ބަނދަރުމަތީގައި މި އެނބުރެނީ ކޮން ކާޅުތަކެއް؟
މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯ އެކެވެ؛ އޭގައި ފެންނަނީ ރޭގަނޑުގެ ވަގުތުގައި ރަށެއްގެ ބަނދަރު މަތީގައި މަޑުކޮށްލައިގެން ތިބި ކާޅުބައިގަނޑެކެވެ. ބަނދަރުމަތީގައި، ޖެޓީ ކައިރީގައި އެތައް ސަތޭކަ ކާޅުތައް އެއް އަޑަކުން ގޮވަމުން ދިޔައިރު ރޭގަނޑުގެ ހަމަހިމޭންކަން ވަނީ ގެއްލިފަ އެވެ.
އާއްމުގޮތެއްގައި ރޭގަނޑު ގަޑީގައި މިގޮތަށް ކާޅު ގޮވާ ނަމަ ގިނަ މީހުން އެކަން ގުޅުވާލަނީ ކޮންމެވެސް 'ސިހުރުވެރި' ކަމަކާ އެވެ. އެހެންވެ، ބަނދަރު މައްޗަށް އެއްވެ، ރޭގަނޑު ގަޑީގައި އެއް އަޑަަކުން އެގޮތަށް ކާޅު ގޮވާތީ ގިނަ މީހުން އެ މަންޒަރު ސިފަކުރީ ވެސް ބިރުވެރިކަމެއްގެ ގޮތުގަ އެވެ.
އެކަމަކު މަންޒަރު ރެކޯޑުކޮށް، ސޯޝަލް މީޑިއާއަށް އާއްމު ކުރެއްވި ހަސަން ޒަރީރަށް އެއީ އޭނާގެ ރަށް ށ. ކަނޑިތީމުން ހަމަ ކޮންމެ އަހަރަކުހެން ފެންނަ އާއްމު މަންޒަރެކެވެ. އޭގެ ބަދަލުގައި އޭނާ ކިޔައިދެއްވީ، ކާޅުތައް އެގޮތަށް ބަނދަރު މައްޗަށް އެއްވެ ތިބުމުގެ ސިއްރެވެ.
"އެއީ ހަމަ އޮއެމަދިރީގެ އުނދަގޫ،" ށ. ކަނޑިތީމު ސްކޫލުގެ ދިވެހި ޓީޗަރު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ދެ މޫސުން ބެދޭ ދުވަސްވަރު އެ ހިސާބުގަނޑުގައި އޮލަވާ މުށި ކުލައިގެ ކުދިކުދި މަދިރީގެ އުނދަގޫ އިންސާނުންގެ އިތުރުން ކާޅަށް ވެސް ބޮޑެވެ. ގަސްގަހުގައި ނިދާފައި ތިބޭއިރު، އައިސް ހަފައި ގަންނަނީ ލޮލުގަ އެވެ. އެހެންވެ، ލޮލު ފިޔައެއް ނުޖެހިގެން ރޭގަނޑު ގަޑީގައި ކުރީގައި ކާޅުތައް ރަށް މަތީގައި އުދުހި ގޮވުމަކީ އާއްމު ކަމެކެވެ. އޭރު މީހުން އެކަން ގުޅުވާލަނީ ވެސް ކޮންމެވެސް ނާމާން ކަމަކާ އެވެ.
އެކަމަކު ޒަރީރު ސިފަކުރެއްވި ގޮތުގައި ކާޅަކީ ވަރަށް ވިސްނުން ތޫނު ދޫންޏެކެވެ. މަދިރިތަކުން ސަލާމަތްވާން ކާޅަށް އެންމެ ރަނގަޅު ތަނަކަށް ފެނުނީ ބަނދަރު މައްޗެވެ.
"ރަށްރަށުގައި ބަނދަރު ހަދައި، ލައިޓު ޖެހި ފަހުން ކާޅުތަކަށް އެނގިއްޖެ، ވައިޖެހޭ އަދި އަލި މި ސަރަހައްދުގައި މަދިރީގެ އުނދަގޫ ކުޑަކަން. އެހެންވެ، ގަސްތައް ދޫކޮށްލާފައި ބަނދަރު މައްޗަށް ނުކުންނަނީ،" ޒަރީރު ވިދާޅުވި އެވެ.
ކަނޑިތީމު ބަނދަރުމަތީގައި ރަތްނިކަ ފަދަ ބޮޑެތި ގަސްތައް ގިނަ އެވެ. އެކަމަކު އިރުއޮއްސި، އަނދިރިކަން ވެރިވުމާ އެކު އެ ގަސްތަކުގެ ބަދަލުގައި، ކާޅުތައް ބައިގަނޑުތަކަށް އެއްވަނީ ބަނދަރުމައްޗަށް ބޮކީގެ އަލިގަނޑަށެވެ. އެ މަންޒަރު ސިފަކުރި ބައެއް މީހުން ބުނިގޮތުގައި ކާޅުތައް އެގޮތަށް ބަނދަރުމަތީގައި ތިބޭއިރު ހީވަނީ ގަސްތަކުގެ ހިޔަނިހެންނެވެ.
ޒަރީރު ކިޔައިދެއްވި ގޮތުގައި ކޮންމެ ރަށަކުން މި މަންޒަރެއް ނުފެނެ އެވެ. ކާޅު ނިދަން އަރަނީ ވެސް ވަކި އުސޫލެއްގެ މަތިން، ވައިމަތީގައި އޮންނަ ރަށަކަށެވެ. އެހެންވެ، ކަނޑިތީމާއި އެ ހިސާބުގަނޑުގެ އެހެން ބައެއް ވައިމަތީ ރަށްރަށުގައި މިއީ އާއްމު ކަމެކެވެ. ކާޅުތައް ރޭގަނޑު ގަޑީގައި މިގޮތަށް ބަނދަރު މައްޗަށް އެއްވެ ނިދަނީ މަދިރިން ސަލާމަތްވުމަށްކަން، މިއީ ވަރަށް ގިނަ އަހަރުތަކެއް ވާންދެން ބެލުމަށް ފަހު އޭނާ ނިންމެވި ގޮތެކެވެ. އޭނާ ވަނީ ކާޅުގެ ވިސްނުން ހުންނަ ގޮތާއި އޭގެ އުޅުމާ ގުޅޭ ގޮތުން ގިނަ ކަންކަން ހޯއްދަވައިފަ އެވެ.
މީގެ ދެ އަހަރު ކުރިން ޒަރީރު ލިޔުއްވި، 'އިހުތިބީންގެ ދުލުން، އެވޭލާ ދިރިއުޅުން' ފޮތުގައި މި ވާހަކަތައް ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދެއްވައިފަ އެވެ.
މި ފޮތުގައި އޭނާ ވަނީ، އިހުގައި ދިވެހިން ކާޅާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއި ކާޅުގެ ވިސްނުން ހުންނަ ގޮތާއި ދޫންޏާ ގުޅޭ ގޮތުން ބުނާ ހަރުބަސްތަކާއި މިސާލު ބަސްތައް ގެނެސްދެއްވާފަ އެވެ.
ކާޅާ ބެހޭ ގޮތުން އެ ފޮތުގައި ޒަރީރު ލިޔުއްވާފައިވެ އެވެ.
"ކާޅަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފަސޭހަކަމާ އެކު ދިރިއުޅޭ ދޫންޏެކެވެ. ފިންޏާއި ހޫނުގައި ވެސް ފަސޭހަކަމާ އެކު މި ސޮރަށް ދަތިކަމެއް ނެތި އުޅެވެ އެވެ. އިންސާނުންނާއި ޖަނަވާރުން ކާ ކޮންމެ އެއްޗެއް ކައިބޮއި ހަދަ އެވެ. ފޮންޏެއް، ލޮނެއް، ކުޅިއެއް، ހުތެއް ތަފާތެއް ނުކުރެ އެވެ. ޖެހުނު ކޮންމެ އެއްޗެއް ކައިބޮއި ހަދަ އެވެ. މީހުންނާ ގާތް، އުނދަގޫ ކުރުމުގައި ދެވަނައެއް ނެތް ތުރާ، ދޫންޏެއް ކަމުގައި ބަލައި ވެސް ނުގަންނަ ދޫންޏެކެވެ."
މޫސުން ބެލުމުގައި ވެސް ކާޅުގެ ފާޑުވެރިކަން ހުންނަކަން ޒަރީރު ފާހަގަ ކުރެއްވި އެވެ. ފޮތުގައި އޭނާ ލިޔުއްވާފައި ވެ އެވެ؛
"އިރުއަރާ އަލިވުމުން، ކާޅު ބައެއް ނުވަތަ ދެބައި ތިން ބައި، އުދުހިފައި ރަށުގެ އޮއިމައްޗަށް ނުކުންނަކަން ފާހަގަ ކުރެވެ އެވެ. މި ނުކުތުމުގައި ރަށާ ދުރުން މާމައްޗަށް އަރާފައި އެނބުުރި އާދެ އެވެ. މިއީ ދުވަހުގެ މޫސުން ދެނެގަތުމަށް މި ސޮރުމެން ކުރާކަމެއް ކަމުގައި އަޅުގަނޑަށް ފާހަގަ ކުރެވެ އެވެ."
ފޮތުގެ އެހެން ތަނެއްގައި ވެ އެވެ؛
"ކާޅު ހާއްޔަކަށް މީހަކު ގެއްލުމެއް ދީފި ނަމަ، ނުވަތަ ދޭން އުޅޭ ނަމަ ކާޅު ފާޑެއްގެ ރާގަކަށް ގޮވާލަ އެވެ. މި ގޮތަށް ގޮވާލުމާއެކު އަވަށުގައި އުޅޭ ހުރިހާ ކާޅެއް އެތަނަށް ޖަމާވެ އެވެ. އަދި ގެއްލުން ދޭ މީހާއާ ދިމާކޮށް، ކޮށާ ހަދަ އެވެ. އަދި ބިހާ ނުވަތަ ދަރިންނާ ކުޅެ ހަދައިފި ނަމަ އެ މީހަކު ފާހަގަކޮށް، ބޮލުގައި ކޮށާ، ފަހަތު އަޅުވާލައިގެން އަހަރަކަށް ވުރެ ގިނަ ދުވަހު އުޅެ އެވެ."
ޒަރީރު ލިޔުއްވި ގޮތުގައި ކާޅު ގޮވުމަކީ ގިނަ ވާހަކަތަކެއް ބުނެދޭ ކަމެއް ކަމަށް އިހުގެ މީހުން ގަބޫލު ކުރެ އެވެ. އިންސާނުންނަށް ނޭނގޭ އެތައް ކަމެއް، ގޭދޮށަށް އައި އެކި ރާގުރާގަށް ގޮވައި ބުނެދޭ ކަމަށް މީހުން ގަބޫލު ކުރި ކަމަށް ވިދާޅުވި އެވެ. އެގޮތުން ކާޅުގެ ބަހުރުވައިން ދޭ މެސެޖުގެ ގޮތުގައި އިހުގެ މީހުން ގަބޫލު ކުރި ބައެއް ކަންކަމުގެ ތެރޭގައި:
-
މަސްއޮޑި މަސް ބޭނުން
-
މަސްމުޅޯށި އަޅަން ޖެހުން
-
މާލެ ބައްތެލި މާލެއިން ފުރުން
-
ދުރުގައިވީ ބަޔަކަށް ހިތާމަވެރި ހާދިސާއެއް ހިނގުން
-
ގެއަށް ބީރައްޓެއްސެއް ނުވަތަ ގިނަ ދުވަސްވީ މީހެއް ޒިޔާރަތް ކުރުން
އެ ސޮރުމެން އެ 'ބުނާ ވާހަކަ' އަކީ ސައްހަ ވާހަކައެއްތޯ ޔަގީން ކުރަނީ، ކާޅު ފައްސާލުމުން ދެ ވަނަ ފަހަރަށް އައިސް ވެސް ހަމަ އެގޮތަށް ގޮވަން ފެށުމުން ކަމަށް، އިހުގެ މީހުންނާ ހަވާލާ ދެއްވާ ޒަރީރު ފޮތުގައި ލިޔުއްވާފައިވެ އެވެ.
ކޮމެންޓް (1)
ޞުއްލި