ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން (ފޮޓޯ/މަޖިލިސް)

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާ ސަބަބާ ގުޅޭ ގޮތުން މެންބަރުންގެ ބަހުސެއް

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަނީ ދައުލަތަށް އާމްދަނީ ހޯދަން ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރެއްވި
8 ގަޑިއިރު ކުރިން
1

ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ މި މަހުގެ 15ގަ އެވެ. އެކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެންނަ އިސްލާހުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެވެ.

އެނގުން މުހިންމު - އެ ބިލުގައިވާ ގޮތުން:

  • ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ މަހުން ފެށިގެން ބޮޑުކުރުން؛ އެ ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ މަޖިލީހަށް ފޮނުވާފައި

  • ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިކުރުން؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ

  • ސިނގިރޭޓާއި މުދަލުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިކުރުން

އެ ބިލުގެ އިބްތިދާއީ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މަޖިލީހުގެ ފުރަތަމަ ދަންފަޅީގައި ބިލަށް ބަހުސް ކުރިއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފައްދަވާފަ އެވެ. އެ މެންބަރުން ވަނީ، މިއީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ކުރާ ކަމެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސިއްހަތަށް ގެއްލުން ލިބޭ ދުންފަތް އާންމުންނަށް ލިބޭ ފުރުސަތުތައް ހަނި ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެގޮތުން ވޭޕާއި ވޭޕްކުރަން ބޭނުންކުުރާ އެންމެހާ ތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް، ވަގުތުން ވަގުތަށް ގާނޫނަށް ގެންނަ ބަދަލު ފާސްކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ ކިހާ މިންވަރަކަށް އިތުރު ކުރެވިދާނެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މި ބިލު ހުށަހެޅުއްވި މެންބަރު ފާހަގަކުރައްވާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ބޭނުންކުރުމަށް ބޭނުންކުރެވޭ އާލަތްތައް ރާއްޖެ އެތެރެކުރުން މަނާކުރެވޭ ތާރީހާ ހަމައަށް ރާއްޖެއަށް އެތެރެކުރެވޭ ވޭޕް ފަދަ އާލަތްތަކުގެ އިމްޕޯޓް ޑިއުޓީ އިތުރު ކުރުމަށް ގާނޫނަށް ގެނެވޭ ބަދަލެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާ ވާނެ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާނުކުރައްވާފަ އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

"މިއަދުން ފެށިގެން 15 ނޮވެމްބަރާ ދޭތެރޭ މިއޮތީ ގާތްގަނޑަކަށް 20 އަކަށް ދުވަސް ނުވަތަ އަޅުގަނޑުމެންގެ މަސައްކަތަށް ބަލާ ނަމަ އެއަށް ވުރެ މަދު ދުވަސްކޮޅެއް. ވިހި ވަރަކަށް ނުވަތަ މަސައްކަތުގެ 15 ވަރަކަށް ދުވަހުގެ ތެރޭގައި މި ބިލު އަޅުގަނޑުމެން އަވަސް އަވަހަށް ފާސްކޮށްލައިގެން އެ ލިބޭ މުއްދަތުގައި ދައުލަތުގެ އާމްދަނީއަށް ކިހާ ވަރެއް އިތުރުކުރެވިދާނެތޯ، ކިހާ ވަރެއްގެ ތަކެތިތޯ ރާއްޖެއަށް އެތެރެކުރެވެނީ 15 ވަރަކަށް ދުވަހުގެ ތެރޭގައި،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ޝިޕްމަންޓެއް ޖަހައިގެން ވެސް އަންނަ މަހުގެ 15ގެ ކުރިން ރާއްޖެ ނުގެނެވޭނެ ކަމަށް އެކަމާ ބެހޭ މާހިރުން ވެސް ވިދާޅުވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ މިއީ ދައުލަތަށް އާމްދަނީ ހޯދަން ކުރާ ކަމެއްކަން ދޭހަވާ ގޮތަށް ސުވާލު އުފައްދަވާފަ އެވެ.

