ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން ހުސައިން ޝަމީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ކުރީގެ ޕީޖީ ޝަމީމް: ގާނޫނީ ދާއިރާއިން ފެޔަށް ޖެހި ޓޫރިޒަމްގެ ދުނިޔެއަށް
ގާނޫނީ ދާއިރާއިން ފެއަށް ޖެހިވަޑައިގެން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޓޫރިޒަމް ދާއިރާއާ ގުޅިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟- ގާނޫނީ ދާއިރާގައި 20 އަހަރު މަސައްކަތްކުރެއްވުމަށް ފަހު ޝަމީމްގެ އާ ދަތުރު ފެއްޓެވީ ގެސްޓްހައުސް ވިޔަފާރީގައި މިހާރު އެންމެ ކުރީގައި އުޅޭ ކާނި ހޮޓެލްސްގަ އެވެ. އޭނާއަކީ މިހާރު ކާނި ހޮޓެލްސް ގްރޫޕްގެ ޖެނެރަލް މެނޭޖަރެވެ.
ތަފްސީލު- 'ދައުރު'އާ ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ގާނޫނީ ދާއިރާގައި ކުރައްވާނެ އާ ކަމެއް ނެތް ކަމަށެވެ. އެހެންވެ ފުރުސަތެއް ލިބިވަޑައިގެންނެވުމުން އާ ދާއިރާއެއް ތަޖުރިބާ ކުރައްވަން ބޭނުންވީ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ދާއިރާ އެއްކޮށް ދޫކޮށްލެއްވުމެއް ނޫނެވެ.
"ކުދިކުދި މައްސަލަތަކެއްގައި ދެން އަޅުގަނޑު ނޫޅޭނަން. އެކަމަކު އާއްމު މަސްލަހަތާ ގުޅުން ހުރި ބޮޑު ކަމެއް އަތުވެއްޖެ ނަމަ އެކަމުގައި އުޅޭނަން،" ޝަމީމް ވިދާޅުވި އެވެ.
"ނަމަވެސް މިހާރު އަޅުގަނޑުގެ މުޅި ފޯކަސް ހުރީ ހޮސްޕިޓާލިޓީ ދާއިރާއަށް."
އެނގުން މުހިއްމު- ކާނި ހޮޓެލްސްއަކީ ލޯކަލް ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި އެއް ތަނަކީ ވެސް އެ އެވެ.
ކާނި ހޮޓެލްސްގެ ދަށުން ކ. މާފުށީގައި ހަތަރު ގެސްޓްހައުސްއެއް ހިންގަމުން އަންނަ އިރު އެ ރަށުގަ އާއި އއ. އުކުޅަހުގައި ހޮޓާތަކެއް އެޅުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އޭގެ އިތުރުން ވ. އަތޮޅުގައި ރިސޯޓެއް ހަދަން ވެސް ވަނީ ނިންމާފަ އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ކާނި ހޮޓެލްސްގައި އޭނާގެ ޒިންމާއަކީ، މުޅި ވިޔަފާރީގެ އޮޕަރޭޝަންގެ ކަންކަން ބެލެހެއްޓެވުމެވެ.
"ވަރަށް ޝައުގުވެރި ކަމެއް މިއީ. ހަގީގަތުގައި އަނެއްހެން މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ވެސް 80 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައި މި ބުނަނީ، މީގެން މެނޭޖްކޮށް، މި ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދޭށޭ. ހަމަ އެގޮތަށް މި ވިޔަފާރީގެ ވެރިން ވެސް ބަޖެޓެއް ކަނޑައަޅާފައި މި ދެނީ، ވަކި ކަހަލަ ހިދުމަތްތަކެއް ޑެލިވާ ކުރަން."
ޝަމީމް ވިދާޅުވީ ގާނޫނީ ދާއިރާގައި 20 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ދާއިރާ ބަދަލުކޮށްލެއްވީ އަމިއްލަ ނަފްސުގެ ކުރިއެރުމާއި ތަރައްގީ ހޯއްދެވުމުގެ މަގްސަދުގައި ކަމަށެވެ.
ކާނި ހޮޓެލްސްގެ ވެރިންނަކީ ޝަމީމްގެ އަނބިކަނބަލުންގެ އާއިލީ މެމްބަރުންނެވެ.
ކޮމެންޓް (2)
ވޯލް
ތީނަ