'ހިޔާވެހި ފައިނޭންސިންް ސްކީމް'ގައި ބީއެމްއެލް ބައިވެރިިވުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގެދޮރު އަޅަން ލުއި ލޯނު ދޭ ސްކީމުގައި ބީއެމްއެލް ބައިވެރިވެއްޖެ
ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ ލޯނު ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައިވެރިވެ، އެކަމާ ގުޅޭ އެމްއޯޔޫގައި ހައުސިން މިނިސްޓްރީ އާއި އެ ބޭންކާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޯޔޫގައި ސޮއިކުރެއްވީ:
-
ހަައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
-
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް
ތަފްސީލް - ބޯހިޔާވަހިކަމަށް ދޫކުރާ ލުއި ލޯނުގެ ދަށުން %5 އިންޓްރެސްޓު ރޭޓުގައި 1 މިލިއަން ރުފިޔާ އިން ފެށިގެން 6 މިލިއަން ރުފިޔާ ހަމައަށް ދޫކުރާނެ އެވެ.
'ހިޔާވެހި ފައިނޭންސް ސްކީމު'ގެ ދަށުން ރަށްރަށުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާއިރު، އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 4 މިލިއަން ރުފިޔާއާ ހަމައަށް އަދި މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ.
-
މި ސްކީމުގެ ދަށުން އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ
-
ލޯނު ދޭނީ އަލަށް ގެ އަޅާ މީހުންނަށް
-
ލޯނު އަނބުރާ ދައްކަން 25 އަހަރު ލިބޭނެ
"ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީއަލަށް މި ލޯނު ވާނެ،" ހައިދަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާއެއް ތެރޭ އެޕްލިކޭޝަނަށް ހުޅުވާލާނަން."
ގުޅުން ހުރި - ގެދޮރުވެރިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަކީ ސަރުކާރުގެ 'ހަފްތާ 14' އެޖެންޑާގައި ހިމެނޭ ކަމެކެވެ.
މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ހުލުވާލާ ފުރުސަތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ވެސް މީގެ ކުރިން ވަނީ އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.
ކޮމެންޓް