އޭގެ އިތުރުން މައުރޫފް ވަނީ، ވޭޕް މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެންނަން ބިލު ހުށަނާޅައި މި ބިލު ހުށަހެޅުމުން ވެސް ސުވާލު އުފައްދަވާފަ އެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ޑިއުޓީ މިހާ ބޮޑުކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެގޮތަށް ޑިއުޓީ ބޮޑުކުރާއިރު އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއްތޯ ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މިއުޅެނީ ހާލަތާ ނުބައްދަލު ބާރެއް ބޭނުންކުރަން. ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން އަޅުގަނޑު ދެކޮޅެއް ނޫން، އެހެން ނަމަވެސް މިއަދު މި ބޮޑުކުރާ ވަރަށް ކުރަން އަޅުގަނޑު ދެކޮޅު،" އޭނާ ވިދާޅުވި އެވެ.

އަބްދުލްގަފޫރު ވިދާޅުވީ 18 އަހަރުން މަތީގެ އާބާދީގެ %40 އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ބަޔަކަށް ވާއިރު، މިފަދަ ބަދަލަކާ އެކު ވާނެ ގޮތް ވިސްނަން ޖެހޭ ކަމަށެވެ.

"އޮޅިގެން ނަމަވެސް ބިލު ހުށަހެޅި މެންބަރު ވިދާޅުވެއްޖެ މިއީ ދައުލަތުގެ އާމްދަނީ އިތުރުކުރަން ކުރާ ކަމަކަށް،" ދައުލަތުގެ އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ރައްޔިތުންނާ ހަވާލުކުރަންވާނީ ރައްޔިތުންނަށް އުފުލޭ ވަރުގެ ބުރައެއްކަން ފާހަގަކުރައްވަމުން އަބްދުލްގަފޫރު ވިދާޅުވި އެވެ.

މެންބަރު ހުސެން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ވެސް ވިދާޅުވީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޑިއުޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީން ބޭސްފަރުވާއަށް ހޭދަކުރާ ނަމަ އެ ކަމަށް ހައްލެއް ނެތް ކަމަށެވެ. އަދި މިފަދަ ގާނޫނުތައް ހަދައިގެން އެކަން ރަނގަޅަށް ތަންފީޒު ނުކުރެވޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ މިސާލެއްގެ ގޮތުން، ސިނގިރޭޓް ވިއްކުން މަނާކުރި ނަމަވެސް އެކަން ރަނގަޅަށް ތަންފީޒުނުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ޕޮއިންޓަކީ ހަމައެކަނި ލިބޭނެ އާމްދަނީއަކަށް ބަލައިގެން ކޮންޓްރޯލް ކުރަންޏާ ކުރެވޭ ވަރު އެއްޗެއް ނޫން ސިނގިރޭޓަކީ. ސިނގިރޭޓް އަގުބޮޑުކުރުމުން އޭގެ ނަތީޖާ އެބަ ނުކުމޭ އެހެން ދިމަދިމާލުން،" ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު ވޭޕްގެ މަގުބޫލުކަން އިތުރުވެގެން ދިޔަކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވި އެވެ.

"އެ ނުރައްކާ ކަމެއް. އެ [ވޭޕް] މަނާކުރަންވީ އަޅުގަނޑު ވެސް އެކަމަށް މަރުހަބާ ކިޔަން. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާތީ ވެސް އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ މި ބޮޑުކުރާ ޑިއުޓީއަކުންނެއް މިއަކުން ނަތީޖާއެއް ނުފެނެއޭ."

