ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގަން ނިޝާން ހަރުކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވޭޕް

ސްކޫލުތަކުގެ ތެރެއިން މިދިޔަ އެއް އަހަރު ތެރޭ އެތަކެއް ހާސް ވޭޕް ސްޓިކް ނެގި: އިހުސާން

ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހިންނަކީ ސިނގިރެޓުން ވެސް ސަލާމަތް ވެފައިވާ ބަޔަކަށް ހެއްދެވުުން ކަމަށް އިހުސާން ވިދާޅުވި
2 ގަޑިއިރު ކުރިން

ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން މިދިޔަ އެއް އަހަރު ތެރޭ އެތަކެއް ހާސް ވޭޕް ސްޓިކް ފެނިފައިވާ ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވޭޕްކުރަން ބޭނުންކުުރާ ތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމުގެ ދަށުން ހަމަޖައްސާފައިވަނީ:

  • ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ 15 ނޮވެމްބަރުން ފެށިގެން މަނާކުރަން

  •  ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް

މިކަަމަށް ބޭނުންވާ ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ތަފްސީލް - ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ސްކޫލުތަކުގައި ގްރޭޑު 3ގައި ކިޔަވާ ކުދިންނަށް ވެސް ބުލީ ކޮށްގެން ވޭޕު ދީފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

"ސްކޫލުގައި ފާހާނާއަށް ދާ މަގުމަތީގައި ނޫނީ ފާހާނާ ކައިރިން އެ ކުއްޖާއަށް އެހެން މީހަކު ވޭޕް ސްޓިކެއް ދީ އެ ދެމުމަށް މަޖުބޫރުކޮށް ބުލީ ކުރާކަން ވެސް ފާހަގަވެފައި އެބަހުރި. އަދި ސްކޫލުތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެސް ވަނީ އެތައް ހާސް ވޭޕް ސްޓިކެއް މިދިޔަ އެއް އަހަރު ތެރޭ ނަގާފައި. މިކަން އެބަ ޖެހޭ ނިމުމަކަށް ގެންނަން،" އިހުސާން ވިދާޅުވި އެވެ.

ވޭޕް މަނާކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމެވި މައިގަނޑު ސަބަބަކީ، އިހުސާން ވިދާޅުވި ގޮތުގައި، ވޭޕުގެ ޒަރިއްޔާ އިން މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިން ޖެއްސުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމެވެ. 

"އަޅުގަނޑުމެންގެ ތުއްތު ކުދިން، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޒުވާނުން، ރާއްޖޭގެ މުސްތަގުބަލު، ހުރިހާ އެންމެން މަސްތުގެ މާހައުލަށް ދިޔައީމާ އެއީ މި ގައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ވޭޕް މަނާކުރުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް އެއީ ރާއްޖޭގެ ކުރިމަގަށް މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މިކަމުގައި ވަރަށް ގިނަ ޒުވާނުން، ކެޝުއަލީ، ސޯޝަލީ ކުރާ ކަމެއް މިއީ. އެހެންނަމަވެސް މިކަމުން ލިބޭ ބޮޑު ގެއްލުމުން ސަލާމަތް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދަޅުވީ ވޭޕު މަނާކުރުމާ ގުޅިގެން ތަންފީޒު ކުރަން ޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ކަސްޓަމްސް އިން ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ.

ވޭޕް މަނާކުރާ އިރު ސިނގިރޭޓު މަނާނުކުރާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެއީ ކޮންމެވެސް ވަރަކަށް ގުޅުން އޮތް ދެ މައްސަލަ ނަމަވެސް ކަމުގެ ބާވަތުން އެއީ ގުޅުން އޮތް ދެ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، އިހުސާން ވިދާޅުވިގޮތުގައި، ރާއްޖޭގެ ޒުވާނުންނާއި ހުރިހާ ދިވެހިންނަކީ ސިނގިރެޓާއި ދުމުގެ ނުރައްކަލުން ވެސް ސަލާމަތްވެފައިވާ ޖީލަކަށް ހެއްދެވުުމެވެ.

އެނގުން މުހިއްމު - ސަރުކާރުން ވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ވެސް ނިންމައި އެކަމަށް ގެންނަން ޖެހޭ ގާނޫނީ އިސްލާހުތައް މަޖިލީހަށް ހުށަހަޅައިފަ އެވެ.

ގުޅުންހުރި - ވޭޕާއި ދުންފަތާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން، ދުންފަތާއި އެއިން އުފައްދާ ތަކެތިން ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމަރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ނިންމަވާފައިވާކަން ރައީސް ރޭ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް