ދުންފަތް ބޭނުން ކުރުން މަނާކަން އަންގާ ނިޝާން ހަރުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ގާނޫނު ތަސްދީގުކޮށް ދުންފަތުގެ ޓެކްސް ބޮޑުކޮށްފި
މިއަދުން ފެށިގެން ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑު ކުރުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު އަމަލު ކުރަން ފަށާ އެ އިސްލާހުތަކާ ގުޅޭ ގަވައިދުތައް 30 ދުވަސް ތެރޭ ހަދައި ގެޒެޓުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ލާޒިމްކޮށްފައިވެ އެވެ.
ތަފްސީލް - ގާނޫނަށް ގެނައި އިސްލާހުގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް އަދި އިލެކްޓްރޯނިކް ސިިނގިރެޓުގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކާއި އެ އެއްޗެހީގެ ބައިބައިގެ ތަފްސީލު ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މިއަދުން ފެށިގެން:
-
ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިވާނެ؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ
-
ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިވާނެ
-
މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ؛ މިހާތަނަށް ފޮއްޓެއް ވިއްކީ 100ރ.އަށް ވުރެ ބޮޑު އަގެއްގައި
ގުޅުން ހުރި - ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީތައް މިއަދުން ފެށިގެން ބޮޑު ކުރި އިރު، އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ނިންމައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ވެސް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހް މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާވާނެ އެވެ.
ކޮމެންޓް