އެމްއެމްސީގެ ރައީސް އަދި ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރު އަހްމަދު މުސްތަފާ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަނީ. (ފޮޓޯ/އެމްއެމްސީ)
މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާއަށް ޕީއެސްއެމްގެ ވަޒީފާ އަލުން ދީފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހުމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ރޭ ވަކިކުރުމަށް ފަހު ވަޒީފާ މިއަދު އިއާދަކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވާންދެން މަސައްކަތް ކުރައްވާފައިވާ މުސްތަފާ ވަޒީފާއިން ވަކިކުރި ސަބަބެއް އެ ކުންފުނިން ސީދާ ނުބުނި ނަމަވެސް، އެނގިފައިވާ ގޮތުގައި، އެކަން ގުޅިފައިވަނީ ބުދަ ދުވަހުގެ ރޭ އެމްއެމްސީއިން ބޭއްވި ނޫސްވެރިންގެ އެވޯޑު ހަފުލާގައި ދެއްކި ވީޑިއޯއަކާ އެވެ.
ޕީއެސްއެމްއިން ލައިވްކޮށް ދެއްކި އެ ހަފްލާގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު 'އަދަދު' ނޫހުގެ ޑޮކިއުމަންޓްރީއަކީ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު އުފެއްދުމެއް ކަމަށާއި އެ ވީޑިއޯގެ ތަންކޮޅެއް އެ ހަފްލާގައި ދެއްކީ ޕީއެސްއެމްއަށް ކުރިން އެންގުމަކާ ނުލައި ކަމަށް ބުނެ އެތަނުން ވަނީ ބަޔާނެއް ނެރެފަ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރި މައްސަލަ ކުންފުނީގެ ބޯޑަށް މުސްތަފާ ހުށަހެޅުއްވުމުން، އެ މައްސަލަ ބަލައި ވަޒީފާ މިހާރު ވަނީ އިއާދަ ކޮށްފަ އެވެ.
ފާހަގަކުރެވޭ - މުސްތަފާ މިރޭ ވަނީ، އެވޯޑް ހަފްލާގެ އެއްވެސް ކަމެއްގައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އޭނާގެ ސީދާ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
ވީޑިއޯއާ ގުޅޭގޮތުން ޕީއެސްއެމްއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ:
-
ޕީއެސްއެމްއިން ވަގުތުން ދައްކަމުންދިޔަ އެ އެވޯޑު ހަފްލާ އިންތިޒާމުކުރި ފަރާތުން ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދެއްކި
-
އެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ؛ ނަމަވެސް ފާހަގަކުރި ވީޑިއޯ އެ ހަފްލާގައި ދެއްކީ ކުރިން އެންގުމަކާ ނުލައި
އެނގުން މުހިއްމު - ޕީއެސްއެމްއިން ތުހުމަތުކުރި ގޮތުގައި މިއީ އެމްއެމްސީއިން ދުރާލާ ރާވައިގެން ގަސްތުގައި ކުރި ކަމެކެވެ. އަދި އެކަން ކުށްވެރިކޮށް، ޕީއެސްއެމްއިން ވަނީ އެ ކުންފުނީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ފަދަ އަމަލެއް އެމްއެމްސީއިން ހިންގާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ކޮމެންޓް