އެމްޑީޕީ މެންބަރުންގެ މި ވާހަކަތާ، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި މެންބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެ މެންބަރުން ވިދާޅުވީ މިއީ ދައުލަތަށް އާމްދަނީ ހޯދަން ގާނޫނަށް ގެންނަ އިސްލާހެއް ނޫން ކަމަށާއި މިއީ ދުންފަތާ ޒުވާނުން ދުރުކުރަން ކުރާ ކަމެއް ކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން ވިދާޅުވީ މިއީ ދައުލަތަށް އާމްދަނީ ހޯދަން ކުރާ ކަމެއް ނަމަ، ސަރުކާރުން ވޭޕް މަނާކުރަން ނުނިންމައި އެއިން ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

"އެއްގޮތަކަށް ވެސް މީގެން ދައުލަތަށް އާމްދަނީއެއް ހޯދަން ކުރާ ކަމެއް ނޫން. އެގޮތަށް އެ ވިސްނުމުގައި ކުރާ ކަމެއް ނަމަ ވޭޕް ވެސް މަނާނުކޮށް، ވޭޕަށް ވެސް އިތުރު ޑިއުޓީއެއް ނަގައި އިތުރަށް ޕްރޮމޯޓްކޮށް، އިތުރަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް ކުރެވިދާނެ. އެކަމަކު އެގޮތަކަށް ނޫން ސަރުކާރުން އަމަލު ކުރަނީ،" އަޒާން ވިދާޅުވި އެވެ.

އަޒާން ވަނީ އެހެން ބައެއް ގައުމުތަކުގައި ގާނޫނަށް އިސްލާހު ގެނެސްފައިވާ ގޮތަށް ރާއްޖެއަށް ވެސް ގެނެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ވަކި އަހަރެއްގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ނުގަނެވޭ ފަދަ ގާނޫނެއް ގެނެވިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އޭރުން ފަހުން އަންނަން އޮތް ޖީލުތައް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުންފަތުގެ އަގު ބޮޑުކޮށްގެން ދުންފަތް ބޭނުންކުރާ މީހުންގެ އަދަދު މަދުވާކަން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ހަދާފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށްވެސް އަޒާން ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން، އޮސްޓްރޭލިއާގައި ދުންފަތުގެ އަގުބޮޑުކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް %20 އިން %11އަށް ކުޑަވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"... ދިވެހިރާއްޖޭގެ ގިނަ މީހުންނަކީ ވެސް ލޯ އިންކަމް ނުވަތަ މިޑުލް އިންކަމް ލިބޭ މީހުން. އެހެންވީމަ މި ތައާރަފްކުރެވޭ ޓެކްސްއާ އެކު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރެވޭނެކަން ޔަގީން،" އަޒާން ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ މިއީ ދައުލަތަށް އާމްދަނީ ހޯދަން ގެންނަ ބަދަލެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"މި އިސްލާހު މަޖިލީހަށް ފޮނުވާފައި މިއޮތީކީ އެއްގޮތަކަށް ވެސް އެ ނިޔަތެއްގައެއް ނޫން. އެއަށް ވުރެ މާ މާތް މަގުސަދެއްގައި، ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ގާއިމްކޮށްދިނުމަށްޓަކައި، ޒުވާނުން މި ވޭޕްގެ ތެރޭގައި ހަލާކުވެގެންދާ ޖީލު ރަނގަޅުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ އެވެ. މިހާރު ފޮއްޓެއް ވިއްކަނީ 100ރ.އަށް ވުރެ ބޮޑު އަގެއްގަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ހިމާރުލްގައުމު

7 ގަޑިއިރު ކުރިން
ޑރ ނަމުގެ ކުރިޔަށް އަޔަސް ތަނެއްގެ ސަރުދާރެއްގެ ފެންވަރުގެ މީހަކު ގައުމެއްގެ ވެރިކަމަށް ދޮގު ބުހުތާނާ އޮޅުވާލުމާ އެހެން މީހެއްގެ ހިޔަނީގަ އައިސް އޭނައަށް ވެރިކަން ކުރަން ނޭނގިގެން އުޅޭތަން މިވީ އަހަރެއްހާ ތެރޭގަ މި ފެންނަނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް