ކުޅުދުއްފުށީ 'ސަމޭދާން' ގޭގައި ރޯވެ އަނދާހުލިވެފައި
ދިރިއުޅުން އަޅިއަށް؛ ޒިޔާދު ބުނަނީ މާޔޫސްނުވާ ކަމަށް
ހދ. ކުޅުދުއްފުށީ ސަމޭދާން ގޭގައި ހިފި ހުޅުގެ ދުންގަނޑު ފުރަތަމަ ފެނުނީ، ގެއާ މާދުރު ނޫން ހިސާބެއްގައި ހުންނަ އެ ރަށު ސްޓޭޑިއަމްގައި ކުޅެން ހުރި ޒުވާނަކަށެވެ. އެއީ، އެ ގޭގައި މިހާރު ދިރިއުޅޭ އަހުމަދު ޒިޔާދުގެ ކޮއްކޮ އެކެވެ. ފުލުހުންނަށް އެކަން އެންގުމަށް ފަހު، އެ ޒުވާނާ މިސްރާބު ޖެހީ މުޅި ގޭގައި ރޯނުވަނީސް އަލިފާންގަނޑު ނިއްވާލެވޭތޯ އެވެ.
އެކަމަކު އޭނާ ގޮސް، ގޭގެ ދޮރުވައްޓާލި ވަގުތު ދިމާވީ، ގޭގައި ރޯވި އަލިފާންގަނޑު ހުޅުފަޅައިގެން ދިޔަ ވަގުތަށެވެ. ދެން ހަމަ ބަލަބަލާ ހުއްޓާ ކުޑައިރުކޮޅެއްގެ ތެރޭގައި މުޅިގެ އަނދައި އަޅިއަށް ވެއްޖެ އެވެ.
އެއީ އެ ގޭގައި ދިރިއުޅެމުން އަންނަ ޒިޔާދުގެ ހުރިހާ މުދަލެކެވެ. އެކަމަކު އޭނާ ބުނީ އެކަމާ މާޔޫސްނުވާ ކަމަށެވެ.
"އަޅުގަނޑު ލައިގެން މި ހުރި އަންނައުނު ފިޔަވައި ދެން ހަމަ އެކައްޗެއް ވެސް އަތަކު ނެތް. އެކަމަކު އެކަމާ އަޅުގަނޑުމެންނަށް ދެން ކުރެވޭނީ ކީއްތޯ؟" ޒިޔާދު، 40، ބުންޏެވެ.
"މިކަމާ މާޔޫސްވެގެން ކުރެވޭނެ ކަމެއް ނެތް."
ރޭ ނުވައެއް ޖަހާ އެހާކަންހާއިރު، ސަމޭދާން ގޭގައި އަލިފާން ހިފި އިރު، ޒިިޔާދެއް އަދި ދެން އެގޭގައި ދިރިއުޅޭ އޭނާގެ ބޭބެއެއް ވެސް ގެޔަކު ނެތެވެ. އެހެންވެ، ސީދާ އަލިފާން ހިފީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެ އެވެ. ޒިޔާދު ލަފާ ކުރީ އެއީ ކަރަންޓު ޝޯޓަކުން ވީ ކަމެއް ކަމަށެވެ.
ތިން ކޮޓަރީގެ އެ ގެ ހަދާފައި ހުރީ ފިލައިންނެވެ. އެކަމަކު އެއާކޮންޑިޝަން ކޮށްފައި ހުރި ކޮޓަރި އާއި އަގުބޮޑު ސާމާނު ގޭގައި ހުއްޓެވެ. ސިޓިންރޫމުގައި ހުރި ސޯފާ އާއި ދެ އައިސްއަލަމާރި ހުއްޓެވެ. އިތުރު އެހެން ގިނަ ސާމާނުތަކާއެކު ރޯވި އަލިފާންގަނޑު ނިވުނީ ހުރިހާ އެއްޗެއް އަޅިއަށްވެގެންނެވެ.
ޒިޔާދު ބުނީ މުދަލަށް ވުރެ އޭނާއަށް ހިތްދަތިކަން ލިބުނީ ގެއާ ގުޅިފައިވާ ހަނދާންތައް ގެއްލުމުން ކަމަށެވެ. ގޭގެ އެހެން މެމްބަރުން އުޅުނު، އަދި އެ މީހުން ކުޑައިރު ލިބުނު ރިޕޯޓު ފޮތާއި ސެޓްފިކެޓްތަކާއި ޓްރޮފީތަކާއި އެހެން ހުރިހާ ސާމާނެއް އަނދައިގެން ދިޔުމުންނެވެ. އެއީ، އާއިލާގެ މެމްބަރުންގެ ގިނަ ހަނދާންތަކެއް ގުޅިފައިވާ ގެއެއް ކަމަށް އޭނާ ބުންޏެވެ.
ގެ އަނދައިގެން ދިޔުމުން، ހެޔަށް ގޮތްވެ ޒިޔާދުގެ ބޭބެއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އެކަމަކު ޒިޔާދުގެ ހާލު ރަނގަޅެވެ.
ދިރިއުޅުމަށް އެއްކުރި ހުރިހާ މުދަލާއި ސާމާނާއެކު އަނދައިގެން ދިޔުމުން އޭނާ އެކަން ދެކެނީ އެއީ ހަމަ ބަދުނަސީބު ހާދިސާއެއްގެ ގޮތުގަ އެވެ. ދެން ކުރަން އޮންނާނެ ކަމަކީ އަނެއްކާ ވެސް ގަދަ އަޅައި މަސައްކަތްކޮށްގެން، އެ މުދާތައް ހޯދުން ކަމަށް ބުންޏެވެ.
"އަޅުގަނޑު ހިތްވަރުކޮށްފައި ދެން އަނެއްކާ ވެސް މި ފަށައިގަތީ. އިރާދަކުރެއްވިޔާ ރަނގަޅުވާނެ. މުދާ ލިބޭނެ." އޭނާ ބުންޏެވެ.
ސަމޭދާން ގޭގައި އަލިފާންރޯވެ އަނދާ ހުލިވި އިރު، އެގެއާ ޖެހިގެން ހުރި 'ސިގްނަލް' ގޭގައި ވެސް މި އަހަރު ކުރީކޮޅު ވަނީ އަލިފާން ރޯވެފަ އެވެ. އެ ހާދިސާގައި ވެސް ގޭގެ ބޮޑުބައެއް، މުދަލާއެކު އަނދާހުލިވި އިރު، އަދިވެސް އެތަން ހުރީ އެގޮތަށެވެ.
ކޮމެންޓް (2)
ޏާޒިފް
ހިތަދޫ ހުސެން