23 އޮކްޓޯބަރު 2024: ސިނަމާލެ ބުރިޖު ކައިރި ބޮޑޫތަކުރުފާނު މަގައް ދުއްވާފަ ދިޔަ ޕިކަޕަކުން ކުލަ ފާޓާތަކެއް ވެއްޓިފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކުލަ ފާޓާތަކެއް ބަންޑުންވެ، ބުރިޖު މަގުގައި ލެވުނު ކުލަތައް ސިފައިން ސާފުކޮށްފި
ޕިކަޕެއްގައި އުފުލި ކުލަ ފާޓާތަކެއް ބަންޑުންވެ، ސިނަމާލެ ބުރިޖުގެ މާލޭ ކަންމަތީ މަގުގައި ލެވުނު ކުލަތައް އެމްއެންޑީއެފްއިން ނިކުމެ ސާފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ބޮޑުތަކުރުފާނު މަގު މޫންލައިޓު ހިނގުން ގުޅޭ ހިސާބުގައި މިއަދު މެންދުރު ފަހު ހިނގި މި ހާދިސާގައި ބުރިޖު ކަންމަތީ މަގެއް ވަނީ ކުލައިން ހަރާބުވެފަ އެވެ.
ތަފްސީލް - ގިނަ އަދަދެއްގެ ކުލަ ފާޓާތަކެއް ބަރުކޮށްގެން ދިޔަ އެ ޕިކަޕުން ވެއްޓުނު ބައެއް ކުލަ ފާޓާތައް އެ ސަރަހައްދަށް ބަންޑުންވެފައިވުމުގެ ސަބަބުން އެ ސަރަހައްދު ބަންދުކޮށް ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މަގަށް އެޅިފައިވާ ކުލަތައް ސާފުކޮށްފައިވަނީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިންނެވެ.
ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތައް ވެއްޓި މަގުމައްޗަށް ކުލައެޅުމާ ގުޅިގެން، މަގުމަތީގައި ހުރި ކުލަތައް ސާފުކުރުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެއްޖެ. pic.twitter.com/4w7hVcjM8a
— Maldives National Defence Force (@MNDF_Official) October 23, 2024
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އައި ޕިކަޕެއް ފުރާ މުދާ ބަރުކޮށްގެން އަންނަނިކޮށެވެ. މި ޕިކަޕުން ވެއްޓުނު 20 އަށް ވުރެ ގިނަ ކުލަ ފާޓާތަކުގައި ހުރި ކުލަތައް ވަނީ އެ ސަރަހައްދުގެ މަގު މައްޗަށް ފައިބާފަ އެވެ.