ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
'މިނިވަންކަން ގެއްލުނު' ކަންކަމަށް ޖިނާއީ ތަހުގީގެއް ނުހިންގާތީ ޔާމީން ސުވާލު އުފައްދަވައިފި
ވެރިކަންކުރާ ޕީއެންސީ-ޕީޕީއެމް އިދިކޮޅުގައި އޮތް އިރު "މިނިވަންކަން ގެއްލުނު" ކަމަށް ވަކާލާތު ކުރި ކަންކަމަށް ޖިނާއީ ތަހުގީގުތައް ނުހިންގާތީ އެ ކޯލިޝަންގެ ކުރީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ސުވާލު އުފައްދަވައިފި އެވެ.
ކަމުގެ ފެށުން - ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހާރިޖީ އަދި އަސްކަރީ ބައެއް ސިޔާސަތުތައް އޮތީ މިނިވަންކަން ގެއްލޭ ގޮތަށް ބުނެ، އެ މައްސަލަތައް ބެލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން:
-
އިންޑިއާއާ އެކު ގާއިމުކުރި އަސްކަރީ އެއްބަސްވުންތަކުގައި މިނިވަންކަމަށް އަސަރުކުރާ އެއްވެސް ކަމެއް އޮތްތޯ ބެލުން
-
ރާއްޖޭގެ ދެކުނުގެ ކަނޑާއި މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އޮތް ކަމަށް ބުނެ މުރާޖާކުރަން އިޓްލޮސްއަށް ހުށަހެޅުން
ވީ ކިހިނެއް؟ - ޔާމީން މިހާރު ހިންގަވާ ޕީއެންއެފް ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގެ މައިގަނޑު މައުލޫއަކަށް ދެއްކީ އެ ސަރުކާރުގެ އެ ވައުދު ފުއްދުމަށް މަސައްކަތެއް ނުހިނގާ ކަމުގެ ކަންބޮޑުވުންތަކެވެ.
ކީކޭ ބުނީ؟ - އެ ޖަލްސާގައި ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުން ކުރިއަށް ގެންދަން ނިންމި ނިންމުމަކީ ސަރުކާރުގެ ވައުދާ ދުރަށް ޖެހުން ކަމަށެވެ. އަދި އެއްބަސްވުން ހާމަނުކޮށް މި ސަރުކާރުން ކުރިއަށް ގެންދާތީ ވެސް ޔާމީން ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.
އެ އެއްބަސްވުން އެ ސަރުކާރުން ގާއިމުކުރީ ގާނޫނުއަސާސީގައި ބަޔާންކުރާ މަރުހަލާތައް ފުރިހަމަކޮށްފައިތޯ ވެސް ފުރަތަމަ ކަމަކަށް ބަލަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިފަދަ ނިންމުމެއް ރައީސް ނިންމަވަން ވާނީ ކެބިނެޓާ ކުޑަމިނުން މަޝްވަރާކޮށްފައި. ސިފައިންގެ ޖެނެރަލުންނާ އެކު ކޮމާންޑާ-އިން-ޗީފް، ރައީސުލްޖުމްހޫރިއްޔާ އިށީންނަވައި ޖެނެރަލުންގެ ހިޔާލު ހޯއްދަވާފައި މިފަދަ ނިންމުމެއް ނިންމަވަން ވާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ދެން ސުވާލު އުފެއްދެވީ ރައީސް މުއިއްޒުގެ ސަރުކާރަށް ކުރީގެ ސަރުކާރުގެ ބޭފުޅުންނާއި އޭގައި ބައިވެރިވި ސިފައިންގެ އިސް އޮފިސަރުން ޖަވާބުދާރީ ކުރުވަން ކެރޭނެތޯ އެވެ.
"މި ސަރުކާރަށް ކެރޭނެތޯ މި ކަމަށް މި ބޭފުޅުން ޖަވާބުދާރީ ކުރުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދު ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލާގައި އަދިވެސް ދިރާސާ ކުރުމާއި ބޭރު މާހިރުންގެ ލަފާ ހޯދުމަށް ވުރެ އިތުރަށް އެއްވެސް ފިޔަަވަޅެއް ނޭޅޭތީ އެ ކަމަށް ވެސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެެވެ.
މޮރިޝަސްގެ ބޮޑުވަޒީރާއި ކުރީގެ ރައީސް ސޯލިހާ ދެމެދު ކަންކަމަކަށް އެއްބަސްވެފައި އޮތްކަން މި ސަރުކާރަށް ފާހަގަކުރެވުނު ނަމަވެސް އެކަމަކު އެއްވެސް ޔައުމިއްޔާއެއް ނެތް ކަމަށް ބުނެ އެއްވެސް ކަމެއް ނުކޮށް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދެން ބޮލެއް ހުރި މީހަކަށް ވިއްޔާ އެނގެންވާނެދޯ، މި ވަރުގެ ވާހަކައެއް ޕަބްލިކަކު ނުދައްކާނެކަން. އެ ވަރުގެ ޖަރީމާއެއް ހިންގާފައި އޭގެ ލިޔެކިޔުން ބަހައްޓާނެތަ؟ ޖިނާއީ ތަހުގީގެއް ކުޑަމިނުން ހިންގާކަށް ނުޅޭ މިކަންކަމުގައި،" ޔާމީން ސުވާލުތަކެއް އުފައްދަވަމުން ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް މި ސަރުކާރުން ނުބަލާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެއީ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް އޭރުގައި ފުރުސަތު ދިނީ އެފަދަ ބައެއް ޝަރުތުތަކަށް އެއްބަސްވެގެން ކަމަށް ޔާމީން ވިދާޅުވާ ވާހަކަ ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
"މި ބޭފުޅުންގެ ދެމެދު އަހުދުނާމާއެއް ގާއިމުކޮށް ނިންމައިފައި އެ އޮތީ،" ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް (1)
ހޮޅި ބޮޅި