދަރިވަރުން ރާއްޖެ އަ އެވެ.
'ދައުރު'އަށް ޔަގީންވެފައިވާ ގޮތުގައި އަދި އެ ގައުމުގެ ނޫސްތަކުން ވެސް ރިޕޯޓު ކުރާގޮތުގައި އެ ހާދިސާ ހިނގައި ދިޔަގޮތް ބެލުމަށް، ސިންގަޕޫރުގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ޖެނާގެ އާއިލާ އާއި ސްކޫލުގެ ބައެއް އިސްވެރިން ވެސް ރާއްޖެ ވަނީ އައިސްފަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ކޮމެންޓް