ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު (ކ) ރައީސް މުހައްމަދު މުއިއްޒަށް އަރުވަނީ
ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު ރައީސް މުއިއްޒަށް އަރުވައިފި
ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ހުސެން އަބްދުއްރަހްމާންގެ ފަނޑިޔާރު ހެދުންކޮޅު އެމަނިކުފާނަށް މިއަދު ހައި ކޯޓުން ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟- ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ބައްޕާފުޅުގެ ހެދުންކޮޅު ރައީސް މުއިއްޒުއަށް އެރުވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދެވެ. އެއާ އެކު، ހައި ކޯޓަށާއި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވައި، ހުސެން އަބްދުއްރަހްމާންގެ ހަނދާނަށް ރަމްޒީ ފިލައެއް ވެސް ހަވާލުކުރެއްވި އެވެ.
މި ފިލައާ ހަވާލުވެވަޑައިގަތީ ވެސް ހުސެއިން އަބްދުއްރަހުމާންގެ ހަމައެކަނި ދަރިކަލުން ރައީސް މުއިއްޒެވެ.
ހއ. ވަށަފަރަށް އުފަން ހުސެން އަބްދުއްރަހްމާނަކީ، ފަނޑިޔާރެއްގެ އިތުރުން މުޅި ހއ. އިން ވެސް އުފެދުނު ދީނީ އިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ:
-
ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ވެސް ހިދުމަތް ކުރައްވާފައި
-
ދީނީ ތައުލީމު ފުޅާކުރައްވައި، ހޭލުންތެރިކުރެއްވުމަށް ކުރެއްވި މަސައްކަތަށް ގައުމީ އިނާމު ވެސް ލިބިވަޑައިގެންނެވި
ހުސެން އަބްދުއްރަހްމާނަކީ ރާއްޖޭގައި ފުރަތަމަ ހައި ކޯޓު އުފެއްދެވުމާ އެކު އައްޔަންކުރެއްވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެވެ. އެމަނިކުފާނު އަވަހާރަވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން އުޅުއްވަނިކޮށް، 2015ގަ އެވެ. އޭރު މުއިއްޒު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
ކޮމެންޓް (1)
ނެޓް