މުހައްމަދު އިބްރާހިމް (ކުޑޫ) 'ދައުރު'އަށް އިންޓަވިއުއެއް ދެނީ: އޭނާ ވަނީ ރާއްޖޭގެ މާހައުލުގައި މީގެ ކުރިން ނޫޅޭ ބާވަތްތައް އާލާވެ، އޭގެ ސަބަބުން ގެއްލުންތައް ކުރިމަތިވާތީ، އެކަން އެގްރިކަލްޗާ މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާފައި.
ރާއްޖޭގައި ނޫޅޭ ދިރޭތަކެތި މާހައުލަށް ދޫކޮށްލާތީ މިނިސްޓަރަށް ސިޓީއެއް
ރާއްޖޭގެ މާހައުލުގައި މީގެ ކުރިން ނޫޅޭ ދިރޭތަކެތީގެ ބާވަތްތައް އާލާވެ، އޭގެ ސަބަބުން ގެއްލުންތައް ކުރިމަތިވާތީ، އެކަން އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާގެ ސަމާލުކަމަށް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިނިސްޓަރަށް ފޮނުއްވި ސިޓީއެއްގައި ވަނީ، 'ނޮން-ނޭޓިވް' ނުވަތަ ރާއްޖޭގެ މާހައުލާ ގުޅުން ނެތް ބާވަތްތައް ރާއްޖެ އެތެރެކޮށް، ބައެއް ރަށްރަށުގައި ގިނަވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެއަށް ގެންނަ ބައެއް ކަހަލަ ތަކެތިން، ރާއްޖޭގައި ނޫޅޭ ބާވަތްތައް ތައާރަފްވާތީ އެކަން ފާހަގަ ކުރެއްވި އެވެ.
ތަފްސީލް - މެމްބަރު ކަންބޮޑުވުން ފާޅުކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ:
-
ކޮކޮނަޓް ހިސްޕިން ބީޓްލް
-
ވިލެޖް ވީވާ ބާޑް
-
އާ ވައްތަރެއްގެ ލުނބޯ
މުހައްމަދު އިބްރާހިމްގެ ސިޓީގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރުއްތަކުގައި މިހާރު އަޅަމުން އަންނަ ސޫތްޕެއް ކަމުގައިވާ، ކޮޮކޮނަޓް ހިސްޕިން ބީޓްލް ރާއްޖެ އެތެރެވެފައިވަނީ ރާއްޖޭން ބޭރުން އެތެރެ ކުރި ރުއްތަަކަކުންނެވެ. އަދި އޭގެ ސަބަބުން މިހާރު ދިވެހި ގިނަ ރުއްތަކެއް ހަލާކުވެ، މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ރާއްޖޭން ބޭރުން ގެންނަ ލުނބޯ ގަސް އިތުރުވެ، ދިވެހި ލުނބޯ އެއްކޮށް ހުސްވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ރަށްރަށުގައި މިހާރު އާލާކުރަމުން އަންނަ ދޫންޏެއް ކަމަށްވާ، ވިލެޖް ވީވާ ބާޑްގެ ސަބަބުން ވެސް، މާހައުލުގައި ދެން އުޅޭ ބާވަތްތައް ނެތި ދިޔުމުގެ ފުރުސަތު އޮތްކަމަށް، މާހިރުންނާ ހަވާލާދެއްވާ މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަދަ އަމަލުތަކުގެ ސަބަބުން، އާއްމުކޮށް ރާއްޖޭގެ މާހައުލުގައި އުޅޭ ދިރުންތައް ނެތިކޮށްލައި، ދަނޑުބިންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
މިކަންކަމުގެ ހައްލެއްގެ ގޮތުގައި އޭނާއަށް ފެނިވަޑައިގެންނެވީ، ރާއްޖޭގައި ނެތް އެކި ކަހަލަ ދިރުންތައް، ރާއްޖެ އެތެރެކޮށް މާހައުލަށް ދޫކޮށްލުން ގަވައިދަކުން ނޫނީ ގާނޫނަކުން މަނާކުރުމެވެ. އަދި މިހާރު އޮތް ގާނޫނާއި ގަވައިދުތަކުން އެކަން ކުރެވެން އޮތްތޯ އައްސަވައި، ނެތް ނަމަ ވީ އެންމެ އަވަހަށް އެކަން ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ސިޓީގައި އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ، އެކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ވާހަކަ ވެސް ދެންނެވީމެވެ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ކޮމެންޓް