އަގަސްޓު 20، 2023: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވޭޕް

ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެސް ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާވާނެ: އިހުސާން

އިހުސާން ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ގްރޭޑް 3ގެ ކުދިންނަށް ވެސް ގަދަކަމުން ވޭޕް ދޭން މަސައްކަތްކޮށްފައި އެބަހުރި

ރާއްޖެ އަންނަ ފަތުރުވެރިން ވެސް ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުމުން މަނާ ވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ވޭޕްކުރަން ބޭނުންކުުރާ ހުރިހާ ބާވަތެއްގެ އެއްޗެހި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން:

  • ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހު 15އިން ފެށިގެން މަނާވާނެ

  • ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރުން ފެށިގެން މަނާވާނެ

ތަފްސީލު - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު 'ދައުރު'ން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ ސަރުކާރުގެ މި ފިޔަވަޅު ފަތުރުވެރިންގެ މައްޗަށް ވެސް ހިނގާނެ ކަމަށެވެ.

"އާދެ، 15 ނޮވެމްބަރުން ފެށިގެން ރާއްޖޭގެ ބޮޑަރުން އެތެރެވާ ހަމަ ކޮންމެ މީހެއް ވިޔަސް ވޭޕް އެތެރެކޮށްފި ނަމަ، އަޅުގަނޑުމެން އިންޓަސެޕްޓް ކުރާނަން،" ފަތުވެރިންނަށް ވެސް ވޭޕް އެތެރެ ކުރުން މަނާ ވާނެތޯ އެހުމުން އިހުސާން ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްގައި ހޯމްލޭންޑް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އޭނާ ވިދާޅުވީ ހަމަ އެގޮތަށް 15 ޑިސެމްބަރުން ފެށިގެން ފަތުރުވެރިން ރާއްޖޭގައި ވޭޕް ބޭނުން ކުރުމަކީ ވެސް މަނާ ކަަމަކަށް ހަދާނެ އެވެ.

"ފަހަރުގައި ދެން އެހެން ބަޔަކު ފަހުން ވެރިކަމަށް އައިސްގެން ފަތުރުވެރިންނަށް ހާއްސަ ހާލަތެއް ގާނޫނުގެ ދަށުން ދީފާނެ، މިސާލަކަށް ރަލާއި އޫރުމަސް ރިސޯޓުތަކުގައި ބޭނުން ކުރެވޭ ގޮތަށް. އެކަމަކު އަޅުގަނޑުމެންގެ ނެތް އެ ވިސްނުމެއް އަދި،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ވޭޕް މަނާ ކުރުމާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އިހުސާނާ ކޮށްފަ އެވެ. އޭނާ ވިދާޅުވީ އެއީ ޒުވާނުންނާއި ގައުމުގެ ކުރިމަށްޓަކައި ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

ސްކޫލްތަކުގައި ވޭޕް ކުރުން އިތުރުވެފައިވާކަން ފާހަގުރައްވައި އިހުސާން ވިދާޅުވީ ދަރިވަރުންނަށް މަސްތުވާތަކެތި ދޭން ބޭނުން ކުރާ އެއްޗަކަށް ވޭޕް ހަދާފައިވާ ކަމަށެވެ. އަދި ބުލީ ކޮށްގެން ކުދިންނަށް ވޭޕު ދީފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލުގައި ފާހާނާއަށް ދާ މަގުމަތީގައި ނޫނީ ފާހާނާ ކައިރިން އެ ކުއްޖާއަށް އެހެން މީހަކު ވޭޕް ސްޓިކެއް ދީ އެ ދެމުމަށް މަޖުބޫރުކޮށް ބުލީ ކުރާކަން ވެސް ފާހަގަވެފައި އެބަހުރި. އަދި ސްކޫލުތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެސް ވަނީ އެތައް ހާސް ވޭޕް ސްޓިކެއް މިދިޔަ އެއް އަހަރު ތެރޭ ނަގާފައި. މިކަން އެބަ ޖެހޭ ނިމުމަކަށް ގެންނަން،" މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް